Monday, October 31, 2011

ޢީދުކުޅިވަރު ދީނީ ގިޔުގަނޑުގެ ތެރޭގައި



ޝައްކެއްނެތްގޮތުގައި އަޟުޙާޢީދަކީ މުސްލިމުންނަށް އަންނަ ވަރަށް އުފާވެރި ދުވަހެކެވެ. އެއީ އުފާ ފާޅުކުރުމުގެ ދުވަހެކެވެ. އެހެންނަމަވެސް ޒަމާނުއްސުރެ އެދުވަސް އަޅުގަނޑުމެންފާހަގަކުރަމުން މިއަންނަނީ އިސްލާމީ ރިވެތި އުސޫލުތަކާއި އާދަތަކާއި ޚިލާފަށެވެ. އެކި ރަށްރަށުގައި ކުދި ކުދި ތަފާތު ތަކަކާއި އެކުވެސް ކުރެވިގެންދަނީ ހަމަ އެއްކަހަލަ ކަންތައްތަކެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އީދުގެ އާދަކާދަތައް އުފެދި ފައިވަނީ ވަޙުޝީ ތަޞައްވަރެއްގެ މައްޗަށްކަމަށް ބުނަން މިޖެހެނީ އަޅުގަނޑުމެންގެ ކާބަފައިންނަށް ބަދުބަހެއް ރައްދުކުރުމުގެ މަޤުޞަދަކު ނޫނެވެ. އީދުގެ ސަގާފީ ހުރިހާ ކުޅިވަރެއްވެސް އަމާޒުކުރެވިފައިވަނީ ހަމަ އެއްދިމާލަކަށް ކަމަށް ފެނެއެވެ. އެއީ ދެޖިންސުގެ މަސްހުނިވުމާއި ފާހިޝްކަމެވެ. ޤަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް ކަންތައްހުރީ މިފަދަޔަކުންނެވެ.

ޢީދުގައި އޮންނަ އެންމެ ޚާއްޞަކަމަކީ ފެންޖެހުމެވެ. ތެންމާލުމެވެ. އަޑިންލާ ހެދުން އަޅުގަނޑުމެން ގެތެރެއަށް ޢާއްމުވީ ދާދި ފަހަކުންނެވެ. ކުރިން އަންހެނުން ހަށިގަނޑު ފޮރުވަނީ(ހެދުމެއް ނުވަތަ ލިބާހެއްފަދަ) އެންމެ ފޮތިގަނޑަކުންނެވެ. އެފޮތިގަނޑު ތެންމާލުމާއެކު ހަށިގަނޑުގެ ވަނާތަށް ހުންނަނީ ދިމާލަށް ފެންނާށެވެ. ޒުވާން އަދި ދެބައި އުމުރުގެ އަންހެނުންވެސް ތެންމާލުމަކީ ފިރިހެންވެރިންގެ މައިގަނޑު މަޤުޞަދަކަށް އޮންނަނީ ވެފައެވެ. ދެން އޮންނަނީ ގެންގޮސް މޫދަށްލުމެވެ. ގެންދެވުނުގޮތަކަށް ގެންގޮސް މޫދަށްލުމެވެ. މައިންބަފައިންގެ ތެރެއިންވެސް އެމީހުންގެ އަނބިންނާއި އަންހެންދަރިންގެ ގައިގައި ފިރިހެނަކު އަތްލާތޯ ބަލާ ފާރަލާ ހަދާމީހުންވެސް  ޢީދުދުވަހު އެމީހުންގެ އަނބިންނާއި އަންހެންދަރިންގެ އަތުގައި ހިލޭފިރިހެނަކު (ނުވަތަ ބައިވަރު ފިރިހެނުން) ހިފައިގެން ނުވަތަ ނަގައިގަނެގެން، ބައްދާލައިގެން ނުވަތަ އުރާލައިގެން މޫދަށްގެންދާތަން ބަލަން ހިނިއައިއްސައި ތިބޭނެއެވެ. ޢީދުވިއްޔާއެވެ. ހިލޭ ފިރިހެނަކު ހިލޭ އަންހެނެއްގެ ގައިގާ އަތްލުމަކީ ދީނީ ގޮތުން ހުއްދަ ކަމަކަށް ނުވާއިރު އީދުދުވަހަކީ އެކަން އެންމެ ގަދަޔަށް ކުރެވޭ ދުވަހަކަށް ވެދެއެވެ.

ރޭވިފައި ހުންނަ ގިނަ ކުޅިވަރުތައްވެސް ހުންނަނީ ދެޖިންސުގެ މަސްހުނިކަމާއި ފާހިޝް ކަމަށް މަގު ދައްކާ ފަދަޔަކުންނެވެ. ރާއްޖޭގެ ތަފާތު ރަށްރަށުގައި ތަފާތު ތަކަކާއި އެކު ނަމަވެސް ކުޅެވޭ ކޯޑި ކުޅިވަރަކީ މިފަދަ ކުޅިވަރެކެވެ. މިކަމުގައި އޮންނަނީ އަންހެނުން ނަލަހައްދައިގެން އެމީހުން ވަށާ ފިރިހެނުންތައް ލަވަކިޔާ ނަށާ އެނބުރުމެވެ. ފިރިހެނަކު އަންހެނުންގެ ފަރާތުން 'ހަދިޔާ' ލިބޭގޮތަށް ކޯޑި ކެނޑުމެވެ. އެއީ ކިހާވަރެއްގެ ކޮންކަހަލަ 'ހަދިޔާ'އެއްކަން އެނގޭނީ ހަމަ އެލިބޭ މީހަކަށެވެ. ފިރިހެނުން އެކޯޑި ކެނޑިމީހަކު މުޑުދާރުކޮށްގެން ގެންގޮސް މޫދަށްލުމުން ހިލޭ އަންހެނުންތައް އައިސް އެމީހަކު ފެންވަރުވާ ސާފުކޮށް ފުއްޖަހާ ނަލަކޮށް ދޮންކުރުމެވެ.

ދީނީގޮތުން އަޅުގަނޑުމެންގެ ތެރޭގައިވާ އެންމެ ޖާހިލުމީހާއަށްވެސް މިފަދަޔަކުން ދެޖިންސް މަސްހުނިވެ އުޅުން ދީނުގައި ހުއްދަނުވާނޭކަން ދެނެގަންނާކަށް މާގިނަ ވިސްނުންތަކެއް ވިސްނާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް މިފަދަކަންކަން މިއީ އަޅުގަނޑުމެންގެ ސަގާފަތޭ އާދަކާދައޭ  ކާބަފައިންގެ ތަރިކައޭ ދިރުވަންނާނެޔޭ ކިޔައިގެން ވާހަކަދައްކާ އަދި އެފަދަ ކަންކަން އެގޮތުގައި ދެމެހެއްޓުމަށް ގަދަޔަށް މަސައްކަތްކޮށް ނަގާ ކިޔާ ހަދަނީ މުޖުތަމަޢުތަކުގެ ކަމުވޮށްޓޭ މިކިޔޭ ތަޢުލީމީ މީހުންނަށްވާކަމަކީ ހަމަ ޢަޖާއިބު ވާންޖެހޭފަދަ ކަމެކެވެ.

ހަނދާންކުރަންވީ ކަމަކީ 100 އަހަރު ނުވަތަ އެއަށްވުރެ ގިނައަހަރުވެސް އެގޮތަށް އީދު ފާހަގަކޮށްފައިވެސް ހަމަ ދާންޖެހޭނީ ކަށްވަޅަށް ކަމެވެ. އަދި އެތަނަށްދާނީވެސް އެކަނިކަމެވެ. އެތަނުން ތިމާއަށް އޮތް ހަމައެކަނި ފުރުޞަތަކީ ތިމާއަށްކުރެވިފައިވާ ހެޔޮޢަމަލުތައް އެކަނިކަމެވެ. ބަޔަކު މީހުންނަށް ފާފައެއްކުރުމަށް ހިތްވަރުދީ އެކަމަށް މަގުފަހިކޮށްދީފިމީހަކަށް އެކަންކުރިބަޔަކު އެކުރި ފާފަޔަކުންވެސް ބައެއް ބޮލުއަޅަންޖެހޭނެ ކަމަކީ ޔަޤީންކަމެކެވެ. ގަދަފައިވިއްދާފައި ގަދަބަސްބުނެފައި މިތާއުޅެވިދާނެއެވެ. މިނަސޭހަތް ދިނީތީވެ އާނދޮގޭ އޭ ކިޔާފައި މިއާ އިދިކޮޅަށް ނިކުމެ އެފަދަކުޅިވަރުތައް އިހުނަށްވުރެ ފޯރީގައި ކުޅުނަކަސް މިލިޔުން ލިޔުނު މީހާއަށް ލިބޭނެ އެއްވެސް ނިކަމެތިކަމެއް ގެއްލުމެއް ﷲ އިރާދަކުރެއްވިއްޔާ ނޯންނާނެއެވެ. އަދި އެކަންކަމުގެ ޙުކުމްވެސް އޮންނާނީ ﷲ އެކަލާނގެ ލޮބުވެތި ރަސޫލު މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) މެދުވެރިކުރައްވައި އެކަލާނގެ އަޅުތަކުންނަށް އެންގެވި ގޮތަށެވެ. އެއީ ކޮންގޮތެއްކަން ހޯދުމަކީ އަޅުގަނޑުމެންގެ ކިބައިގައި އޮތްކަމެކެވެ. ކޮންމެ މީހެއްގެ ފަރުދީ ވާޖިބެކެވެ. އެކަން ހޯދުމަކީ މިހާރު ދާދިފަސޭހަކަމެއްމެއެވެ. އެޒިއްމާ ނެގުމެއްނެތި ޢުމުރު ހުސްވަންދެން އެކަމުގައި އުޅެފައި ﷲ ޙަޟުރަތަށްގޮސް ސުވާލުވެވުމުން ދައްކާނެ ޙުއްޖަތެއް، ބަހަނާއެއް ނޯންނާނެ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.

2 comments:

  1. ތިވާހަކަލިޔުނީމާ ފައިނޭޅިގެން ގޭގަ އޮންނަމީހާވެސް ތެދުވެގެން ނިކުމެ އެސަކަރާތް ޖަހާނީ ކަންނޭނގެއެވެ. ހެހެހެހެހެހެ

    ReplyDelete
  2. http://dhiislam.com/?p=31691

    ReplyDelete