Monday, December 5, 2011

އަންހެނެއްވިއްޔާ ހަންގަޑެވެ. - 'ޕިއްލޭ' މެން އަންހެނުންނަށް ހޯދައިދޭ ކަރާމަތާއި ޝަރާފަތުގެ ތެރެއިން

މިއަދު އަޅުގަނޑުމެންގެތެރެއަށް ފެތުރިގެންމިދިޔައީ ކޮންމެވެސް ޕިއްލޭއެއްގެ އަޑެކެވެ. މިވާގޮތަކީ ދިވެހި ރާއްޖޭގައި އަންހެނުންގެ ޝަރާފަތާއި ކަރާމާތް ނިގުޅައިގެނެވެނީޔޯއެވެ. އެކަނބަލުންނަށް އިހާނެތިކޮށް ހިތެވެނީ ޔޯއެވެ. ލަދުވެތިކަމާއި ޝަރާފަތާއި ކަރާމާތުން އެއްކިބާވެ ޒިނޭގެ ލަދުޙަޔާތެއްނެތް ޢަމަލުހިންގުމުގެ ސަބަބުން ޙައްދުޖެހުން ޤާއިމްކުރުމަކީ ޒަމާނީޑިމޮކްރަސީގެ 'މަތިވެރި' އުސޫލުތަކާއި އަންހެނުންގެ ޢިއްޒަތާއި ފުށުއަރާކަމަކަށް ވަނީޔޯއެވެ. އަދި މިކަމާމެދު ދިވެހިން ބަހުސަކަށް ދާންވީއްޔޯއެވެ؟ އަދި މިނޫނަސް އަޅުގަނޑުމެންގެ މާތް އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކަށް ހަޖޫޖެހުމުގެ ގޮތުން އިތުރުވާހަކަތައް މިކަނބުލޭގެ ދެއްކިމެއެވެ.

ކޮންމެއަކަސް މިކަނބުލޭގެ މިވާހަކަދައްކާ ނިމުމާއެކު ދިވެހިންގެ  "ޢިއްޒަތްތެރިން" އަތްތިލަބަޑިޖައްސަވާ އެކަކަށްވުރެ އަނެކަކު ކުރިން މިކަނބުލޭގެއާއި އަތާއި އަތްޖޯޑުކޮށް ސަލާންކުރުމަށްޓަކައި ތެޅިގަތްތަން ދުށީމެވެ. އެކަމަކު ޢިއްޒަތްތެރިކަންވަނީ ﷲއަށާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށާއި މުއުމިނުންނަށްކަން އަހަރުމެންދަންނަމުއެވެ.

ކޮންމެއަކަސް މިހާސަރުތައްދެމި މިކަނބުލޭގެއަކީ އ.ދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އެމްބެސެޑަރެކެވެ. މި އ.ދ ނުވަތަ ޔޫއެން އަކީ ޑިމޮކްރަސީގެ އައްޕައެވެ. އެކަމަކު ޑިމޮކްރަސީ އެންމެބޮޑަށް ފޫގޮސްފައި އޮންނަނީވެސް މިތަނުގައެވެ. އެއީ ޑިމޮކްރަސީ އަކީ ގިނަމީހުން ބޭނުންވާ ގޮތްކަމަށްވާއިރު  އ.ދ ގެ އެހެންހުރިހާ މެމްބަރުން އެއްކޮޅަށް ޖެހުނަސް  އެމެރިކާ، ނުވަތަ ރަޝިޔާ ނުވަތަ ޗައިނާ ނުވަތަ ފުރާންސް ނުވަތަ ޔޫކޭ އިދިކޮޅުހަދައިފިނަމަ އެކަމެއް އެހާހިސާބުން ނިމުނީއެވެ. ވީޓޯކުރުމުގެ ބާރުލިބިފައިވާ މިފަސްޤައުމަކީ އ.ދ.ގެ ދާއިމީ ފަސްމެމްބަރުންނެވެ. މިގުރޫޕުން ޖާގަލިބޭތޯ އިންޑިޔާއާއި ޖަޕާނުފަދަ ޤައުމުތަކުން ހޭބޯނާރާ މިހާރުވެސް މަސައްކަތްކުރަނީއެވެ. މިއީ އ.ދ ގެ ޑިމޮކަރަސީގެ ޙާލަތެވެ. ކޮންމެއަކަސް މައުޟޫޢު އަށް އެނބުރި ދަމާ ހިނގާށެވެ.

ކޮންމެއަކަސް މިކަނބުލޭގެ މިފާޅުކުރި ޚިޔާލަކީ ދިވެހިންގެ ތެރެއަށް އަލަށް އައިސްގެން އުޅޭ ޚިޔާލެއްނޫނެވެ. މިއީ މީގެ ކުރިން ބައެއް ދިވެހި ވެބްސައިޓްތަކާއި ފޯރަމްތަކުގައި ބައެއްދިވެހިން ފާޅުކޮށްފައިވާ ޚިޔާލެކެވެ. އަދި ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަންތައްތަކުގައިވެސް ޚިޔާލުހޯދުމުގެ ޕޯލްތައް ބައެއް މަޝްހޫރުދިވެހިވެބްސައިޓްތަކުން ފެނެއެވެ. މިގޮތުން ރާއްޖޭގެ އެންމެ މަޝްހޫރު އެއް ނިވުސް އޮންލައިން ގައި އަންހެނުން ޤާޟީކަމަށް އިސްކުރަންފެނޭތޯ ނުވަތަ ނުފެނޭތޯ ބަލަން ހުޅުވާލި ޕޯލްއެއް އަޅުގަނޑުދުށީމެވެ. މިހާރުވެސް އެސައިޓްގެ އާކައިވްއިން މިފެންނަންހުރުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެއަކަސް މިފަދަ ޚިޔާލެއް މިހާފާޅުކަން ބޮޑުގޮތެއްގައި އަދި ރާއްޖޭގެ ޤާނޫނުތައް ހަދާ މަޖުލީހުގައި ފާޅުކުރެވުނު މިއީ ފުރަތަމަފަހަރު ކަންނޭނގެއެވެ. ކޮންމެއަކަސް މިކަނބުލޭގެ މިކަމެއްމިކުރީ ދިވެހިންގެ ބައެއްގެ 'ބެކަޕް' ލިބިގެން ކަމާއިމެދު އަޅުގަނޑުކުޑަކޮށްވެސް ޝައްކެއްވެސް ނުކުރަމެވެ.

މާފުކުރަށްވާށެވެ. ލިޔުމުގެ ސުރުޚީގައި އެހިމެނޭ ޢިބާރާތާއި ހަމައަށް އަދިވެސް މިއުޅެނީ ނުދެވިގެންނެވެ. އަޅުގަނޑު ދަންނަވަން މިއުޅެނީ ހުޅަނގުގެ ޤައުމުތަކުން އަންހެނުންނަށް ހޯދައިދޭ ޢިއްޒަތާއި ޝަރަފާއި ކަރާމާތުގެ 'ފުރިހަމަ' ކަމުގެ ވާހަކައެވެ. އެމީހުން އެދަޢުވާކުރާ އަންހެނުންނާއި ފިރިހެނުންގެ 'ހަމަހަމަ' ކަމުގެވާހަކައެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި އެމީހުން އެހޯދައިދޭ ޢިއްޒަތާއި ޝަރަފާއި ހަމަހަމަކަން އެއީ ހަމަ ވަހުމެކެވެ. ދަޅައެކެވެ. އަވާ މެންދުރެކެވެ. ރަނގަޅަށް ލޯހުޅުވައިގެން ބަލައިލައިފިނަމަ މިކަމުގެ ޙަޤީޤަތް ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނާނެއެވެ. އެކަން ސާބިތުކޮށްދިނުމަކީ ދާދި ފަސޭހަކަމެކެވެ. ތަފާތު ޤައުމުތަކުގެ ސަރުކާރުތަކާއި ބޮޑެތިކުންފުނިތަކާއި ވިޔަފާރިވެރިންގެ ވާހަކައެއް އަޅުގަނޑު ނުދައްކާނަމެވެ. ޢާއިލީ ގުޅުމާއި ޖަމާޢަތް ޖަމާޢަތުގެ ވާހަކަވެސް އެހަށްބާއްވާށެވެ. މިއުޒިކާއި މުނިފޫހި ފިލުވުމުގެ ދާއިރާވެސް އެހަށް އެއްކިބާ ކުރުމާހިނގާށެވެ. އަޅުގަނޑުހަމައެކަނި ފާހަގަކޮށްލަން މިވަގުތު ބޭނުންވަނީ ކުޅިވަރެވެ. ތަފާތު އެކި ތަންތާގައި ތަފާތު ނަންނަމުގައި ތަފާތު ގޮތްގޮތަށް ކުޅެވޭ ކުޅިވަރުތަކެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސް ކުޅޭ ކުޅިވަރުތަކެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސް ބަލާ ކުޅިވަރުތަކެވެ.

އެވެރިންގެ ތެރޭގައި ކުޅެވޭ ހުރިހާ ކުޅިވަރެއްގައިހެން އަންހެނުން ނަމަ އަޅަން މިޖެހެނީ ވަރަށް ނިވާކަންކުޑަ ހަށިގަނޑުގެ ބޮޑުބައެއް ހާމަވާފަދަ ހެދުންތަކެވެ. އަޖައިބުވާންޖެހޭ ކަމަކީ ހަމައެކުޅިވަރުތައް ފިރިހެނުން ކުޅޭއިރު ހަށިގަނޑުގެ ބޮޑުބައެއްނިވާކުރާކަމެވެ. މިއިން ދޭހަވާއެއްޗަކީ އަންހެނުން މައިގަނޑު ގޮތެއްގައި މިބޭނުންކުރެވެނީ "ސެކްސް އޮބްޖެކްޓް" ތަކެއްގެ ގޮތުގައެވެ. އާދޭހެވެ. ފިރިހެނުންގެ ޖިންސީ ޣަރީޒާ ހޭލައްވާލާ އެކަމުގެ ކަރުހިއްކުން ބޮޑުކޮށް އަދި އެކަން ކެނޑުވުމަށް ބޭނުންކުރެވޭ ވަޞީލަތެއްގެ ގޮތުގައެވެ. ކުޅިވަރުތަކުގެ ޤަވާޢިދުތައް ކަނޑައަޅާ، ކުޅިވަރުތައް އިންތިޒާމްކުރުމުގައި ނުވަތަ ކުޅިވަރުތަކަށް ޚަރަދުކޮށް ސްޕޮންސަރުކުރުމުގައި އިސްސަފުގައި މިތިބެނީ ގިނައިން ފިރިހެނުންނެވެ. އެހެންކަމަށްވުމާއެކު އެވެރިންގެ މައިގަނޑުބޭނުމަކަށް ވެފައި މިއޮންނަނީ އެކުޅިވަރުތަކުގައި ބައިވެރިވާ އަންހެންވެރިންގެ ހަށިތައްނީލަންކިޔޭނެގޮތް ހެދުމެވެ. އަންހެނުންގެ ހުނަރާއި ކުޅަދާނަކަމަށްވުރެ ބޮޑަށް އެވެރިން ސަމާލުކަންދެނީ އަންހެނުންގެ ޖިސްމުތަކަށެވެ.

މިސާލަކަށް ޓެނިސް ނަގަމާ ހިނގާށެވެ. އަންހެނުން ލާން މިޖެހެނީ ޓޮޕަކާއި އެއާއި ގުޅިފައިވާ ފޫކޮޅުނުފޮރުވޭވަރުގެ މިނީސްކާޓެކެވެ. ޓޮޕް މިހުންނަނީ ގައިގެ ބައްޓަމަށް ގަޔަށް ބާރުކޮށެވެ. ކުޅިވަރުގެ ގަވާއިދު ބުނާގޮތުން އެމީހުންނަކަށް ފައިގެ ފަލަމަސްގަނޑު ނިވައެއްނުކުރެވެއެވެ. ކުޅެންމިޖެހެނީ ލައިގެން ހުންނަ ޖަނގިޔާ ދައްކައިގެންނެވެ. އެކަމަކު ފިރިހެނުންގަޔަށް ދޫކޮށް ހުންނަ ޓީޝާޓް ލާއިރު ކަކުލާއި ހަމައަށް ފޯރާ ސޯޓް ވެސް ލެވެއެވެ. ރަފައެލް ނަޑާލް އެނގިލައްވާތޯއެވެ؟ މިއީ މިމީހުން މިކިޔާ ޝަރާފަތެވެ. ހަމަހަމަ ކަމެވެ.

ދެން ބީޗްވޮލީއެވެ. މަޑުފަސްގަނޑުގައި ކޮޅެއްގަ ދެމީހުން ތިބެގެން ކުޅޭވޮލީއެވެ. ފިރިހެނުންނަމަ ޓީޝާޓާއި ސޯޓެވެ. އަންހެނުންތޯއެވެ. "ޓޫޕީސް" އެވެ. ބިކިނީއެވެ. އެންމެ އާދައިގެ ގޮތަށްނަމަ ޖަނގިޔަލާއި ބުރެޝިއަރެވެ. މިހެދުމުގައި ތިބެގެން ކުޅޭއިރު ވަށައިގެން ސަޕޯޓަރުން ތިބޭނެއެވެ. ޓީވީ ޗެނަލްތަކުން ދުރަށް ދައްކަމުންދާނެއެވެ.

ދެން އެތުލެޓިކްސް ނުވަތަ ކަސްރަތަށް ބައްލަވާށެވެ. އޭގެވެސް ގިނަޙަރަކާތްތަކުގައި ފިރިހެނުން ތިބޭނީ ޓީޝާޓާއި ސޯޓުގައެވެ. ގަޔަށް ދޫ ހެދުމުގައެވެ. އެކަމަކު އަންހެނުންނަމަ ހީވާނީ ގައިގައި ކުލަލާފައި ފޭރާމެއް ނުލާ ތިބޭފަދަޔަކުންނެވެ. އެމީހުން ދުވިޔަސް، ނެށިޔަސް، 'ބީމް' މަތީގައި އެކޮޅުކޮޅުން ޖެހުނަސް، ފުންމިޔަސް، ދަނޑީގައި އެލިގެން ބުރުއުކިޔަސް ނުވަތަ އެނޫންވެސް ކޮންމެ ކަމެއްކުރިޔަސް ޅިނދުންފެށިގެން ތިރިއޮންނާނީ ހާމައަށެވެ. އަދިއޭގެމަތީބައި ކޮނޑާއިހަމައަށް ފެންނާނީ ދަވާދުކާއްތައިގެން ތިބޭހެންނެވެ.

އައިސްކޭޓިންގ، ފިގަރސްކޭޓިންގ މިރޮނގުން ވަކިދެރައެއްނުވާނެއެވެ. އަންހެނުންގެހެދުން އާދައިގެ ރުމާލަކުންވެސް ފެހޭހާ ޚަރަދުކުޑަވާނެއެވެ. އެމީހުންލައިގެން ތިބޭ ހެދުންފެނިއްޖެނަމަ އެހެނދުން އެލަނީ ކޮންބޭނުމަކުތޯ ހިތުގައި ސުވާލުއުފެދޭހާ ވާނެއެވެ. އެކަމަކު ފިރިހެނުންގެ ހެދުމަކީ ހަމަ ކޯޓްފަޓުލޫނުފަދަ ހެދުމެކެވެ.  އަޖައިބެއްފަހެ ނުވާނެހެއްޔެވެ؟  ދުވަހަކަށްވުރެ ދުވަހެއް މިރޮގުން އަންހެނުންގެ ބަރަހަނާ ކުރެވޭލެއްމިދަނީ ބޮޑުވަމުންނެވެ. ދާދިފަހަކުން އަޅުގަނޑު އަޑުއެހި ޚަބަރެއްގައި 2012ގެ ލަންޑަން އޮލިމްޕްކްސްގައި ބޮކްސިންގައި ބައިވެރިވާ އަންހެން އެތުލީޓުންނަށް ސްކާޓްލާންޖެހުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވެއެވެ. މިހާރު އެމީހުންގެ ހެދުމަކީ ޓީޝާޓާއި ކަކުލާއި ހަމައަށް ދާވަރުގެ ސޯޓެވެ. ދިގުސޯޓްގެ ބަދަލުގައި ސްކާރޓް ބޭނުންކުރަންފެށުމުން އެކުޅިވަރުގެތެރޭގައި އެ އެތުލީޓުން ބަރަހަނާވާ މިންވަރުބޮޑުވާނެކަމީ ހަމަ ޔަޤީންކަމެކެވެ.



ދެން ކުޅިވަރުކުޅޭ މީހުންނަށް ހިތްވަރުދީ ސަޕޯޓްކުރާކުރުމަށް ބަލާލަމާހިނގާށެވެ. ޗިއަރލީޑަރުންނަކީ ކުޅުންތެރިންނަށް ހިތްވަރުދީ ސަޕޯޓްކުރުމަށްޓަކައި ނަށާ އަދި ތަފާތު އެކްރޮބެޓިކް ޙަރަކާތްތައް ކުރާބައެކެވެ. ޢާއްމުގޮތެއްގައި މިމީހުން ފެންނަނީ ފިރިހެނުންކުޅޭ ކުޅިވަރުތަކުގެ މައިދާންތަކުންނެވެ. އެކަމުގައި އުޅެނީ އަންހެންކުދިންނެވެ. އެކުދިންގެ ޙަރަކާތްތަކާއި ހެދުން ހުންނާނީ ފިރިހެނުންގެ ސަމާލުކަން ވީހާވެސް ބޮޑަކަށް ލިބޭގޮތަށެވެ. އެކަމަކު އަންހެންކުދިންގެ ކުޅިވަރުތައް ކުރިއަށްދާއިރު ފިރިހެނުން އެފަދަ ޙަރަކާތްތައް ހިންގާތީއެއް ނުފެނެއެވެ. ޒުވާން ރީތި އަންހެންކުދިންތައް އެކުދިންގެ ހަށިގަނޑުއެއްކޮށްހެން ހާމަވާގޮތަށް ހެދުން އަޅައިގެން ދެއަތުން ޕޮންޕޮން ހިފައިގެން ދެސަފަށް ތިބޭއިރު ސްޕަރބޯލް ކުޅޭ ފިރިހެނުންތައް އެދެސަފު ދޭތެރެއިން ދަނޑަށް އަރާއިރު އަދި ކުޅިބަލަން ވަދެ ތިބޭ އެންމެން ސަޕޯޓްކުރުމުގެ ގޮތުން ހަޅޭއްލަވާއިރު އެއަންހެންކުދިންގެ ޝަރާފަތާއި ކަރާމަތާއި ޢިއްޒަތަކީ ކޮބައިހެއްޔެވެ؟ އެއަންހެންކުދިންއެކުޅޭ ރޯލު ފިރިހެނުން ނުކުޅޭއިރު އެބުނާ ހަމަހަމަކަމަކީ ކޮބައިހެއްޔެވެ؟

ބައިސްކަލު، ސައިކަލް އަދި ކާރުރޭސްތަކުގައި ވެސް ހަމަމިއުސޫލުން އަންހެންކުދިން ބޭނުންކުރެވެމުންދެއެވެ. ފޯމިއުލާ ވަން ފަދަ ކާރުރޭސްތަކުގައި ، ޓުއަރޑިފުރާންސް ފަދަ ބައިސްކަލު ރޭސްތަކުގައި އަދި މިނޫންވެސް ރޭސްތަކުގެ އެކިކަންކަމުގައި އެކި ޙާލަތްތަކުގެ އަންހެންކުދިންގެ އޮރިޔާންކަން އިސްތިހާރުކުރެވެމުންދެއެވެ. އެކުދިން އެރޭސްތަކުގެ ކަންކަމުގައި ބޭނުންކުރެވެމުންދަނީ އެކުދިންގެހުރި ވަކިހުނަރެއްގެ ސަބަބަކުން ނޫނެވެ. ހަމައެކަނި އެކުދިންގެ ޖިސްމުތައް އިސްތިހާރުކޮށް އެމީހުންގެ އެ ކުޅިވަރުތައް ބޮޑުއަގުގައި ވިއްކާ ފައިސާ ހޯދުމުމަށެވެ.

އަދި މީގެއިތުރުން ތަފާތުކުޅިވަރުތަކުގައި ބޭނުންކުރެވޭ ' ބޯލްބޯއިސް ' އަދި ' ބޯލްގާރލްސް ' އަށް ބެއްލެވިޔަސް މިތަފާތު ފެންނާނެއެވެ. އެގޮތުން މިވަގުތު އިނގިރޭސިވިލާތުގައި ކުރިޔަށްދާ ދުނިޔޭގެ އެންމެ ގަދަ ފިރިހެން އަށް ކުޅުންތެރިންގެ މުބާރާތުގެ މެޗެއް ބައްލަވާލެއްވިޔަސް މީގެ ޙަޤީޤަތް ސާފުކޮށް ފެނިވަޑައިގަންނަވާނެއެވެ.

ކުޅިވަރުގެ މުބާރާތްތަކުގައި ދެވޭ އިނާމަށް ބަލައިލިކަމުގައިވެސް އެބުނާ ހަމަހަމަކަން އެއޮތީ ފެންނާށެވެ. އަންހެނުން އެހާ ބޮޑަށް ބަރަހަނާވާންޖެހޭއިރުވެސް ކޮންމެ ކުޅިވަރެއްގައިހެން މުބާރާތްތައް ކާމިޔާބުކުރާ ކުޅުންތެރިންނަށް ދެވޭ ފައިސާގެ އިނާމަށް ބަލާލާއިރު ފިރިހެނުންނަށްވުރެ އަންހެނުންނަށް ދެވޭ ފައިސާގެ ޢަދަދު އެތައްގުނައަކުން ކުޑައެވެ. ތިޔަބޭފުޅުން އަމިއްލައަށް  'ގޫގުލް'  ކޮށްލެއްވިޔަސް ތަފުޞީލުފެނިވަޑައިގަންނަވާނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ހުނޅަގުގެ އަދި އެނޫންވެސް ކާފަރު ޤައުމުތަކުގެ މައިގަނޑު ސިޔާސަތަކީ އަޅުގަނޑުމެންގެ ލޮބުވެތި މަންމަމެންނާއި، އަނބިންނާއި، އުޚުތުންނާއި އަދި އަންހެންދަރިން އެޖިންސަކަށް ނިސްބަތްވާ އަންހެނުންޖިންސްގެ ޢިއްޒަތާއި ޝަރަފާއި ކަރާމާތް ރައްކާތެރިކުރުމެއްނޫނެވެ. އަދި ކިއެއްހެއްޔެވެ. އެކަން ވެއްޔާ މޮޑެލުމެވެ. އެކަނބަލުންގެ ހަށިތަކަކީ ފިރިހެނުންގެ ލޮލަށް "ޖާފަތެއް" ކަމުގައި ހެދުމެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ކަންތައްތައް އޮތީ މިފަދައަކުންނެވެ. އަޅުގަނޑު މިއަލިއަޅުވާލީ ހަމައެކަނި ކުޅިވަރުގެ ދާއިރާއަށެވެ. ޙަޤީޤަތުގައި ކުޅިވަރަކީ އޭގައި ބެލުންތެރިންގެ ސަމާލުކަން ކުޅުންތެރިންގެ ހުނަރަށާއި ބުންވަރަށާއި ކުޅަދާނަކަމަށް ހުއްޓޭ ޙަރަކާތެވެ. އެކަމަކު ކުޅުންތެރިންނަކީ އަންހެނުންކަމުގައިވަނީނަމަ މިހުރިހާކަމެއްގެ މައްޗަށް އިސްވަނީ ކުޅުންތެރިންގެ ހަށިގަނޑުތަކެވެ. އަދި ޚާއްޞަކޮށް ޓެނިސްކަހަލަ ވަކިވަކި ކުޅުންތެރިން ތަމްސީލު ކުރާ ކުޅިވަރުތަކުގައި މަޝްހޫރުކަމާއި ގިނަފައިސާ ހޯދުމުގައި އެކުޅުންތެރިންގެ ހަށިގަނޑަކީ ވަރަށް އިސްރޯލެއްއަދާކުރާ އެއްޗަކަށް މިވަނީ ވެފައެވެ. ގިނަ ސްޕޮންސަރޝިޕްތައް މިލިބެނީ ރީތި އަދި ވީހާވެސް ބޮޑަކަށް ހަށިގަނޑު ހާމަކޮށް ބަރަހަނާވާ ކުޅުންތެރިންނަށެވެ. މިއީ ޕިއްލޭ މެން އަންހެނުންނަށް އެހޯދައިދޭ ޢިއްޒަތާއި ޝަރާފަތެވެ. މިއީ އޭގެ ހަމަ ވަރަށް ކުޑަކުޑަ މިންވަރެކެވެ. ބޮޑުބައި އަދިއޮތީއެވެ. އެކަންތައްތައް ހާމަކުރުމަށްޓަކައި އެތައް ޞަފުޙާއެއް ލިޔަންޖެހޭނެއެވެ. އާދޭހެވެ! އަންހެނެއްވިއްޔާ؟؟؟؟؟؟؟  ތިހީފުޅުކުރެއްވީ އެންމެ ރަނގަޅަށެވެ. އަންހެނެއްވިއްޔާ ޖެހޭނީ ވީހާވެސް ބޮޑަކަށް ހަށިގަނޑު ހާމަކުރާށެވެ. ހަންގަނޑު ހާމަކުރާށެވެ. އަންހެނެއްވިއްޔާ ހަންގަނޑެވެ. 

Wednesday, November 16, 2011

"އޭޢަބުދުﷲ އެވެ. ފާޅުނުކުރައްޗެވެ."

  އިން ނަގާފައި"Stories from the Righteous Salaf"


"އަހަރެން  އެވަގުތު ހުރީ އިބުނު އަލްމުބާރަކު އަދި މުޢުތަމިރު ބިން ސުލައިމާނު އަރިހުގައި ތަރާސަސްގައެވެ. އެހިނދު ހަނގުރާމައަށް ތައްޔާރުވުމަށް ގޮވާލެވުނެވެ. ދެން ހަނގުރާމައަށް މުސްލިމުންނާއި ރޫމީންނިކުމެ ސަފުތައް ތަރުތީބުކޮށް އަތުރާލުމާއެކު ރޫމީންގެތެރެއިން ހަނގުރާމަވެރިއަކު ނިކުމެ އޭނާއާއި އިދިކޮޅަށް މީހަކު ނިކުމެ ހަނގުރާމަކުރުމަށް ގޮވާލިއެވެ. އެވަގުތު މުސްލިމު ހަނގުރާމަވެރިއެއްނިކުމެ އޭނާއާއި ކުރިމަތިލިއެވެ. އެހެންނަމަވެސް ރޫމީ ހަނގުރާމަވެރިއާގެ އަތުން މުސްލިމް ހަނގުރާމަވެރިޔާ ޝަހީދުވީއެވެ. އެވަގުތު ދެވަނަ ހަނގުރާމަވެރިއަކު މުސްލިމުންގެ ތެރެއިން ނުކުތެވެ. އޭނާވެސް ޝަހީދުވީއެވެ. މިގޮތަށް ހަމުސްލިމުން އޭނާގެ އަތުން ޝަހީދުވިއެވެ. ދެން އެކާފަރުކަލޭގެ މުސްލިމުންނާއި ކާފަރުންނާއި ދެމެދު ބޮޑާކަމާއި ކިބުރުވެރިކަމާއެކު ހިނގަހިނގާހުއްޓެވެ. އަދި އިތުރު މީހަކު ނިކުތުމަށް ދަޢުވަތު ދެމުން ދިޔައެވެ. ނަމަވެސް އެއްވެސް މުސްލިމަކު އޭނާގެ ކުރިމައްޗަކަށް ނުނިކުތެވެ. އެވަގުތު އިބުނު އަލްމުބާރަކު އަހުރެންނާއި ދިމާއަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ. "އަހަރެން މަރުވެއްޖެނަމަ މިވެނި މިވެނި ގޮތަކަށް ކަންތައް ކޮށްދޭށެވެ." މިހެން ވިދާޅުވުމަށްފަހު އެރޫމީ ކަލޭގެއާއި ހަނގުރާމަކުރެއްވުމަށް އޭނާގެ ކުރިމައްޗަށް ނިކުމެ ވަޑައިގެންފިއެވެ. އަދި އިރުގަނޑަކު ހަނގުރާމަކުރެއްވުމަށްފަހު އެރޫމީ ކަލޭގެ ޤަތުލުކޮށްލެއްވިއެވެ. އަދި ދެވަނަ މީހަކަށް ހަނގުރާމައަށްދަޢުވަތު ދެއްވިއެވެ. އިބުނު މުބާރަކު ރޫމީންގެ ހަމީހުން ޤަތުލުކުރެއްވިއެވެ. އަދި އިތުރު މީހެއްގެ އިންތިޒާރުގައި ހުންނަވާފައި މީހަކު ނުނިކުތުމުން މުސްލިމުންގެ ސަފުތަކުގެތެރެއަށް ވަދެވަޑައިގެން ނިވައިވެ ވަޑައިގެންނެވިއެވެ. އަދި ކުރިންވެސް ހުންނެވި ތަނަށް ވަޑައިގެން އަހުރެންނަށް ވިދާޅުވިއެވެ. 'އޭ ޢަބުދުﷲ އެވެ. އަހުރެން ދިރިދުނިޔޭގައި ހުރިހާދުވަހަކު މިއަދު މިފެނުނު ކަންތައްތަކުގެ ވާހަކަ އެއްވެސް މީހެއްގެ ގާތު ނުބުނައްޗެވެ.' "

 ޔާ ﷲ އަޅަމެންނަކީ ދެއްކުންތެރިކަމެއްނެތް،  އިބައިލާހަށް އިޚުލާޞްތެރިކަމާއެކު އަޅުކަންކޮށްއުޅޭ ބައެއްކަމުގައި ލައްވާނދޭވެ. އާމީން

Friday, November 4, 2011

حياتى كلها لله ..

މީ މިހާރަކަށް އައިސް ރޭޑިޔޯއެޓޯލް އިން އެންމެ ގިނައިން އިވޭ އެއް މަދަޙައެވެ.  އަޅުގަނޑަށް ވަރަށް ކަމުދާ ރީތި މަދަޙައެކެވެ.  .  ތިރީގައިމިވަނީ އެމަދަޙައިގެ ޅެމެވެ. 

حياتى كلها لله .. فلا مولى لنا الاه
احب الله جل علاه .. ومن حبى له اخشاه
اصون النفس احميها .. بنور الله اهديها
بحب الله اسقيها .. لتفرح عندما تلقاه
حياتى كلها لله .. حياتى كلها لله
اذا ما الحب لم يسبى .. فؤاد المؤمن الصب
فوا اسفاه على القلب .. لان الزيف قد غشاه
حياتى كلها لله .. حياتى كلها لله          
يقيني بين جنبيا .. واسعى بالهدى سعيا
كفانى اننى احيا .. وامضى فى سبيل الله
حياتى كلها لله .. حياتى كلها لله
اذا جادت ليا الدنيا ... واسقتنى المنى ريا
ستبقى بين كفيا .. ويبقى خافقى لله
حياتى كلها لله .. حياتى كلها لله


މަދަޙަ ޔޫޓިއުބުން އައްސަވާ ލެއްވުމަށް




Thursday, November 3, 2011

ރޯދައަށް އެންމެންވެސް ތައްޔާރުވެއެވެ. އެކަމަކު އެކި ގޮތްގޮތަށެވެ.




ދީނީ ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭގޮތުގައި ރަސޫލު(ޞައްލަﷲޢަލައިހި ވަސައްލަމް)ގެ ލޮބުވެތި ޞަޙާބީން ރޯދަމަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިއްޕެވުމަށް ގަދައަޅުއްވާ މަސައްކަތްކުރައްވައެވެ. މިގޮތުން ރޯދަމަހުގެ ކުރިއަށް އޮންނަމަސްތަކުގައި ރޯދަމަސް އަންނަންދެން ދުނިޔޭގައި ލަހައްޓަވާ ރޯދަމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ތައުފީޤުދެއްވުން އެދި ﷲއަށް ދަންނަވާކަމުގައި ވެއެވެ. ރޯދަމަސްއައުމުން އަޅުކަމުގައި ހީވާގިވެލެއްވުން އެތައްގުނައަކަށް އިތުރުކުރައްވައެވެ. އަދި ރޯދަމަސް ދިއުމުން ރޯދަމަހުގައި ކުރެވުނު އަޅުކަންތައް ﷲގެ ޙަޟުރަތުގައި މަޤުބޫލު އަޅުކަންތަކަކަށްވުން އެދި ދުޢާކުރެއްވުމުގައި ދެމިތިއްބަވައެވެ.

އަޅުގަނޑުމެންގެތެރޭގައިވެސް ރޯދަމަހާއި ގުޅިގެން މިފަދަ ހަމައަކުން ރޯދައަށް ތައްޔާރުވާބައިވަރުމީހުން އެބައުޅެއެވެ. އެކަމަކު ކުރިންދެންނެވުނު އަޞްޙާބުންނާއި އެއްފަދަ އުޞޫލެއްބޭނުންކުރިއަސް އެމީހުން މިކުރަނީ އަޞްޙާބުންކުރެއްވިކަހަލަ ޢަމަލުތަކެއްނޫނެވެ. މިބައިމީހުންވެސް ރޯދަމަހުގެ ކުރިއަށް އޮންނަ މަސްތަކުގައި ރޯދަމަސް އަންނަންވާއިރަށް ވަރަށްގިނަ ތައްޔާރުތައް ވޭމެއެވެ. މިސާލަކަށް މުނިފޫހިފިލުވުމުގެ ދާއިރާއަށް ބަލާލަމާހިނގާށެވެ. އެދާއިރާއިންއެންމެ މަޝްހޫރު އުފެއްދުމަކަށް ވެފައި މިއޮންނަނީ "އެހަނދާނެވެ". މިކަމުގައި އުޅޭމީހުން މިވިސްނަނީ ރޯދަމަހު ކިޔާނީ ކޮންލަވައެއްތޯއެވެ؟ ސްޓޭޖަށް އަރާ ލައްވާނީ ކޮންކަހަލަބަނޑިތަކެއްތޯއެވެ. ސްޓޭޖަށް އަރާނީ އަނެއްޖިންސުގެ ހިލޭ މީހުންގެ ތެރެއިން ކާކުގެ އަތުގައި ހިފައިގެންތޯއެވެ. އަޅާނީ ކޮންކަހަލަ ހެދުމެއްތޯއެވެ. (ފިރިހެނެއްވިއްޔާ ހަށިގަނޑުގެ ވީހާވެސް ބޮޑުބައެއް ނިވާ ކުރުމަށް ސަމާލުކަންދޭނެއެވެ. އަންހެނެއްވިއްޔާ ހަށިގަނޑުގެ ވީހާވެސް ބޮޑުބައެއް ހާމަކުރުމަށް އިސްކަންދޭނެއެވެ.) ކުޅޭނީ ކޮންކަހަލަ މިއުޒިކެއްތޯއެވެ. "ހަނދާން އާކުރާނީ" މަރުވެގޮސްފައިވާ އަހަރުމެންގެ އަޚުންނާއި އުޚުތުންގެ ތެރެއިން ކާކުގެ ތޯއެވެ؟ ދެން މިކަންކަމަށް ގޮތްތަކެއް ކަނޑައެޅުމަށްފަހު ދެން އެވީ ތައްޔާރީތައްފަށާށެވެ.

މިކަންކަމުގައި ތިމާމެންގެ މުދަލާއި ވަގުތު އިސްރާފުކުރުމުގައި ހޭބޯނާރާ އުޅެއުޅެތިއްބާ ރޯދަމަސް އައިސް ޖެހިދެއެވެ. ދެން އެވީ ސްޓޭޖްތަކުގަޔާއި ސްޓޫޑިއޯތަކުގައި އެމީހެއްގެ ހުރި ފެންވަރަކާއި ފަންވަރެއް ދައްކާށެވެ. ޙަރާމެއް ޙަލާލެއްބެލުމެއްނެތި ރޯދަމަހުގެ މާތް ރޭތަކާއި ދުވަސްތައް މިކަންކަމުގައި އެވެރިން ބޭކާރުކޮށްލައެވެ. އެތަންތަނަށް ނާރާތިބިއެންމެންހެން އެވެރިންގެ އެކުޅިވަރު އަޑުއެހުމާއި ބެލުމުގައި ވަގުތުތައް ދުއްވާލައެވެ. (އެންމެ އިސް ސަފުގައި ބަލަން އަދި އަތްޖަހަން ތިބޭނީ މައިންބަފައިންނެވެ. އިނދެގެން އުޅޭމީހާއާއި ދަރިންނެވެ. އެއްބަޑުއެއްބަފާ އަޚުންނާއި އުޚުތުންނެވެ. އަދި މިނޫންވެސް ޢާއިލީގޮތުން ގާތް މީހުންނެވެ .) މީގެ އިތުރަށްވެސް އެތައްކަމެއް ރޯދަމަހަށްޓަކައި މިދާއިރާގެ މީހުން ފޫގަޅައެވެ. ބަދުއަޚުލާޤީ ޢަމަލުތަކަށް ހިތްވަރުދޭނޭ އާވީޑިއޯލަވަތަކާއި ތަފާތު ޑުރާމާތައް ރާވާ، އުފައްދާ އޮފުއަރުވާ އޮމާންކުރެތެވެ. އަދި ރޯދަމަސް ފެށުމާއެކު މިތަކެތި މީހުންނަށް ޓީވީ ބަލަން އެންމެ ފަސޭހަވާނޭ ވަގުތުތަކުގައި އެންމެ ގިނަމީހުން މަސައްކަތްތަކުން ހުސްވާ ވަގުތުތަކުގައި ބަލަން ބޭނުންވާ އެންމެންނަށް ހިލޭ ފޯރުކޮށްދެއެވެ. ރޯދަމަސް ނިމިގެންދާއިރު މިފަދަ ލަވައިގެ ވިހިބާވީސް ލަވަޔާއި ހަތަރުފަސް ޓެލެޑްރާމާ ބަލައިލުމުގެ ފުރުޞަތު މިވެރިން އެންމެނަށް ހޯދައިދެއެވެ.

ދެން ރޯދަމަސް ނިމުމުން ވަނީ ކިހިނެތްތޯއެވެ. ދެންނިކުންނާނީ ރޯދަމަހު މިކުރެވުނު މޮޅެތި ކަންތައްތަކުގެ ރެކޯޑިންގއެވެ. އޯޑިއޯ އަދި ވީޑިއޯ ސީޑީއާއި ވީސީޑީ އާއި ޑީވީޑީ ތަކެވެ. ރޯދަމަހު މިތަކެތީގެތެރޭގައި އުޅުނު އެންމެން މިތަކެތި ގަންނާނެއެވެ. ދެންއޮންނާނީ މިތަކެތި ރެއެއް ދުވާލެއްނެތި ތަކުރާރުކޮށް ބެލުމާއި އަޑުއެހުމެވެ. މަގުމަތިންނާއި ގޭގޭތަކުން، އޮފީސްތަކުންނާއި މަދަރުސާތަކުން ނުވިތާކަށް މިސްކިތްތަކުންވެސް (މޯބައިލްފޯނުގެ ޒަރީޢާއިން) އިވޭނީ އެއަޑުތަކެވެ. ފެންނާނީ އެމަންޒަރުތަކެވެ. މިހާރުމީ "އެދިގެންމިރޭ" ދާންޖެހޭ ދުވަސްވަރެވެ. "ނަންއެދުނަސް" ހޯދާލަންޖެހޭ ވަގުތެވެ. ކުރާނީކީއްތޯއެވެ؟ އަޑުއަހަން ބޭނުންނުވިޔަސް ގެއިންބޭރަށް ނިކުމެއްޖެނަމަ މިނޫންއަޑެއް ކަންފަތަކަށް ނީވެއެވެ. ފަސޭހައިން ލޯމަރާލެވުނަސް ކަންފަތް ބަންދުކުރުމަކީ ފަސޭހަކަމެއްނޫނެވެ. އެތަނަކަށް ދިއުމުން މިފަދައަޑެއް ނީވޭނެކަމުގެ ޔަޤީންކަމާއެކު ދާނޭތަނެއް ކަށްވަޅު ނޫނީ ވާހެނެއް އަޅުގަނޑަކަށް ހިޔެއްނުވެއެވެ. މިތަކެތި އަޅުގަނޑުމެންގެ ތެރެއަށް ފެތުރިފައިވަނީ އެހާވެސް ބޮޑަށެވެ. ދެން "އެދިގެންމިރޭ" ދިއުމުގެ މަސްތުގައި ދެން އަންނަ ރޯދަމަސް އަންނަންދެން ހުރިހާ އެންމެންހެން ތިބޭނެއެވެ. އެހާރުން އަލަށް ދެންދައްކާނެ ކުލަޔަކާއި މަންޒަރަކާއިގެން އެވެރިން ހޭބޯނާރާ އުޅޭނެތެވެ. ބުރުފުރިހަމަވީއެވެ. އަނެއްބުރުފަށަންވީއެވެ. އަނެއްކާވެސް އާމަސްތަކެވެ. އާކުލަތަކެކެވެ. ކޮންމެ ރޯދަމަހަކީ މުނިފޫހިފިލުވުމުގެ ޢީދެކެވެ. ނަވާވީސް ނުވަތަ ތިރީސް ދުވަހުގެ ޢީދެކެވެ. މިޢީދަށް ތައްޔާރުވާންށާއި ކުޅިވަރުހުށައެޅުމަށް ރޯދަމަހާއެކު ހަމަސްދުވަހެވެ. އެކުޅިވަރުތަކުގެ މަސްތުގައި ދެންއޮތް ހަމަސްދުވަހެވެ. މިއީ އަޅުގަނޑުމެންގެ ގިނަމީހުން ރޯދަމަހަށް ތައްޔާރުވެ އެމަހާ ބައްދަލުކޮށް އަދި އެމަސްފާއިތުވެދިއުމުން އަމަލުކުރާގޮތެވެ.

މިހާރު ރޯދަމަސްނިމުނުފަހުން ދެމަސް ފާއިތުވީއެވެ.  "ނަންއެދުނަސް" ހޯދަން އަދި ކިރިޔާ ފެށުނީއެވެ. ހަމަގައިމުވެސް ދެން އަންނަ ރޯދަމަހާއި ހަމައަށް އެމަސައްކަތް ކުރިއަށް ދާނެއެވެ.

Wednesday, November 2, 2011

ޙައްޖުދުވަހުގެ ބޭނުން ކުރެވެނީ ކޮންގޮތަކަށް



ދީނީ އިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު ޢަރަފާތްދުވަހަކީ ނުވަތަ ޙައްޖުދުވަހަކީ ކިހާވަރެއްގެ މާތް މަތިވެރި ދުވަހެއްކަން ދެނެގަންނާކަށް ދައްޗެއްނުވާނެއެވެ. ޙައްޖުދުވަސްކަމުގައިވާ ޛުލްޙިއްޖާ މަހުގެ 9ވަނަދުވަހަކީ ޙައްޖުވެރިން މާތްވެގެންވާ ޢަރަފާތު ބިމަށް އެއްވާ ދުވަހެވެ. އަދި ޙައްޖުދުވަހާއި އެދުވަހުގެ ކުރިއަށް އޮންނަ އެމަހުގެ ފުރަތަމަ އަށްޑުވަހަކީ އަޅުކަންކޮށް ހެޔޮޢަމަލުކުރުމަށްޓަކައި ވަރަށް ޚާއްޞަ ދުވަސްތަކެކެވެ.

މިގޮތުން ބަލާއިރު ޙައްޖުވެރިންފިޔަވައި އެހެންމީހުންނަށް ޙައްޖު ދުވަހަކީ ސުންނަތްރޯދަހިފުމަށް އަހަރުތެރޭގައިއަންނަ އެންމެ މުހިއްމުދުވަހެވެ. ޙައްޖުދުވަހު ހިފާރޯދައަކީ އެރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރާއި އަންނަންއޮތް އަހަރުގެ ފާފަތައް ﷲ ފުއްސަވައިދެއްވާނޭ ކަމެއްކަމުގައި ރަސޫލު (ޞައްލަﷲޢަލައިހިވަސައްލަމް) ގެ ޙަދީޘްފުޅުގައި އައިސްފައިވާ ކަމަށް ޢިލްމުވެރިންވިދާޅުވެއެވެ. ވިސްނަވާލަބައްލަވާށެވެ. އެންމެ ދުވަހެއްގެ ރޯދައަށް ކިހާބޮޑު އަދި ކިހާމަތިވެރި އަޖުރެއްތޯއެވެ؟ ﷲއަކުބަރު. ﷲގެ އޯގާވަންތަކަމާއި ދީލަތިވަންތަކަމުގެ ބޮޑުކަމާއެވެ. ހެޔޮކަމާއި ދަރުމަޔާއި ޘަވާބަށް އެދޭމީހަކަށް ކޮންފަދަ ރަނުގެ ފުރުޞަތެއްތޯއެވެ؟

އަދިވެސް ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭގޮތުގައި އަހަރުތެރޭގައި އެންމެގިނަބަޔަކު ނަރަކައިން މުއްތިކުރެއްވެނީވެސް އެދުވަހުއެވެ.  ނަރަކައިން މިންޖުވެވި ސުވަރުގޭގެ އަހުލުވެރިންގެތެރޭން ވާން ނޭދޭނީ ކާކުތޯއެވެ؟ އެހެންކަމަށްވުމާއެކު އެމާތް މަތިވެރި ދުވަހު ޣާފިލުކަމުގައި ނުހުރެ އެންމެފުރިހަމަގޮތުގައި އެދުވަހުގެބޭނުން އިޚުލާޞްތެރިކަމާއެކު ހިފައިފި މީހަކަށް ހުރި ދަރުމައެއްގެ ބޮޑުކަމާއެވެ. ޝައްކެއްނެތެވެ. ވިޔަފާރިވެރިންނާއި އެހެނިހެން މީހުންވެސް އާމްދަނީ އިތުރުކޮށް ގިނަފައިސާ ހޯދުމަށްޓަކައި ވިޔަފާރި ރަނގަޅުވާ މޫސުމް މޫސުމަށް ވިސްނާ ސަމާލުވެ އެފަދަ ދުވަސްތައް އައުމުން މަސައްކަތްކުރާވަރު އިތުރުކޮށް ގިނަފައިސާ އާއި މުދާ ހޯދައެވެ. ދުނިޔޭގެމިފަނާވަނިވި އަރާމާއި މުދާ އެއްކުރުމަށް މިހާބޮޑު ސަމާލުކަމެއްދެވޭއިރު ފަނާވުމެއްނެތް ދުނިޔޭގެ، ޔަޢުނީ އާޚިރަތުގެ އަރާމާއި އުފާ ހޯދުމަށް އަޅުގަނޑުމެން ސަމާލުކަމެއް ނުދެމުއެވެ.
އަޅުގަނޑުމެން ދިވެހިން ޙައްޖުދުވަސް ފާހަގަކުރޭތޯއެވ؟ އެދުވަހުގެ ބޭނުން ހިފާތޯއެވެ؟ އާނއެކެވެ. ހިފައެވެ. އެހެންނަމަވެސް އަޅުކަން ކުރާކަށް ނޫނެވެ. ގިނަބަޔަކު އެދުވަސް ބޭނުންކުރަނީ ޢީދުގެ ކުޅިވަރުތައް ފަށާ ދުވަހުގެ ގޮތުގައެވެ. ޢާއްމުކޮށް ޢީދުޗުއްޓީއަށް ބަންދުވަނީ ފަސްދުވަހެވެ. ޙައްޖުދުވަހާއި، ޢީދުދުވަހާއި އައްޔާމުއްތަޝްރީޤުގެ ތިންދުވަހެވެ. ބައެއްޙާލަތްތަކުގައި ހަފުތާބަންދުގެ ސަބަބުން ދުވަސް އިތުރުވޭމެއެވެ. ބޮޑުޢީދުބަންދަކީ މިހާރަކަށްއައިސް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ތަފާތު ގިނަގުނަ ކުޅިވަރު މުބާރާތްތައް އިންތިޒާމްކޮށް ކުރިއަށް ގެންދެވޭ ދުވަސްތަކެކެވެ. ޢީދުގެ ބަންދުގެތެރޭގައި މުބާރާތްތައް ނިންމުމަށްޓަކައި 'ޓައިޓް ޝެޑިއުލް' އެއްގެ ދަށުން މުބާރާތްތައް ރާވާ، ޙައްޖުދުވަހަކީވެސް ކުޅިވަރުގެ ދުވަހެއްކަމުގައި ހަދައެވެ. އެހެންކަމުން ދެއަހަރުގެ ފާފަފުއްސެވޭނެ ސަބަބުކަމުގައިވާ ޙައްޖުދުވަހުގެ ރޯދަ ހިފުމުގެ ބަދަލުގައި އެތައްބަޔަކު އެދުވަސް ބޭކާރުކޮށްލަނީ ކުޅިވަރުގައެވެ. ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ؟

އެންމެހާ އަޚުންނާއި އުޚުތުންނޭވެ. ގައިބާރުގަދަ ޒުވާނުންނޭވެ. ޙައްޖުދުވަހަކީ ކުޅިވަރުގެ ދުވަހަކަށް ނުހަދާށެވެ. އެއީ އަޅުކަމުގެ ދުވަހަކަށް ހަދަމާހިނގާށެވެ. ރޯދައިގެ ދުވަހަކަށް ހަދަމާހިނގާށެވެ. އެދުވަހު ނަރަކައިން މުއްތިކުރެވޭ މީހުންގެ ބައިގައި ވުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަމާ ހިނގާށެވެ. އެކަމަށްޓަކައި އަތުކުރި އޮޅާލަމާހިނގާށެވެ. އެކަން ކާމިޔާބުކުރެވޭނީ ކުޅިވަރުގެ ޙަރަކާތްތައް އެދުވަހު ބާއްވައިގެނެއްނޫނެވެ. ސްޓޭޖްޝޯވތައް އިންތިޒާމުކޮށް ސްޓޭޖްހަދާ އެކަމަށް ފަރިތަކޮށްގެނެއްނޫނެވެ. ފާޑުފާޑުގެ ކެއުންތަކާއި ބުއިންތައް ތައްޔާރުކޮށް އެތަކެތި ބޭނުންކޮށްގެނެއްނޫނެވެ. ޕާޓީތަކާއި އެއްވުންތަކާއި ޙަފުލާތައް އެދުވަހަށް ޚާއްޞަކޮށްގެންނެއްނޫނެވެ.


ޝައްކެއްނެތެވެ. ޢީދަކީ ﷲގެ މަތިވެރި ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ދުވަހެވެ. މަގުމަތީގަޔާއި ބާޒާރުތަކުގައި އަދި މިސްކިތްތަކާއި ގޭގެތަކުގައި ﷲއަށް ތަކުބީރުކިޔުމުގެ ދުވަހެވެ. އެއީ އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުކޮށް، ޒިޔާރަތްކޮށް ތަހުނިޔާކިޔުމުގެ ދުވަހެވެ. ކުޅިވަރުކުޅުމާއި އުފާފާޅުކުރުމުގެ ދުވަހެވެ. މީރުބުއިންތަކާއި ކެއުންތަކުގެ ދުވަހެވެ. އެކަންކަމަށްޓަކައި ޢީދުދުވަހާއި އައްޔާމުއްތަޝްރީޤުގެދުވަސްތަކުގައި ރޯދަހިފުން އެވަނީ މާތްﷲ ޙަރާމްކުރައްވާފައެވެ. އެހެންކަމަށްވުމާއެކު އެދުވަސްތައް އެކަންކަމަށް ހުސްކުރަމާ ހިނގާށެވެ. އަދި ޢީދުގެ ކުރިން އޮންނަދުވަހު އެކަމަށް ޚާއްޞަ ވެގެންވާ އަޅުކަމަށްޓަކައި ހުސްކުރަމާހިނގާށެވެ. ހަމަކަށަވަރުންވެސް އެދުވަހުގެ ރޯދައިގައިވަނީ ބޮޑުވެގެންވާ ކާމިޔާބާއި ފަލާޙެވެ.

Monday, October 31, 2011

ޢީދުކުޅިވަރު ދީނީ ގިޔުގަނޑުގެ ތެރޭގައި



ޝައްކެއްނެތްގޮތުގައި އަޟުޙާޢީދަކީ މުސްލިމުންނަށް އަންނަ ވަރަށް އުފާވެރި ދުވަހެކެވެ. އެއީ އުފާ ފާޅުކުރުމުގެ ދުވަހެކެވެ. އެހެންނަމަވެސް ޒަމާނުއްސުރެ އެދުވަސް އަޅުގަނޑުމެންފާހަގަކުރަމުން މިއަންނަނީ އިސްލާމީ ރިވެތި އުސޫލުތަކާއި އާދަތަކާއި ޚިލާފަށެވެ. އެކި ރަށްރަށުގައި ކުދި ކުދި ތަފާތު ތަކަކާއި އެކުވެސް ކުރެވިގެންދަނީ ހަމަ އެއްކަހަލަ ކަންތައްތަކެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އީދުގެ އާދަކާދަތައް އުފެދި ފައިވަނީ ވަޙުޝީ ތަޞައްވަރެއްގެ މައްޗަށްކަމަށް ބުނަން މިޖެހެނީ އަޅުގަނޑުމެންގެ ކާބަފައިންނަށް ބަދުބަހެއް ރައްދުކުރުމުގެ މަޤުޞަދަކު ނޫނެވެ. އީދުގެ ސަގާފީ ހުރިހާ ކުޅިވަރެއްވެސް އަމާޒުކުރެވިފައިވަނީ ހަމަ އެއްދިމާލަކަށް ކަމަށް ފެނެއެވެ. އެއީ ދެޖިންސުގެ މަސްހުނިވުމާއި ފާހިޝްކަމެވެ. ޤަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް ކަންތައްހުރީ މިފަދަޔަކުންނެވެ.

ޢީދުގައި އޮންނަ އެންމެ ޚާއްޞަކަމަކީ ފެންޖެހުމެވެ. ތެންމާލުމެވެ. އަޑިންލާ ހެދުން އަޅުގަނޑުމެން ގެތެރެއަށް ޢާއްމުވީ ދާދި ފަހަކުންނެވެ. ކުރިން އަންހެނުން ހަށިގަނޑު ފޮރުވަނީ(ހެދުމެއް ނުވަތަ ލިބާހެއްފަދަ) އެންމެ ފޮތިގަނޑަކުންނެވެ. އެފޮތިގަނޑު ތެންމާލުމާއެކު ހަށިގަނޑުގެ ވަނާތަށް ހުންނަނީ ދިމާލަށް ފެންނާށެވެ. ޒުވާން އަދި ދެބައި އުމުރުގެ އަންހެނުންވެސް ތެންމާލުމަކީ ފިރިހެންވެރިންގެ މައިގަނޑު މަޤުޞަދަކަށް އޮންނަނީ ވެފައެވެ. ދެން އޮންނަނީ ގެންގޮސް މޫދަށްލުމެވެ. ގެންދެވުނުގޮތަކަށް ގެންގޮސް މޫދަށްލުމެވެ. މައިންބަފައިންގެ ތެރެއިންވެސް އެމީހުންގެ އަނބިންނާއި އަންހެންދަރިންގެ ގައިގައި ފިރިހެނަކު އަތްލާތޯ ބަލާ ފާރަލާ ހަދާމީހުންވެސް  ޢީދުދުވަހު އެމީހުންގެ އަނބިންނާއި އަންހެންދަރިންގެ އަތުގައި ހިލޭފިރިހެނަކު (ނުވަތަ ބައިވަރު ފިރިހެނުން) ހިފައިގެން ނުވަތަ ނަގައިގަނެގެން، ބައްދާލައިގެން ނުވަތަ އުރާލައިގެން މޫދަށްގެންދާތަން ބަލަން ހިނިއައިއްސައި ތިބޭނެއެވެ. ޢީދުވިއްޔާއެވެ. ހިލޭ ފިރިހެނަކު ހިލޭ އަންހެނެއްގެ ގައިގާ އަތްލުމަކީ ދީނީ ގޮތުން ހުއްދަ ކަމަކަށް ނުވާއިރު އީދުދުވަހަކީ އެކަން އެންމެ ގަދަޔަށް ކުރެވޭ ދުވަހަކަށް ވެދެއެވެ.

ރޭވިފައި ހުންނަ ގިނަ ކުޅިވަރުތައްވެސް ހުންނަނީ ދެޖިންސުގެ މަސްހުނިކަމާއި ފާހިޝް ކަމަށް މަގު ދައްކާ ފަދަޔަކުންނެވެ. ރާއްޖޭގެ ތަފާތު ރަށްރަށުގައި ތަފާތު ތަކަކާއި އެކު ނަމަވެސް ކުޅެވޭ ކޯޑި ކުޅިވަރަކީ މިފަދަ ކުޅިވަރެކެވެ. މިކަމުގައި އޮންނަނީ އަންހެނުން ނަލަހައްދައިގެން އެމީހުން ވަށާ ފިރިހެނުންތައް ލަވަކިޔާ ނަށާ އެނބުރުމެވެ. ފިރިހެނަކު އަންހެނުންގެ ފަރާތުން 'ހަދިޔާ' ލިބޭގޮތަށް ކޯޑި ކެނޑުމެވެ. އެއީ ކިހާވަރެއްގެ ކޮންކަހަލަ 'ހަދިޔާ'އެއްކަން އެނގޭނީ ހަމަ އެލިބޭ މީހަކަށެވެ. ފިރިހެނުން އެކޯޑި ކެނޑިމީހަކު މުޑުދާރުކޮށްގެން ގެންގޮސް މޫދަށްލުމުން ހިލޭ އަންހެނުންތައް އައިސް އެމީހަކު ފެންވަރުވާ ސާފުކޮށް ފުއްޖަހާ ނަލަކޮށް ދޮންކުރުމެވެ.

ދީނީގޮތުން އަޅުގަނޑުމެންގެ ތެރޭގައިވާ އެންމެ ޖާހިލުމީހާއަށްވެސް މިފަދަޔަކުން ދެޖިންސް މަސްހުނިވެ އުޅުން ދީނުގައި ހުއްދަނުވާނޭކަން ދެނެގަންނާކަށް މާގިނަ ވިސްނުންތަކެއް ވިސްނާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް މިފަދަކަންކަން މިއީ އަޅުގަނޑުމެންގެ ސަގާފަތޭ އާދަކާދައޭ  ކާބަފައިންގެ ތަރިކައޭ ދިރުވަންނާނެޔޭ ކިޔައިގެން ވާހަކަދައްކާ އަދި އެފަދަ ކަންކަން އެގޮތުގައި ދެމެހެއްޓުމަށް ގަދަޔަށް މަސައްކަތްކޮށް ނަގާ ކިޔާ ހަދަނީ މުޖުތަމަޢުތަކުގެ ކަމުވޮށްޓޭ މިކިޔޭ ތަޢުލީމީ މީހުންނަށްވާކަމަކީ ހަމަ ޢަޖާއިބު ވާންޖެހޭފަދަ ކަމެކެވެ.

ހަނދާންކުރަންވީ ކަމަކީ 100 އަހަރު ނުވަތަ އެއަށްވުރެ ގިނައަހަރުވެސް އެގޮތަށް އީދު ފާހަގަކޮށްފައިވެސް ހަމަ ދާންޖެހޭނީ ކަށްވަޅަށް ކަމެވެ. އަދި އެތަނަށްދާނީވެސް އެކަނިކަމެވެ. އެތަނުން ތިމާއަށް އޮތް ހަމައެކަނި ފުރުޞަތަކީ ތިމާއަށްކުރެވިފައިވާ ހެޔޮޢަމަލުތައް އެކަނިކަމެވެ. ބަޔަކު މީހުންނަށް ފާފައެއްކުރުމަށް ހިތްވަރުދީ އެކަމަށް މަގުފަހިކޮށްދީފިމީހަކަށް އެކަންކުރިބަޔަކު އެކުރި ފާފަޔަކުންވެސް ބައެއް ބޮލުއަޅަންޖެހޭނެ ކަމަކީ ޔަޤީންކަމެކެވެ. ގަދަފައިވިއްދާފައި ގަދަބަސްބުނެފައި މިތާއުޅެވިދާނެއެވެ. މިނަސޭހަތް ދިނީތީވެ އާނދޮގޭ އޭ ކިޔާފައި މިއާ އިދިކޮޅަށް ނިކުމެ އެފަދަކުޅިވަރުތައް އިހުނަށްވުރެ ފޯރީގައި ކުޅުނަކަސް މިލިޔުން ލިޔުނު މީހާއަށް ލިބޭނެ އެއްވެސް ނިކަމެތިކަމެއް ގެއްލުމެއް ﷲ އިރާދަކުރެއްވިއްޔާ ނޯންނާނެއެވެ. އަދި އެކަންކަމުގެ ޙުކުމްވެސް އޮންނާނީ ﷲ އެކަލާނގެ ލޮބުވެތި ރަސޫލު މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) މެދުވެރިކުރައްވައި އެކަލާނގެ އަޅުތަކުންނަށް އެންގެވި ގޮތަށެވެ. އެއީ ކޮންގޮތެއްކަން ހޯދުމަކީ އަޅުގަނޑުމެންގެ ކިބައިގައި އޮތްކަމެކެވެ. ކޮންމެ މީހެއްގެ ފަރުދީ ވާޖިބެކެވެ. އެކަން ހޯދުމަކީ މިހާރު ދާދިފަސޭހަކަމެއްމެއެވެ. އެޒިއްމާ ނެގުމެއްނެތި ޢުމުރު ހުސްވަންދެން އެކަމުގައި އުޅެފައި ﷲ ޙަޟުރަތަށްގޮސް ސުވާލުވެވުމުން ދައްކާނެ ޙުއްޖަތެއް، ބަހަނާއެއް ނޯންނާނެ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.

Friday, October 28, 2011

ނަސޭހަތްތެރިވުމުގައި ވަގުތުގެ މުނާސަބުކަމަށް ބެލުން




އެއީ މިދިޔަ ޒުލްޤަޢިދާ މަހުގެ ސޯޅަވީ ހުކުރުދުވަހެވެ. ހުކުރު ޚުތުބާގައި މައިގަނޑު ސުރުޚީއަކީ ޙައްޖުގެ އަޅުކަމެވެ. ދެވުނު ނަސޭޙަތްތަކުގެތެރޭގައި ޙައްޖަކީ އިސްލާމްކަމުގެ ފަސްވަނަރުކުންކަމާއި އެކަމަށް ކެރިކުޅަދާނަވެއްޖެމީހަކުނަމަ އެކަން ކުރުމަށް އަވަސްވެގަތުމަށް ނަސޭހަތްތެރިވުން ހިމެނެއެވެ. އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލަކީ މިއީ މިފަދަނަސޭހަތެއްދޭން އެންމެ މުނާސަބު ވަގުތަކީ ބާވައެވެ. އަޅުގަނޑަށް ފެންނަގޮތުގައި މިއީ ޙައްޖުމޫސުންކަމަށްވިޔަސް އެފަދަނަސޭހަތަކުން މިވަގުތު ކުރާނެމާބޮޑުފައިދާއެއްނެތެވެ. އަޅުގަނޑުމެން އެންމެނަށްވެސް އެނގޭފަދައިން ނަސޭހަތުގެ ފައިދާ އެންމެ ބޮޑަށްކުރާނީ އެނަސޭހަތެއް ދެވޭ ވަގުތުގައެވެ. ދެން ގިނަދުވަސްވާވަރަކަށް އެނަސޭހަތުގެ މަތިން ހަނދާންނެތި ކުރިން ހުރިގޮތަށް މީހާބަދަލުވެދެއެވެ. މިއީ ހަމަކޮންމެމީހަކަށްހެން ވާގޮތެވެ. އެހެންކަމަށްވުމާއެކު ޙައްޖުގެ ފަރުޟުއަދާކުރުމަށް ދެވުނު ނަސޭހަތް ޤަބޫލުކުރެވި ޙައްޖަށް ދިއުމަށް އެވަގުތު ހިތް އެދުނުކަމުގައިވިޔަސް މިއަހަރުގެ ޙައްޖުމޫސުމުގައި ޙައްޖަށް ދިއުމުގެ ފުރުޞަތު އެމީހަކަށް ނޯންނާނެއެވެ. އެމީހަކު ޖެހޭނީ ދެންއަންނައަހަރު ޙައްޖުގެ އަޅުކަމަށް މީހުން ގެންދިއުމުގެ މަސައްކަތްތައްފެށުން ޙައްޖަށް މީހުންގެންދާ ގުރޫޕުތަކުން އިޢުލާނުކުރަންދެން މަޑުކުރާށެވެ. އަދި އެދުވަސް އަންނައިރު މިއަދު އެދެވުނު ނަސޭހަތުގެ މަތިން ހަނދާންހުރުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. އެކަމަކުވެސް މިފަދަނަސޭހަތަކަށް އެންމެ މުނާސަބު ދުވަސްވަރު ކަމުގައިވާ ޙައްޖުގުރޫޕުތަކުން އެކަމަށް އިޢުލާންކުރާދުވަސްވަރު މިފަދަނަސޭޙަތެއް ހުކުރު ޙުތުބާއަކުވެސް ނުވަތަ އެހެން ތާކުވެސް ދެވޭތީއެއް ނުފެނެއެވެ. ހަމައެދުވަހުގެ ޚުތުބާގައި ޙައްޖަށްދާއެންމެން ޙައްޖުގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ކުރުމަށް ވަޞިއްޔަތްކޮށްފައިވެސްވޭމެއެވެ. އެހެންނަމަވެސް އޭރު އެއްބަޔަކު ވަނީ މައްކާއަށް ގޮސްފައެވެ. މިވަޞިއްޔަތްވެސް އޭގެކުރީހުކުރުދުވަހު ކުރިނަމަ އެވަޞިއްޔަތް ރައްދުވާންޖެހޭ އެންމެނަށް ރައްދުވީސްކަންނޭނގެއެވެ. 


އަދި ހަމަ އެގޮތުން ޙައްޖުއަޅުކަމުގެތެރޭގައި ކަންތައްތައްކުރާނެގޮތުގެ މަޢުލޫމާތު ހިމަނައިގެން ރާއްޖޭގެ ޓީވީޗެނަލަކުން މިދިޔަހަފުތާގައި ފޮނުވި ޕްރޮގްރާމެއްގެ ފެށުން އަޅުގަނޑުދުށީމެވެ. އަދި މިހަފުތާގައިވެސް އަދި ކުރިޔަށް އޮތް ހަފުތާގައިވެސް މިފަދަ ޕްރޮގްރާމް ފޮނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް އަޅުގަނޑު ދެކޭގޮތުގައި މިޕްރޮގްރާމްތައް ރޭވެންޖެހެނީ ޝައްވާލުމަހަށާއި ޒުލްޤަޢިދާމަހުގެ ކުރީކޮޅަށެވެ. އެއީ މިއަހަރު ޙައްޖަށްދާމީހުން މައްކާއަށް ފުރުމުގެކުރިންނެވެ. މިހާރު މިވާގޮތުން އެޕްރޮގްރާމްތައް އަޑުއަހާ ނުވަތަ ބަލާ އެއްވެސް މީހަކީ ޙައްޖުގެ އެއްވެސް ކަމެއްގައި ކުރިއަށް އޮތް 12 މަސްދުވަހުގެތެރޭގައި ޢަމަލީގޮތުން ބައިވެރިވާނެމީހެއްނޫނެވެ. އެހެންކަމަށްވުމާއެކު އަހަރެއްހާދުވަހުގެ ކުރިން އަޑުއެހި މައުލޫމާތެއްގެ ބޭނުން ޙައްޖުގެ އަޅުކަމުގައި އެކަށިގެންވާ ގޮތެއްގައި ހިފޭނެކަމަކަށް ނުބެލެވެއެވެ. އަޅުގަނޑުވެސް އެއްބަހެވެ. މިފަދަޕްރޮގްރާމްތަކުގެ ސަބަބުން އެހުންތެރިންނާއި ބެލުންތެރިންގެ މަޢުލޫމާތު މުއްސަނދިވާނެކަން ޔަޤީނެވެ.  އެކަމަކު ޢަމަލީގޮތުން ތަޖުރިބާ ނުކުރެވޭ ނުވަތަ ތަކުރާރުކޮށް މުޠާލިޢާ ނުކުރެވޭ އެއްޗެއް ސިކުނޑީގައި ރައްކާކޮށްފައި ބެހެއްޓުމަކީ ފަސޭހަކަމެއްނޫނެވެ.



މީގެ ދެއަހަރުކުރިން އައި ޙައްޖުދުވަހުވެސް މިފަދަތަޖުރިބާއެއްކުރެވުނެވެ. އެދުވަހު ޙައްޖުދުވަހުގެ ޚުތުބާ ޓީވީ ޗެނަލަކުން ވަގުތުން ފޮނުވަމުން ދިޔަވަގުތު ޝައިޚަކު އެ ޚުތުބާއާއި ބެހޭގޮތުން އޮޅުންފިލުވައިދެމުން ގެންދެވިއެވެ. އަދި އެކަމުގެތެރޭގައި ޙައްޖުގެ އަޅުކަމުގެ ކަންތައްތައް ތަފުޞީލުކޮށް ވިދާޅުވަމުންގެންދެވިއެވެ. އެވަގުތު އަޅުގަނޑުގެ ހިތަށްއެރީ މިލިޔުންފަށަމުން އަޅުގަނޑު ދެންނެވިފަދައަކުންނެވެ. އަޅެ މިމަޢުލޫމާތުތައް މިހާތަފުޞީލުކޮށް ޙައްޖަށް މީހުން ފުރުމުގެ ކުރިން ގެނެސްދިންނަމަ ކިހާރަނގަޅުވީސް ހެއްޔެވެ؟ މިވަގުތު މިމަޢުލޫމާތުތަކުގެ ސަބަބުން އަޑުއަހާމީހުންނަށް ވާނީ ކޮންފައިދާއެއްބާވައެވެ؟



އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް އަދި ޚާއްޞަކޮށް ދީނާއި ގުޅިފައިވާ ކޮންމެ ކަމެއްވެސް ވީ އެންމެ ރަނގަޅަކަށް އެންމެ ފައިދާހުރިގޮތަށް ކުރުން ވަރަށް މުހިއްމެވެ. ބައެއްފަހަރަށް އަޅުގަނޑުމެން ކަންތައްތައް ކޮށް އުޅެނީ ހަމައެކަނި އެކަންކުރީމޭ ބުނުމުގެ މަޤުޞަދުގައެވެ. އެކަމެއްކުރުމުގައި އެންމެ ފައިދާވާނެ ގޮތަކަށް އެކަން ކުރުމަށް އަޅުގަނޑުމެން ވިސްނާ ނަހަދަމުއެވެ. 

Monday, October 10, 2011

(1)ޙައްޖުދަތުރުގެ ތެރެއިން



ތަޢާރަފް

ޙައްޖަކީ އެއަޅުކަމެއްގައި ބޮޑުވެގެންވާ ދަރުމަޔާއި ޡަވާބު ލައްވާފައިވާ އަޅުކަމެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގެއެވެ. އެކަމުގައިވަނީ އެތައްތަކުލީފުތަކެއް ލައްވާފައެވެ. އަދި އެތަކުލީފުތަކަށް ފުރިހަމަޔަށް ކެތްތެރިވުމަކީ އެއަޅުކަން ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި ކޮންމެހެން މަޖުބޫރުކަމެކެވެ. އެހެންނަމަވެސް މީގެމާނަޔަކީ އަޅުކަމުގެތެރޭގައި ތަކުލީފުތަކަކަށް އަމިއްލަޔަށް ހުށަހޮޅިގަތުމެއްނޫނެވެ. ޙައްޖުގެދަތުރުރޭވުމުގައި އެކަންތައްތަކަކުން ރައްކާތެރިވެވިދާނެ ދަތި އުނދަގޫތަކުން ރައްކާތެރިވެވޭފަދަ ގޮތަކަށް ރޭވުމަކީ މުހިއްމު ބޭނުންތެރިކަމެކެވެ. ޙައްޖުދަތުރުގެ ތަޖުރިބާ ކޮށްފައިވާ މީހެއްގެ ހައިޡިއްޔަތުން ބުނާނަމަ ބުނެވޭނީ ޙައްޖަށްދާގިނަމީހުން މާލީގޮތުން އެދަތުރަށް ފުރިހަމަޔަށް ތައްޔާރުވާއިރުވެސް ދީނީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެދަތުރަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް ތައްޔާރުނުވާކަމުގައެވެ. ޙައްޖާޖީންނާއި ޙައްޖަށް މީހުންގެންދާ ޖަމާޢަތްތަކުންވެސް މިކަމުގައި ސަމާލުކަންދޭންޖެހޭ އެންމެފުރިހަމައަށް ސަމާލުކަން ނުދޭކަން ފާހަގަކުރެވެއެވެ.
ޝައްކެއްނެތްގޮތުގައި ޙައްޖުގައި އެކުލެވިފައިވާ ގިނަ ކަންތައްތަކަކީ ދަތި އުނދަގޫ ކަންތައްތަކެވެ. އަދި އެކަންތައްތަކުގެ ދަތިއުނދަގޫކަން އެތައް ގުނައަކަށް ބޮޑުވެގެންދަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ޖަމާވާ މީސްތަކުންގެ ގިނަކަމަށްޓަކައެވެ. އެސަބަބަށްޓަކައި ހިނގާފައި ދިޔުމަށްޓަކައި ފިޔަވަޅެއް އެޅުމަކީވެސް ބޮޑުބުރައަކަށް ބައެއްފަހަރު ވެދެއެވެ.
ވިސްނާލަން ޖެހޭ ކަމަކީ ކިތަންމެ ބޮޑަށް ތައްޔާރުވެގެން ހުރިކަމުގައިވިޔަސް އެހެންމީހުންގެ ފުށުން ކުރިމަތިވާ އުނދަގޫތަކުން ރައްކާތެރިވުމުގައި ހުރި ދަތިކަމެވެ. ޙަޤީޤަތުގައި މީހާގެ ހުރިކެތްތެރިކަން އެންމެރަނގަޅަށް އިމްތިޙާނުވެގެންދަނީ އެފަދަ އުނދަގޫތަކާއި ކުރިމަތިވާ ހިނދުގައެވެ.
ކޮންމެއަކަސް ޙައްޖުދަތުރުގައި ޙައްޖާޖީންނަށް ކުރިމަތިލާންޖެހުނު ބައެއް ތަކުލީފުތަކަކީ ރަނގަޅު ރޭވުންތެރިކަމާއި ހިންގުންތެރިކަމުގެ އެހީގައި ނައްތާލެވިދާނެފަދަ ކަންތައްތަކެއްކަން ފާހަގަކުރެވުނެވެ.
ކުރިންވެސް ދެންނެވުނު ފަދައިން ޙައްޖުދަތުރަށް މާލީގޮތުން ތައްޔާރުވާ ބީދައިން އެހެނިހެން ގޮތްގޮތުންވެސް މީހާ ތައްޔާރުވާންޖެހެއެވެ. އެގޮތުން ދަތުރުގައި ދިމާވެދާނެ އެންމެހާ ކަންތައްތަކާއި މެދު ވިސްނާ އަދި ކުރިން ޙައްޖުވެފައިވާ މީހުންގެ ތަޖުރިބާތައް ހިއްސާކޮށް އަޅުކަމުގެ އެންމެހައި ކަންތައްތައް ކުރަންވީ ޞައްޙަގޮތް އުނގެނި ދަސްކުރަންޖެހެއެވެ. އަދި ޙައްޖާޖީން ނާއި ޙަވާލުވެގެންދާ ގުރޫޕުތަކުންވެސް ޙައްޖާޖީންގެ ވިސްނުންހުރިނެތްގޮތެއްބަލާ އެމީހުންގެ ޚިޔާލުހޯދަންޖެހޭނެއެވެ. އެހެންކަމަށްވުމާއެކު އަޅުގަނޑުގެ ބޭނުމަކީ އަޅުގަނޑުގެ ތަޖުރިބާ އެންމެހާ ފަރާތްތަކާއެކު ޙިއްޞާކުރުމެވެ. ކުރިމަގުގައި ޙައްޖުގެ ފަރުޟު އަދާކުރަން ގަސްދުކުުރާ އެންމެހާ ފަރާތްތަކަށް އަދި އެފަރުޟު އަދާކުރުމުގައި އެހީތެރިވެދޭން ތިއްބެވި ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އެޙިތެރިކަމަކަށް ވާނެކަމަށް އުއްމީދުކުރަމުން އަޅުގަނޑުގެ ތަޖުރިބާ ހުށައަޅާލަމެވެ.
ފުރަތަމަވެސް ފާހަގަކުރެވުނު ފަދައިން މިއަޅުކަމަކީ ތަކުލީފުތަކުން ފުރިފައިވާ އަޅުކަމެކެވެ. އެހެންނަމަވެސް ކުރިއަށް ދުރާލާ ރާވާ ހަދާ އަދި ރަނގަޅަށް ތައްޔާރުވާނަމަ މީގެތެރެއިން ބައެއްތަކުލީފުތަކަކީ އެކަންކަމުން ސަލާމަތްވެވިދާނެ ކަންތައްތަކެވެ. އަދި އަނެއްބައި ކަންތައްތަކަކީ އެކަމުގައި ހުރި އުނދަގޫތައް ލުއި ކުރެވިދާނޭކަންތައްތަކެވެ.
ފުރުމުގެކުރިން ޙައްޖާޖީންނަށް ޓަކައި ހިންގޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމަކީ ވަރަށްމުހިއްމު ބޭނުންތެރި ޕްރޮގްރާމެކެވެ. ވަރަށްގިނަފަހަރަށް މިޕްރޮގްރާމް ވެގެންގޮސްފައި އޮންނަނީ ދެތިން ގަޑިއިރުގެ ޕްރޮގްރާމަކަށެވެ. ޙަޤީޤަތުގައި އެފަދަދަތުރަކަށް ބޭނުންވާނޭ އެކަށީގެންވާ މަޢުލޫމާތު ޙިއްސާކުރުމަށް މަދުވެގެން 10 ވަރަކަށް ގަޑިއިރު ބޭނުންވާނޭކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. އަދި ޢާއްމުގޮތެއްގައި ޙައްޖަށް ފުރަނީ ޙައްޖުދުވަހުގެ މާކުރިން ކަމުގައިވާތީ މަޢުލޫމާތުދިނުމުގެ މިބައްދަލުވުންތަކުގައި ދަތުރަށް ތައްޔާރުވާނޭ ގޮތާއި ދަތުރުމަތީގައި ދިމާވާނެކަންތައްތަކާއި އަދި މައްކާއަށްގޮސް ފުރަތަމަ ވާ ޢުމުރާއާއި ބެހޭ މަޢުލޫމާތު ފުރިހަމައަށްދިނުމަށް އިސްކަންދިނުން މުހިއްމުކަމުގައި ދެކެމެވެ. އެއީ މައްކާއަށް ގޮސް އެތިބޭތިބުމުގައިވެސް ޙައްޖުގެ މަޝާޢިރުތަކާއި ބެހޭ މަޢުލޫމާތު ފުރިހަމައަށް ދޭނެވަގުތު ޙައްޖުވުމުގެ ކުރިން ކިތަންމެ ރަނގަޅަކަށްވެސް ލިބޭނެތީއެވެ.
ޙައްޖުގެ އަޅުކަމަށް ފުރުމަށް ތައްޔާރުވުުމުގައި ޗެކްލިސްޓެއް (ގެންދަންޖެހޭތަކެތީގެ ލިސްޓެއް) ގެންގުޅުން މުހިއްމެވެ. އަދި ފުރަން ހަމަޖެހިފައިވާ ދުވަސް އައުމުގެ ކުރިން މިތަކެތި ހޯދާ ދަތުރަށް ތައްޔާރުވުން މުހިއްމެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި އިޙުރާމްގެ ގޮތުގައި ފިރިހެނުން ގިނަފޮށާތަކެއް ގެންދިއުމަކީ ބޭނުންހުރިކަމެއްނޫނެވެ. އެއްޗެހިދޮވެވޭކަހަލައިންތިޒާމެއް ހަމަޖެހިފައިވާނަމަ ބޯޓަށްއަރާއިރު އަނދެގެން އެހުންނަފޮށަޔާއި ކޮނޑުގައި އެއޮންނަފޮށައިގެ އިތުރުން އެހެންފޮށައެއްބޭނުމެއްނޫނެވެ. އެދެފޮށައިން ޙައްޖާއި ޢުމުރާގެ ހުރިހާކަމަކަށް ފުދި އިތުރުވެސްވާނެއެވެ. ފަހަރެއްގައި އިތުރު އިޙުރާމެއްހޯދަންޖެހުނަސް މައްކާއިން ނުވަތަމަދީނާއިން އިޙުރާމްފޮށައެއް ގަތުމަކީ ދާދި ފަސޭހަކަމެކެވެ.

އެއަރޕޯޓުގައި
ދަތުރަށް ފުރުމަށްޓަކައި އެއަރޕޯޓަށްގޮސް އެތަނުގައި ތިބިއިރު ޙައްޖާޖީންނަށް އެންމެ އުނދަގޫވީ ޓާމިނަލް ތެރެއަށްވަނުމަށް ކިޔުހެދުމާއި އެކުގައެވެ. ކިޔުހެދޭނެ ރަނގަޅު ގޮތެއް އެތާ ޤާއިމް ވެފައެއްނުވެއެވެ. ސްޓޭންޑް ބަހައްޓާ އެ ސްޓޭންޑްތައް ވަލުން ގުޅުވައިގެން ސްޓޭންޑްތައް އަތުރާލިނަމަ ކުޑަ ސަރަހައްދެއްގައި ހުރިހާ ޙައްޖާޖީންނަށް ކިޔު ހަދާކަށް އެއްވެސް ދައްޗެއްނުވީހެވެ. އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވީ ޙައްޖާޖީން ފުރުވަން އައި އެމީހުންގެ ޢާއިލާމީހުންނާއި ރައްޓެހިންގެފަރާތުންނެވެ. އެމީހުން އެޅުގަތްގޮތުން ހީވީ ޙައްޖާޖީން މަތިންދާބޯޓަށް އަރަންދެންވެސް އެމީހުންގެ އަތުގައި ހިފައިގެން ތިބެންބޭނުންވި ފަދައަކުންނެވެ. އަޅުގަނޑު އެކިޔުއަށް އެރީ އަޅުގަނޑުގެ އަހުލުވެރިންނާއި ސަލާންކޮށް ވަދާޢުކުރުމަށްފަހުގައެވެ. އަޅުގަނޑާއެކު އައި މީހުން އެކިޔުކައިރިއަށް ބޮނޑިއެއްނުވެއެވެ. އެހެންނަމަވެސް ވަރަށްގިނަ މީހުން އެތަނަށް ބޮނޑިވުމުގެ ސަބަބުން ޙައްޖާޖީން ފިތި ވަރަށް ބޮޑެތި އުނދަގޫތައް ތަހައްމަލު ކުރަންޖެހުނެވެ. މިކަން މިހެންވިޔަ ނުދިނުމަށްޓަކައި އެކިޔުއަށް އެރުމުގެ ކުރިން ފުރުވަން އައިމީހުންނާއި ވަދާޢުކޮށް ވަކިވުން މުހިއްމެވެ. އަދި ޙައްޖާޖިން ކިޔޫހަދާސަރަޙައްދަށް އެހެންމީހުންނަށް ނާދެވޭގޮތަށް އިންތިޒާމުކުރުން ކޮންމެހެން ބޭނުމެވެ. އެއަރޕޯޓްގައި އެތައްއިރަކު ތިބޭއިރު ސަލާންގަލާންކޮށް ވަދާޢުކުރާނެ ވަގުތު ކިތަންމެރަނގަޅަކަށްވެސް ލިބޭނެއެވެ.

މަތިންދާބޯޓްގައި
ވަރަށްގިނަފަހަރަށް ޙައްޖުދަތުރުވެފައި އޮންނަނީ މަތިންދާބޯޓެއްގައި ކުރާ ފުރަތަމަ ދަތުރަށެވެ. އެހެންކަމަށްނުވިޔަސް މިދަތުރުވެގެންދަނީ ގިނަފަހަރަށް ވަރަށް އާ ތަޖުރިބާއަކަށެވެ. އެހެންކަމަށްވުމާއެކު ބޯޓުގައި ދިމާވާ ކަންތައްތަކާއިމެދު ޢަމަލުކުރަންވީގޮތް ރަނގަޅަށް ނޭނގޭ ޙާލަތްތަކުގައި އުފުލަންޖެހޭ އުނދަގޫވަރަށްބޮޑުކަން ފާހަގަކުރެވެއެވެ. މިސާލަކަށް ބުނާނަމަ ފާޚާނާގެ ދޮރުހުޅުވަންނޭނގިގެން އެތައްއިރަކު އުޅުނު ޙައްޖާޖީން އަޅުގަނޑު ދުށީމެވެ. އަދި ވަނުމަށްފަހު ނުކުންނާނެގޮތެއްނޭނގިގެންވެސް އެތައްބަޔަކު އުޅުނެވެ. އަދި މިއަށްވުރެވެސް ބޮޑުމައްސަލައަކަށް އަޅުގަނޑަށް ފާހަގަކުރެވުނީ ފާޚާނާ ތަޅުނުލާ އެތެރޭގައި އުޅެނިކޮށް އެހެންމީހުން ދޮރުހުޅުވާހެދުމެވެ. ގުރޫޕުތަކުން ޙާޖީން މިފަދަ ކަންތައްތަކަށް ހޭލުންތެރިކުރުވުމަށް މަސައްކަތްނުކުރާކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ. އިޙުރާމް ހެދުމުގައި މީރުދުވަސްދުވާ ތަކެތި ބޭނުންކުރުން ހުއްދަނުވާނެކަން އެންމެންނަށްވެސް އެނގެއެވެ. އެހެންނަމަވެސް ބޯޓަށް އެރުމަށްފަހު ފަސިންޖަރުންނަށް ދެވޭ ވެޓްޓިޝޫ ބައެއް ޙައްޖާޖީން ބޭނުންކުރެއްވިއިރު އިޙުރާމުން އެޓިޝޫ ދުރުކުރުމަށް މަސައްކަތެއް ނުކުރައްވައެވެ. މާނައަކީ އެބޭފުޅުންގެ އިޙުރާމްހެދުމުގައި އޭގެ އަސަރު ހުންނާނޭކަމެވެ. އަދި މީޤާތުން އިޙުރާމްބެންނެވުމަށްފަހު ހަށިގަނޑުގެ އެއްވެސް ތަނެއްގައިވެސް އެޓިޝޫ ޖެހިދާނެތީ އެކަމަށް ސަމާލުކަން ދެއްވީ ކިތައް ޙާޖީންބާވައޭ މިއީ އުފެދޭ ސެވާލެކެވެ. ހަމަޔަޤީނުންވެސް އެޓިޝޫގައި މީޜުދުވަސްދުވާ ތަކެތި އެކުލެވިފައި ވެއެވެ. ވީމާ އެންމެ ރައްކާތެރިގޮތަކީ އޭގެ ބޭނުންއެއްގޮތަކަށްވެސް ނުކުރެއްވުމެވެ. އެ ނުކަނޑުއްވައި އޮތްގޮތަށް ބޭއްވެވުމެވެ.

ޖިއްދާ އެއަރޕޯޓްގައި
ކިތަންމެ ވަރަކަށް ތައްޔާރުވެތިބިކަމުގައިވިޔަސް އެއަރޕޯޓްފަދަ އެތަނުގައި ތިމާގެ މާބޮޑު އަމިއްލަބާރެއް ނޯންނަތަންތާގައި ކަންތައްތައް ދާގޮތުން ކޮންމެފަދަކަމަކާވެސް ކުރިމަތިލާންޖެހިދާނެއެވެ. ކިތަންމެ އިރަކު މަޑުކޮށްގެން ތިބެންވެސް ޖެހިދާނެއެވެ. މިކަމަކީ އެކަމެއްގެ ތެރޭގައިމީހާގެ ކެތްތެރިކަން ވަރަށަބޮޑަށް އިމްތިޙާނުވެގެންދާ ކަމެއްމެއެވެ. ޖިއްދާއެއަރޕޯޓުން އަޅުގަނޑަށް ފާހަގަކުރެވުނު އެއްމައްސަލައަކީ އެއަރޕޯޓުން ނިކުންނައިރު (ޗެކްއައުޓް ކުރާއިރު) އެންމެކުރިން ނިކުންނަމީހުންނާއެކު ގުރޫޕުގެ މީހަކު ނުނިކުންނަކަމެވެ. މިހެން ދިމާވުމުގެ ސަބަބުން ކުރިން ނިކުތް މީހުން ދެން ހަދާނެގޮތެއް، ދާނެ ތަނެއްނޭނގިގެން އެނބުރިއެނބުރި ތިބެންޖެހުނުކަން ފާހަގަކުރެވުނެވެ. އަދި އެއަރޕޯޓްގައި އެހާކާރޫބާރޫ ބޮޑުއިރު އެންމެންނަށް އެތަނުން ނިކުމެވެން ވަރަށްގިނަވަގުތު ނަގާއިރު މިގޮތަށް ފުރަތަމައަށް ނިކުމެވޭމީހުންނަށް ވާނުވާއެއްނޭނގި ގިނައިރުތަކެއްވެގެން ދިޔަކަން ފާހަގަކުރެވުނެވެ. ތަފާތު ތަންތަނުން ތަފާތު ބައިވަރު ގުރޫޕުތައް އަންނަމުންދާއިރު އެތަނުން ގުރޫޕެއްގެތެރެއަށްވެދެވި އެހެން ދިމާލަކަށްދެވި މީހާގެއްލުމުގެ ހާދިސާއެއްވެސް މިކަމުގެސަބަބުން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ޤައުމެއްގެ މުޅިން އެހެންގުރޫޕެއްގެ ކަންތައްތަކާއި ޙަވާލުވާން އައިސްތިބިބައެއްގެ މޭޒުދޮށަށް ދިވެހި ޙައްޖާޖީންތަކެއްގޮސް ޕާސްޕޯޓްދައްކާ ބަސްދަތުރަށް ފައިސާދައްކަން އުޅެނިކޮށް އަޅުގަނޑުދުށީމެވެ. އެމީހުންނަށް ވާނުވާ އޮޅުންފިލީ އިނގިރޭސިބަސް ކޮންމެވެސްވަރަކަށް ދަންނަމީހަކަށް އެތަނަށް އާދެވުމުގެ ސަބަބަުންނެވެ. (އިނގިރޭސިބަސް އެނގުނަސް މައްކާގައި މާބޮޑުފަސޭހަތަކެއްނުވާކަން އަޅުގަނޑަށް އެނގުނެވެ. އަރަބިބަސް ، އުރުދޫ ނުވަތަ ހިންދީ ބަސް ދަންނަނަމަ 
މުޢާމަލާތުކުރުމަށް ވަރަށްބޮޑުތަން ފަސޭހަވީހެވެ.)

ހޮޓަލަށް އައުމަށްފަހު
އެއަރޕޯޓުން ނިމިގެން ބަހުގައި ހޮޓަލާއި ހަމައަށް އައުމަކީވެސް ގިނަފަހަރަށް ވަރަށް ބޮޑު ތަކްލީފެކެވެ. އެއަރޕޯޓްގަވެސް ނުވަތަ ބަހުގަވެސް ވަރަށް ގިނަވަގުތު ހޭދަކުރަންޖެހިދާނެއެވެ. އަޅުގަނޑުމެންނަށްވެސް މަތިންދާބޯޓުން ފޭބުމަށްފަހު ހޮޓަލާއި ހަމައަށް އާދެވުނީ 10ގަޑިއިރުވީފަހުންނެވެ. އެހެންކަމަށްވުމާއެކު ހޮޓަލާއި ހަމައަށް އާދެވޭއިރު ތިބޭނީ ވަރަށްބޮޑަށް ލޮޑުވެ ވަރުބަލިވެފައެވެ. ނިންޖަށް ބަލިވެފަތިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމަށްވާނަމަ އަވަސްއަރުވާލާފައި ޢުމްރާވާން ޙަރަމާއި ދިމާލަށް މިޞްރާބުޖެހުމަކީ ބުއްދިވެރިކަމަކަށްނުވާނެއެވެ. އެއީ ޢުމްރާގެ އަޅުކަމަކީވެސް ލުއި އަޅުކަމެއްނޫނެވެ. އެތަނަށްދާއިރު ހަމަޖެހި، ގައިގައި ވަރުޖައްސާ، ތާޒާވެލައިގެން ދިއުން މުހިއްމެވެ. ވީއިރު ނިދަންބޭނުންނަމަ ނިދާލާ، ފެންވަރާ އަދި ކައި ތާޒާވެލައިގެން ދިއުންބުއްދިވެރިއެވެ. ޢުމްރާގެ ކަންތައްތައް އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައެވެ.

ހޮޓަލުގައި ތިބޭއިރު
ހޮޓަލުގައި ތިބޭއިރު ޢާއްމު ސަލާމަތްތެރިކަމާއި އަދި ކުއްލި ޙާލަތެއްގައި ޢަމަލުކުރަންޖެހޭނޭ ގޮތާއި ބެހޭގޮތުން މަޢުލޫމާތު ޙައްޖާޖީންނަށް ލިބިނުދެވޭކަން ފާހަގަކުރެވެއެވެ. ތަނެއްގައި ކަމެއް ދިމާވަނީ ބުނެފައެއްނޫނެވެ. އެހެންކަމަށް ވުމާއެކު ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ޗާންސެއްނެތޭ ނުވަތަ އެފުރުޞަތު ވަރަށް ކުޑައޭ ބުނެ އެކަންކަމަށް ޙައްޖާޖީން ހޭލުންތެރި ނުކުރުވުމަކީ ފަހަރެއްގައި އޭގެ ގެއްލުން މުޅި އުމުރަށް ތަހައްމަލްކުރަންޖެހޭފަދަކަމަކަށްވެދާނެއެވެ. މީގެކުރިންވެސް ނުރައްކާތެރި ހާދިސާތައް މިފަދަހޮޓާތަކުގައި ހިނގާފައިވުމަކީ ދެބަސްވެވެންނެތް ޙަޤީޤަތެއްމެއެވެ. މީގެއިތުރުން ހޮޓަލުގައި ހުންނަ ބައެއްއާލަތްތައް ބޭނުންކުރަންވާގޮތްނޭނގުމާއި އެކަމާގުޅޭ އެއްވެސް މަޢުލޫމާތެއްނުލިބުންވެސް އެއީމައްސަލައެކެވެ. މީގެތެރޭގައި ފާޚާނާގެ ފެންވަރާމާގަޑުން ފެންގެންނާނެގޮތްނޭނގި އިސްކުރުބުޑުގައި އިށީދެއިނދެގެން ފެންވެރުން ހިމެނެއެވެ. ފާޚާނާގައި ހޫނުފެން ލިބެންހުންނައިރު އެއާބެހޭ ފުރިހަމަ މަޢުލޫމާތު ނެތުމުގެ ސަބަބުން ގަޔަށް ހޫނުފެން އެޅިގެން އަނިޔާވުމަކީވެސް ދިމާވާ ކަންކަމެވެ. އަދި ލިފުޓު ބޭނުންކުރަންނޭނގުމަކީވެސް މައްސަލައެކެވެ. އެއްބައިފަހަރަށް ލިފުޓްގެ ދޮރުލެއްޕުނީމާ އައިސް ޓަކިޖަހާ ތަޅާ ހުޅުވާށޭ ގޮވާ ހަދައެވެ. އަދި ލިފުޓުގެ ދޮރު ލެއްޕުނަ ނުދީ ކޮޓަރީގައި އުޅޭ އަނެކަކު އަންނަންދެން ތިން ހަތަރު މިނިޓްވަންދެންވެސް ހިފަހައްޓާ ހަދާތީފެނެއެވެ. އެކަމުގެސަބަބަުން އެހެންމީހުންނަށް ދަތިވާނެކަން ޚިޔާލަށް ނާންނާތީ ކުރެވޭކަމަކަށް ވެސް ވެދާނެއެވެ. ބައެއްފަހަރަށް ލިފުޓަށްވަދެ ތިމާދާންބޭނުންވާ ހިސާބަކަށް ދިއުމަށް ބަޓަނަށް އޮބާލުމަށްފަހު އެހިސާބަކަށް ނުދެވެނީސް ލިފުޓްހުއްޓި އެއަށް އިތުރު މީހަކު ވަދެއްޖެނަމަ އެމީހަކާއި ދިމާލަށް ރުޅިވެރި ބަހުރުވައިން މުޚާޠަބު ކުރާތަންވެސް ފެނެއެވެ. އަދި ބައެއް ޙާލަތްތަކުގައި ދާންބޭނުންވާ ހިސާބަކަށް ނުދެވި ލިފުޓުތެރޭގައި މައްޗަށާއި ތިރިއަށް ގޮސްގޮސް އެތަކެއް އިރެއް ހޭދަކޮށްފައިވެސް އެބަހުއްޓެވެ. ކޮންމެއަކަސް އެތަކެއްޗާއި ބެހޭގޮތުން އެކަށީގެންވާ މަޢުލޫމާތު ޙާޖީންނަށް ދެވިފައިވާނަމަ މިފަދަހާދިސާތައް ހިނގުން ވަރަށް ބޮޑަށް މަދުކުރެވޭނޭ ކަމަށް ފެނެއެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ކިތަންމެ ބޮޑަށް މަޢުލޫމާތު ދެވުނުކަމުގައިވިޔަސް އުމުރުން ވަރަށްދުވަސްވީ ޙާޖީން ގިނަނަމަ މިފަދަ ހާދިސާތައް ހިނގުމުގެފުރުޞަތު ކޮންމެވެސް ވަރަކަށް އަބަދުވެސް އޮންނާނެކަމެވެ. އެހެންނަމަވެސް މިފަދަކަންތައްތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަައްތައް އެބަހުއްޓެވެ. އަދި އެކަންތައްތައް ކުރުމަށް ގުރޫޕުތަކުން ސަމާލުކަން ދޭންޖެހޭނެއެވެ
.
ފުރަތަމަފަހަރަށް ހަރަމަށްދިއުން
ޝައްކެއްނެތްގޮތުގައި ފުރަތަމަފަހަރަށް ޙަރަމަށް ދިޔުމުގެވަގުތަކީ މުސްލިމެއްގެ ހަޔާތުގައި ވަރަށް މުހިއްމު ހިނދުކޮޅެކެވެ. އެހެންކަމަށްވުމާއެކު ކުރިންވެސް ދެންނެވުނުފަދައިން އެވަގުތު މީހާ ހުންނަންވާނީ ވަރަށް ހަމަޖެހި އަދި ތާޒާކޮށެވެ. ފުރަތަމަފަހަރު ދާއިރު އާރުކާޓީ އެއްގެ ފަހަތުގައި ދިއުން ވަރަށް މުހިއްމެވެ. އަދި ދެވޭ އިރުޝާދުތައް ރަނގަޅަށް ކަނުލައި އަޑުއެހުން ވެސް ބޭނުމެވެ. މަގުމަތީގައި ހިނގާބިނގާވާއިރު ދުއްވާ އެއްޗެއްސަށް ބެލުން ވަރަށް މުހިއްމެވެ. ބައެއްޙައްޖާޖީންގެ ފަރާތުން ފާހަގަކުރެވުނު އެއްކަމަކީ އެމީހުން މަގުހުރަސްކުރާއިރު ބަލަނީ ކުރީގައި ހުންނަމީހަކު ހަދާގޮތެވެ. އެމީހަކު ހުރަސްކޮށްފިނަމަނުވަތަ ހުރަސްކުރާތަން ފެނިއްޖެނަމަ މަގުހުރަސްކުރާން އަވަސްވެ ގަނެއެވެ. އެއްގޮތަކަށްވެސް ދުއްވާ އެއްޗެއްސަށް ސަމާލުކަމެއްނުދެއެވެ. "އޭނާއަށް ހުރަސްކުރެވެންޏާ މަށަށްވެސް ވާނެ" އޭ ކިޔާ ހުރަސްކުރަން އުޅެނީ ކަންނޭނގެއެވެ. ހަނދާންނުހުންނަކަމަކީ ކުރިން ހުރަސްކުރަންފެށިމީހާހުރަސްކުރަންފެށިއިރުމަގުމަތި އޮތް ޙާލަތާއި ތިމާ ހުރަސްކުރަންއުޅޭއިރު މަގުމަތި އޮންނަޙާލަތާއި އުޑާއި ބިމާހާ ތަފާތުވެދާނެކަމެވެ.
މަގުމަތީގައި ހިނގާބިނގާވެ އުޅުމުގަޔާއި ޙަރަމްތެރޭގައި އުޅުމުގައި އެހީތެރިކަން ހޯދިދާނެ ވަރަށް މުހިއްމު ބޭނުންތެރި އެއްޗެއްގެ ގޮތުގައި މަގުއަންގައިދޭޗާޓް ވާނެކަން ޔަޤީނެވެ. ޚާއްޞަކޮށް އެތަކެތީގައި ދިވެހިބަހުން ލޭބަލްކުރެވިފައިވާނަމަ އެތަކެތި ބޭނުންކޮށްގެން މަގުހޯދަން ވަރަށް ފަސޭހަވާނެހެން ހީވެއެވެ. ޙައްޖާޖީންގެތެރޭގައި ޒުވާންބޭފުޅުންވެސް މިހާރު ގިނައަަދަކަށް ހިމެނޭއިރު މިފަދަޗާޓްތަކަކީ އެފަދަބޭފުޅުންނަށް ވަރަށްބޭނުންތެރި މުހިއްމުއެއްޗަކަށް (ޚާއްޞަކޮށް ދަތުރުގެ ކުރީކޮޅު) ވާނެކަމީ ޝައްކެއްއޮތްކަމެއްނޫނެވެ. އެހެންކަމުން ޙައްޖާޖީންނަށް އެހީތެރިވާ ގުރޫޕުތަކުން މިފަދަޗާޓްތަކުގެ އެހީ ހޯއްދެވުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި ފެނެއެވެ. ހަމައެއާއެކު ޖީޕީއެސް ބޭނުންކުރެވޭ ފޯނު ގެންގުޅުއްވާ ބޭފުޅުންނަށްޙައްޖުގެ ހުރިހާ ކަމެއްގައިވެސް އޭގެ އެހީ ބޭނުންކުރައްވައިގެން މަގުހޯއްދެވުމަކީ ވަރަށް ފަސޭހަކަމަކަށް ކަމަކަށް ވާނެކަން ޔަޤީނެވެ.
ކޮންމެއަކަސް ޙައްޖާޖީންގެދަތުރުގައި މީޤާތުން އިޙުރާމްބަނީއްސުރެ މައްކާގެ ޙަރަމަށްގޮސް އެމީހުންގެ ލޮލަށް ކައުބަތުﷲ ގެފުޅު ފެންނަންދެން ކުރަންޖެހޭ އެއްކަމަކީ ތަލްބިޔާ ކިޔުމެވެ. އެހެންނަމަވެސް މިއީ އަޅުގަނޑަށް އެހާފުރިހަމަގޮތެއްގައި ފެނުނު މަންޒަރެއްނޫނެވެ. ބޯޓްގައިވެސް އަދި ޖިއްދާ އެއަރޕޯޓްގައިވެސް އަދި މައްކާއަށް ކުރި ބަސްދަތުރުގައިވެސް ތަލްބިޔާ އަޑުހަރުކޮށް ކިޔާ އަޑު އިވެންވާ އެންމެރަނގަޅުގޮތަކަށް ނީވެއެވެ. އެއްފަހަރަކު ގުރޫޕުގެ ބޭފުޅަކު އަޅުގަނޑުމެންގެ ގާތަށް ދުރުވެ ތަލްބިޔާ އަޑުހަރުކޮށް ކިޔުމަށް ނަސޭހަތްތެރިވިއެވެ. އެހެންނަމަވެސް ޙައިރާންވާންޖެހުނު ކަމަކީ އިޙުރާމްބަންނަވައިގެން ހުންނެވި މިބޭފުޅާވެސް އެހެންބުނުއްވުމުގެ ކުރިންވެސް އަދި ފަހުންވެސް ތަލްބިޔާ އަޑުހަރުކޮށް ކިޔުއްވާ އަޑު އަޅުގަނޑުމެންނަށް ނީވުނުކަމެވެ. ކޮންމެއަކަސް އަޑުހަރުކޮށް ތަލްބިޔާކިޔުމުގެ ސުންނަތް ރަނގަޅަށްއަދާކުރެވެމުން ދިޔަތަނެއްނުފެނެއެވެ.
ތަލްބިޔާގެ އަޑު އެންމެ ގަދަވީ ޙަރަމާއި ދިމާއަށް ހިނގާފައި ދިޔަވަގުތުއެވެ. ޢުމްރާގެ އަޅުކަން އަދާކުރަންވާގޮތް ފުރިހަމައަށް އޮޅުންފިލާފައިވާނަމަ ޙަރަމަށް ދިއުމަށްފަހު އެއަޅުކަން އަދާކުރުމަކީ އެހާއުނދަގޫކަމެއްނޫނެވެ. ޙައްޖުދުވަހުގެ ދެތިންހަފުތާ ކުރިން ކުރާނަމަ މިއީ އެހާބުރަކަމަކަށްނުވާނެއެވެ. ސަބަބަކީ އެތަނުގައި ތަންކޮޅެއްމީހުން މަދުވާނެތީއެވެ.

ފުރަތަމަޢުމްރާ
ބޮޑެތި ޚަރަދުތަކެއްކޮށްގެން އަދި އެހާމެ އުނދަގޫ އުފުލައިގެން ޙައްޖަށް ދިޔުމަށްފަހު އެ އަޅުކަން އަދާކުރަންވީ އެންމެ ރަނގަޅުގޮތުގައި އަދާނުކުރެވުމަކީ ވަރަށްބޮޑު މައްސަލައެކެވެ. ވަރަށް ހިތާމަހުރިކަމެއްމެއެވެ. މިއީއަކީ ގިނަގިނައިން ކުރެވޭފަދަ އަޅުކަމެއްނޫނެވެ. އެހެންކަމަށްވުމާއެކު ޙައްޖާއާއި ޢުމުރާގެ އަޅުކަން އެންމެ ފުރިހަމައަށް އަދާކުރުމަށް ދަސްކޮށްގެން މައްކާއަށްގޮސް އެދަސްކުރިގޮތަށް އެއަޅުކަން އަދާކުރުމަކީ އެންމެ މުހިއްމުކަންތަކެވެ. އެންމެ ފުރިހަމައަށް އެކަންކުރުމުގެ މާނައަކީ ރަސޫލު‘ އެކަންކުރެއްވެވިގޮތަށް އަދި އެކަލޭގެފާނު އެންގެވިގޮތަށް އެއަޅުކަން އަދާކުރުމެވެ. ޢުމްރާގެ އަޅުކަން އަދާކުރުމުގައި ބައެއް ޙައްޖާޖީން އެކަންކުރަންވާގޮތްނޫން ގޮތްގޮތަށް ކުރިކަން ފާހަގަކުރެވުނެވެ. އެގޮތުން ބައެއް ޢުމުރާވެރިން ޠަވާފުކޮށްގެން ސަޢުޔުނުކޮށް ބޯބޭލުން ނުވަތަ ބޯކޮށުން ފަދަކަންތައް ކުރައްވާފައި އެބަހުއްޓެވެ.
ފާހަގަކުރެވިގެން ދިޔަ އަނެއްކަމަކީ ސުންނަތާއި ޚިލާފު ބިދުޢަތައް އާދަޔާ ޚިލާފަށް ގިނަކަމެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ޙައްޖަށް އަންނަ އެތައްލައްކަބަޔަކުގެ ފަރާތުން މިބިދުޢަތައް ފެންނަމުން ދެއެވެ. އަދުގެ އިސްލާމުންގެ ނިކަމެތިކަމާއި ބަލިކަށިކަންފެނުމުން އެކަން އެހެންއެވަނީ ކީއްވެބާވައޭ ބުނެ ސުވާލުކުރާމީހަކަށް ޙައްޖުގެ މައިދާނުން ވަރަށް ފުރިހަމަޖަވާބެއްލިބިގެންދާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ހަމަގައިމުވެސް އަޅުގަނޑަށް ވަރަށް އެކަށޭނަ ޖަވާބެއް އެމައިދާނުން ލިބިގެންދިޔައެވެ. އާނއެކެވެ. މުސްލިމުންގެ ބޮޑުބައި މިއަދުވަނީ ރަސޫލު‘ު ދެއްކެވިމަގު އެއްފަރާތްކޮށް ބިދުޢަވެރިންގެ މަގުތައް ޚިޔާރުކޮށްފައެވެ. މިކަމުގައި ޢަރަބީންނެއް ޢަޖަމީންނެއް ތަފާތުވެ ފާހަގަވާތީއެއްނުފެނެއެވެ. އަޅުގަނޑު ހީކޮށްގެންހުރީ ދީނުގެ ކަންކަމުގައި ޢަރަބީންގެ ރޯފިލުން ދެންތިބިމީހުންނަށްވުރެ ބޮޑުވާނޭކަމަށެވެ. އެކަމަކު އެކަންވީ ކުށްހީއަކަށެވެ.
ޢުމްރާގެ ޠަވާފު: ޙައްޖުގެ ޠަވާފާއި އެހެނިހެން ސުންނަތް ޠަވާފުތަކާއި ޚިލާފަށް ޢުމްރާގެ ޠަވާފުގައި ޠަވާފުކުރަންފަށަމުން ފިރިހެނުންގެ ކަނާތުކޮނޑު ފެންނާނެގޮތަށް އިޙުރާމްފޮށާ ގައިގައިލާންޖެހެއެވެ. މިކަމުގައިވެސް ކަންއޮންނަގޮތް ނޫން ގޮތަށްކުރާމީހުން ބައިވަރެވެ. ފުރަތަމަކަމަކަށް ކޮނޑު ހާމަކުރަންޖެހެނީ ޠަވާފު ފަށަމުންނެވެ. އަދި ޠަވާފުނިންމާފައި ކުރާ ދެރަކުޢަތް ކުރަންފެށުމުގެކުރިން ހާމަކުރިކޮނޑު އިޙުރާމުން ނިވައިކުރަންޖެހޭނެއެވެ. އެކަމަކު ބައެއްފަހަރަށް ޙައްޖާޖީން އެމީހުންގެ ޤައުމުންފުރާއިރުވެސް ތިބެނީ ކޮނޑުހާމަކޮށްގެންނެވެ. ބައެއްޙައްޖާޖީން ޢުމުރާގެ ހުރިހާކަމެއް ކޮށްނިމެންދެން އެގޮތުގައި ތިބެއެވެ. ކުޅަދާނަވެގެންވާމީހާ ނަމާދުކުރާއިރު ދެކޮނޑު ނިވާކުރުމަކީ ނަމާދުގެ ޢާއްމު އުޞޫލުތަކުގެތެރޭގައި ހިމެނިފައިވާކަމެކެވެ. އެކަމަކު އެމީހުން ޠަވާފުގެދެރަކުޢަތްކުރަނީވެސް ކޮނޑު ހާމަކޮށްގެންނެވެ. އަދި އެގޮތުގައި ތިބެ ސަޢުޔުވެސްކުރެތެވެ. ދެންއޮތީ ޠަވާފުގައި ކިޔަންޖެހޭ ދުޢާތަކާއި ޛިކުރުތަކެވެ. ރަސޫލު‘ު ސުންނަތަށްބަލައިފިނަމަ އިނގެނީ ޠަވާފުކުރުމާއިސަޢުޔުކުރުމަކީ ސުންނަތާއި އެއްގޮތަށް ކުރާނަމަ ސިކުނޑިއަށް އެހާ ބުރަބޮޑުވާނޭކަމެއްނޫންކަމެވެ. މާނައަކީ ދަސްކުރަންޖެހޭ މާގިނަކިޔެވުންތަކެއްއޮންނަކަންކަމެއްނޫނެވެ.

ޙަޤީޤަތުގައި ޙައްޖުގެ ހުރިހާ ކަމަކަށްބަލާއިރު އެއަޅުކަމަށް ޚާއްޞަކޮށްގެން ދަސްކުރަންޖެހޭ އޮންނަނީ ވަރަށްމަދު މިންވަރެކެވެ. މިސާލަކަށް ދަތުރަށް އަރާއިރު ކިޔާދުޢާ މިއީ އަޅުގަނޑުމެންނަށް އަބަދުވެސް އިނގެންޖެހޭނެ ދުޢާއެކެވެ. ހަމައެގޮތަށް ޙަރަމަށްވަންނައިރުއާއި ނިކުންނައިރު ކިޔާ ދުޢާތަކަކީ ޢާއްމުކޮށް މިސްކިތަށްވަދެއުޅޭއިރުއާއި ނިކުމެއުޅޭއިރު ކިޔާދުޢާތައްކަމުން މީވެސް އަޅުގަނޑުމެންނަށް އަބަދުވެސް އެނގެންޖެހޭނެ ތަކެއްޗެވެ. އެހެންނަމަވެސް ޙައްޖާއި ޢުމްރާ އާއި ގުޅުވައިގެން ލިޔެފައި ހުންނަފޮތްފޮތުގައި ޙައްޖުގެ އެކިކަންކަމަށް ޚާއްޞަވެފައިވާ ދިގުދުޢާތައް ލިޔެފައި ހުންނާތީ ފެނެއެވެ. މިގޮތުން ޠަވާފުގައި ކިޔާނޭ ދުޢާތައްވެސް ބައިވަރެވެ. ޠަވާފުގައި ގެފުޅުވަށާ ހަތްބުރުޖަހާއިރު އެއިން ކޮންމެ ބުރަކަށްވެސް ވަކި ޚާއްޞަދުޢާއެއް ފޮތްފޮތުގައި ލިޔެވިފައި ހުރެއެވެ. މިއިން ކޮންމެ ދުޢާއަކީ އާދައިގެ ފޮތެއްގެ އެއްޞަފުޙާއަށްވުރެ ކުރުނޫން ދުޢާތަކެކެވެ. މިފަދަދުޢާތަކަކީ ރަސޫލު ގެ ސުންނަތުން ސާބިތުވާ ދުޢާތަކެއްނޫންކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ކޮންމެއަކަސް އަޅުގަނޑަށް ފެނިގެންދިޔައީ ﷲ ލުއިކޮށްދެއްވާފައިވާ ކިތަންމެ ކަމެއް އަމިއްލަނަފުސަށްބުރަކޮށްގެން މީސްތަކުން އުޅެމުން ދިޔަމަންޒަރެވެ. ޠަވާފުފަށަމުން ކިޔަންޖެހޭ ކަލިމަތަކަށް ކަލިމަތައްއިތުރުކޮށްގެން ކޮންމެ ބުރަކުވެސް ކިޔާތީފެނެއެވެ. އަދި ޙަޖަރުލް އަސްވަދުގައި އަތްނުލެވޭ ހިސާބުން ދާނަމަ ހަމައެކަނި ކަނާތް ހިއްލާ އެއަށް އިޝާރާތްކުރުމުގެ ބަދަލުގައި ދެއަތްހިއްލާ އިޝާރާތްކޮށް އޭގަފަހުގައި ދެއަތުގައި ބޮސްދީ އެތައްފަހަރަކު މިކަން ތަކުރާރުކުރާތީ ފެނުނެވެ. ޔަމާނިއްޔަރުކުނުގައި އަތްނުލެވޭ ހިސާބުންދާނަމަ އެއަށް އިޝާރާތެއްކުރުން ނޯންނައިރުވެސް އެދިމާއަށް އިޝާރާތްނުކުރާމީހަކު ފެންނަމުން ދިޔައީ ވަރަށްމަދުންނެވެ. އަދި އޭގެއިތުރުން ކަޢުބާގެ ދެންހުރި ދެކަނާއަރާހަމަވެފަވެސް އިޝާރާތްކޮށް ހަދާމީހުން އެޅެތެވެ. ޙަޖަރުލް އަސްވަދު އިންނަ ކަން ފާހަގަކުރާން މަސްޖިދުލްޙަރާމްގެ ފާރުގައި ހަރުކޮށްފައި ހުންނަ ފެހިލައިޓަށް ވެސް އިޝާރާތްކޮށް ހަދާތަން އަޅުގަނޑުދުށީމެވެ. އަދިމީގެ އިތުރުން މަޠާފަށް ނުފައިބާ މިސްކިތުގެ ތެރެއިން ޠަވާފުކުރާއިރު މިސްކިތުގެ ތަނބުތަކުގަޔާއި މުޞްޙަފުތަކުގައި އަތްހޭކެމުށްފަހު މޫނުގައި ހާކަމުން ހިނގާމީހުންވެސް މަދެއްނޫނެވެ.
ދެންއޮތީ ދުޢާތަކާއި ޒިކުރުތަކެވެ. އެކިބުރުތަކަށް އެކިދުޢާ ހަދައިގެން ކިޔާއިރު ދުޢާނުނިމިގެން ބުރުނުނިންމާ މަޑުކޮށްގެން ތިބޭތީ ބައެއްފަހަރު ފެނެއެވެ. ބައިބޯ ވަގުތުތަކުގައި އެގޮތަށް މަޑުޖެހިތިބުމަކީ އެހެންމީހުންނަށް އޭގެ އުދަނގޫ ވަރަށްބޮޑަށްފޯރާކަމެކެވެ. އަދި ކުރިނުބަލާ އިސްޖަހައިގެންހުރެ ލިޔެފައިވާ އެއްޗަކަށްބަލައިގެން ދުޢާކިޔަމުންދާއިރު ދެވޭނުދެވޭ ދިމާލެއްނޭނގި އެހެންމީހުންނާއި މުޑިއަރާ އެހެންމީހުންނަށް ބޮޑެތިއުނދަގުލާ ކުރިމަތިލާންޖެހޭތަން އާދެއެވެ.
ދެންކުރިމަތިވި މައްސަލައަކީ އަޑުހަރުކޮށް ދުޢާކުރުމުގެ މައްސަލައެވެ. ޚާއްޞަކޮށް ގުރޫޕުހަދައިގެން އެކެއްގެ އަޑުދަށުން ދެންތިބި އެންމެން ބާރުބާރަށް ދުޢާތަކާއި ޒިކުރުތައް ކިޔުންވީ ދެންތިބި ބަޔަކަށް ވަރަށްބޮޑު އުނދަގުލަކަށެވެ. އެކަމުގެ ސަބަބުން އެތައްބައެއްގެ ޠަވާފަށް ނޭދެވޭ އަސަރުކުރިއެވެ. މިކަން އެންމެ ގިނައިން ކުރާބައެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވުނީ މެލޭޝިޔާ އިންޑޮނޭޝިޔާ ހިސާބުގެ މީހުންނާއި ތުރުކީ މީހުންނެވެ. އަދި މިނޫންވެސް ވަރަށްގިނަ އުނދަގޫ، ގިނަބައެއްގެ ޖާހިލުކަމުގަ ސަބަބުން ދެންތިބި ބަޔަކަށް އުފުލަން ޖެހުނެވެ. އެކަމުގެ ތަފުޞީލުތައް ތަންކޮޅެއްފަހުން އަޅުގަނޑު ހާމަކުރާނެމެވެ ( އިންޝާﷲ).
ޠަވާފަށްފަހު ކުރަންޖެހޭ ދެރަކުޢަތްކުރަން މިއޮންނަނީ މަޤާމު އިބުރާހީމްގެ ފަހަތުގައެވެ. ވަރަށްގިނަބަޔަކު މިދެރަކުޢަތް މަޤާމު އިބުރާހީމްގެ ފަހަތުން އެތަނާ ވީހާވެސް ގާތުގައި ކުރަން ބޭނުންވެއެވެ. އެހެންނަމަވެސް މީހުން ގިނަވަގުތެއްގައި ނަމަ މިއީ ކުރެވިދާނެކަމެއްނޫނެވެ. (ޙައްޖުތެރޭގައި މިނޫންވަގުތެއްއައުމަކީވެސް އެކަށީގެންވާކަމެއްނޫނެވެ.) އެކަމަކުވެސް ގަދަފައިވިއްދާފައި ވަށައިގެން ހަށިފާރަވެރިން ލައިގެންވެސް މިދެރަކުޢަތް ހަމައެތަނުގައި ކުރުމަށް އުޅޭ މީހުންމަދެއްނޫނެވެ. މިކަމުގެ ސަބަބުން ހުރިހާ އުނދަގުލެއް ތަޙައްމަލް ކުރަން ޖެހެނީ ޠަވާފުކުރާމީހުންނަށެވެ.
އެދެރަކުޢަތްކުރުމަށްފަހު ޒަމްޒަމްފެން ބޮއެގެން ދެން ދާން ޖެހެނީ ސަޢުޔުކުރުމަށެވެ. ސަޢުޔުކުރުމުގައިވެސް ޠަވާފެކޭ އެއްގޮތަށް ބޮޑު ކަމަކަށް އޮންނަނީ ހިނގުމެވެ. ހިތުންދަސްކޮށްގެން ނުވަތަ އެއްޗެއްބަލައިގެންވެސް ކިޔަން ޖެހޭ މާގިނަ ކިޔުންތަކެއްނޯވެއެވެ. ސޫރަތުލް ބަޤަރާގެ158ވަނަ އާޔަތް އެނގި އަދިވެސް ކުރުކުރު ދެތިން ދުޢާއެއް އެނގެނިކޮށް ނިމުނީއެވެ. ދެން އިތުރަށް ދުޢާކުރާނަމަ ބޭނުން ބަހަކުން ބޭނުން ދުޢާއެއްކުރަންވީއެވެ. ޠަވާފުގައި ފާހަގަކުރެވުނުފަދަ ބައެއް ކަންތައްތައް ސަޢުޔުކުރުމުގައި (ޞަފާމަރުވާދެމެދު ހިނގުމުގައި) ވެސް ފާހަގަކުރެވުނެވެ. އެގޮތުން ގުރޫޕު ހަދައިގެން އެކެއްގެ އަޑުދަށުން އެންމެން ބާރުބާރަށް ދުޢާތައް ކިޔުން ހިމެނެއެވެ. މިކަން ވެގެން ދިޔައީ އަޅުގަނޑަށް ހަމަގައިމުވެސް ވަރަށްބޮޑު ބޮލުގަ ރިހުމަކަށެވެ. މީގެއިތުރުން ޠަވާފުގައި ހާމަކުރި ކޮނޑު ހަމައެގޮތަށްބަހައްޓައިގެން ސަޢުޔުކުރާއެތައްބަޔަކު އުޅެތެވެ. އެއްފަހަރަކު މީހަކު އެގޮތަށް ކޮނޑުހާމަކޮށްފައި ހުރިމީހެއްގާތު ކޮނޑުނިވާކުރުމަށް އިޝާރާތުން ބުންޏެވެ. ދެން އެމީހާ އެކަމަށްއިޖާބަނުދީ އޭނާގެ އެކުވެރިޔާގާތު ކޮނޑުނިވާކުރުމަށް އިރުޝާދުދިން މީހާއަށް އިޝާރާތްކޮށްފައި ކޮންމެވެސް ވާހަކަތަކެއް ހީނހީނފައި ދެއްކިތަން އަޅުގަނޑުދުށީމެވެ. މިބުނާ އެކުވެރިޔާވެސް ހުރީ ކޮނޑު ހާމަކޮށްގެންނެވެ. އެމީހުންގެ އެޢަމަލުތަކުން ޢުމްރާގެ ސަޢުޔުގައި ކޮނޑު ހާމަކޮށްފައިބެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭނެކަމެއްކަމުގައި އެމީހުން ދެކޭކަމަށް ޤަބޫލުކުރެވެއެވެ.
ޞަފާފަރުބަދަމަތީ ދުޢާކުރުމަށްފަހު ޞަފާއިން މަރުވާއަށް ދިއުމަށްފަހު އެފަރުބަދަމަތީގައިވެސް ޤިބުލައަށް ކުރިމަތިލައިގެން ހުރެ ދުޢާކުރަން ޖެހެއެވެ. މިކަމުގައިވެސް އެކިމީހުންގެ ތަފާތު ޢަމަލުތަކުގެ ސަބަބުން އެކިއެކި އުނދަގޫ އުފުލަން ޖެހުނުވެ. އޭގެން އެއްބަޔަކީ އެތަނުގައި ނަމާދެއްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެއްކަމަށްދެކި އެތާ ނަމާދުކުރާމީހުންނެވެ. އަނެއްބަޔަކީ އެތާގައި އިށީދެ ވާހަކަދައްކަން ތިބޭ މީހުންނެވެ. ޠަވާފުގައިވެސް އަދި ސަޢުޔުގައިވެސް ޖެހޭ ބުރުގެ ޢަދަދު ގުނާނެ ތަސްބީޙަފައްޗެއްފަދަ އެއްޗެއް ވަރަށްމުހިއްމެވެ. އެންމެ ހަތްބުރުކަމުގައިވިޔަސް ކޮންމެ ބުރަކަށްވެސް ގިނަވަގުތުތަކެއް ނަގާތީ އަޅުކަމުގެ ފަހުކޮޅު ބުރުގެ ޢަދަދު ހަނދާން ނެތުމަކީ ވަރަށް ފަސޭހައިން ދިމާވެދާނެ ކަމެކެވެ.
ސަޢުޔުކޮށް ނިމުމުން ދެން އޮންނާނީ ބޯކޮށުމެވެ. ނުވަތަ ބޯބޭލުމެވެ. ފިރިހެނުންނަށް އެންމެ ރަނގަޅުގޮތަކީ ބޯބޭލުން ކަމަށްވާއިރު ބޯކޮށުން އިޚުތިޔާރުކުރާމީހުންނާމެދު ޙައިރާން ވާންޖެހެއެވެ. އެހާބޮޑުޚަރަދުކޮށްގެން ބުރައުފުލައިގެން މައްކާއަށް އައުމަށްފަހު އެންމެ މޮޅުގޮތް ޚިޔާރުނުކުރުމަކީ މީހާގެ ހުރި މޮޔަކަމެވެ. އޭގެތެރެއިން އެއްބަޔެއްގެ ޢުޛުރަކީ ލަދެވެ. އަނެއްބައެއްގެ ވާހަކައަކީ އެމީހުން ބޮލުގެ އިސްތަށިކޮޅު ބަހައްޓަނީ ޢީދުދުވަހު ހިލައުކުމަށްފަހު ބޭލުމަށެވެ. އެކަމަކު ޔަޤީންވާ ކަމަކީ އެއްދުވަހު ބޭލުމަށްފަހު ދެން ޖެހިގެން އަންނަ ދުވަހު ވެސް ރޭޒަރުބޮލުގައި ހާކައިފިނަމަ ތިލައިގައި އިސްތަށީގެ އަސަރުހުންނާނޭކަމެވެ. ދަންނަވަން މިއުޅެނީ ޢުމުރާގައި ބޯބޭލުމަކީ ޙައްޖުތެރޭގައި ބޯބޭލުމަށް އެއްވެސް ގޮތަކުން ހުރަސްއެޅޭނޭ ކަމެއްނޫނެވެ. އެހެންވީމާ ބޯބޭލުން ޚިޔާރުކުރުމަކީ އެންމެ ބުއްދިވެރި ގޮތްކަމުގައި ދެކި އެގޮތަށް އަމަލުކުރުން މުހިއްމެވެ.
މައްކާގެ ޙަރަމުގައި ނަމާދުކޮށް އަޅުކަންތައްކުރުން
ޢުމުރާގެ އަޅުކަމަށްފަހު މައްކާގައި ހޭދަކުރާދުވަސްތަކުގައި މަސްޖިދުލް ޙަރާމަށްގޮސް ނަމާދުކުރުމަކީ ހަމަހުރިހާ ޙާޖީންވެސް ބޭނުންވާ އަދި ޢަމަލުކުރާގޮތެވެ. އެހެންކަމަށްވުމާއެކު ހުރިހާ ނަމާދެއްގައިވެސް ޙަރަމްގެ އެތެރެއާއި އަދި ވަށައިގެން ބޭރުވެސް އޮންނަނީ ހަމަފުރިފައެވެ. މިސަބަބާހުރެ ޙަރަމުގެ ސަރަޙައްދުގައި އުޅޭއިރު ސަމާލުކަންދޭންޖެހޭނޭ ވަރަށް ގިނަކަންތައްތަކެއް ވާނޭކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. ފުރަތަމަކަމަކަށް ޙަރަމަށް ގޮސް އައިސް އުޅުމުގައި މަގުމަތީގެ އަމާންކަމަށާއި ރައްކާތެރިކަމަށް ވަރަށްބޮޑަށް ސަމާލުވާންޖެހޭނެއެވެ. ހަމައެއާއެކު މީހުންގެ އަދަދަު އިންތިހާއަށް ގިނަކަމާއެކު މިސްކިތަށް ދިޔުމުގަޔާއި މިސްކިތުން އެނބުރި އައުމުގައިވެސް އެކަށޭނަވަގުތެއް އިޚުތިޔާރުކުރުން ވަރަށް މުހިއްމެވެ. މިސާލަކަށް ފަރުޟުނަމާދުގެ ޖަމާޢަތް ހަމަނިމުމާއެކު މިސްކިތުން ފޭބުމަށް ދިމާކޮށްފިނަމަ މީސްތަކުންގެތެރޭގައި ތާށިވެފައި އެތައްއިރަކު ހުންނަންޖެހިދާނެއެވެ.
(ނުނިމޭ)