Friday, October 28, 2011

ނަސޭހަތްތެރިވުމުގައި ވަގުތުގެ މުނާސަބުކަމަށް ބެލުން




އެއީ މިދިޔަ ޒުލްޤަޢިދާ މަހުގެ ސޯޅަވީ ހުކުރުދުވަހެވެ. ހުކުރު ޚުތުބާގައި މައިގަނޑު ސުރުޚީއަކީ ޙައްޖުގެ އަޅުކަމެވެ. ދެވުނު ނަސޭޙަތްތަކުގެތެރޭގައި ޙައްޖަކީ އިސްލާމްކަމުގެ ފަސްވަނަރުކުންކަމާއި އެކަމަށް ކެރިކުޅަދާނަވެއްޖެމީހަކުނަމަ އެކަން ކުރުމަށް އަވަސްވެގަތުމަށް ނަސޭހަތްތެރިވުން ހިމެނެއެވެ. އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލަކީ މިއީ މިފަދަނަސޭހަތެއްދޭން އެންމެ މުނާސަބު ވަގުތަކީ ބާވައެވެ. އަޅުގަނޑަށް ފެންނަގޮތުގައި މިއީ ޙައްޖުމޫސުންކަމަށްވިޔަސް އެފަދަނަސޭހަތަކުން މިވަގުތު ކުރާނެމާބޮޑުފައިދާއެއްނެތެވެ. އަޅުގަނޑުމެން އެންމެނަށްވެސް އެނގޭފަދައިން ނަސޭހަތުގެ ފައިދާ އެންމެ ބޮޑަށްކުރާނީ އެނަސޭހަތެއް ދެވޭ ވަގުތުގައެވެ. ދެން ގިނަދުވަސްވާވަރަކަށް އެނަސޭހަތުގެ މަތިން ހަނދާންނެތި ކުރިން ހުރިގޮތަށް މީހާބަދަލުވެދެއެވެ. މިއީ ހަމަކޮންމެމީހަކަށްހެން ވާގޮތެވެ. އެހެންކަމަށްވުމާއެކު ޙައްޖުގެ ފަރުޟުއަދާކުރުމަށް ދެވުނު ނަސޭހަތް ޤަބޫލުކުރެވި ޙައްޖަށް ދިއުމަށް އެވަގުތު ހިތް އެދުނުކަމުގައިވިޔަސް މިއަހަރުގެ ޙައްޖުމޫސުމުގައި ޙައްޖަށް ދިއުމުގެ ފުރުޞަތު އެމީހަކަށް ނޯންނާނެއެވެ. އެމީހަކު ޖެހޭނީ ދެންއަންނައަހަރު ޙައްޖުގެ އަޅުކަމަށް މީހުން ގެންދިއުމުގެ މަސައްކަތްތައްފެށުން ޙައްޖަށް މީހުންގެންދާ ގުރޫޕުތަކުން އިޢުލާނުކުރަންދެން މަޑުކުރާށެވެ. އަދި އެދުވަސް އަންނައިރު މިއަދު އެދެވުނު ނަސޭހަތުގެ މަތިން ހަނދާންހުރުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. އެކަމަކުވެސް މިފަދަނަސޭހަތަކަށް އެންމެ މުނާސަބު ދުވަސްވަރު ކަމުގައިވާ ޙައްޖުގުރޫޕުތަކުން އެކަމަށް އިޢުލާންކުރާދުވަސްވަރު މިފަދަނަސޭޙަތެއް ހުކުރު ޙުތުބާއަކުވެސް ނުވަތަ އެހެން ތާކުވެސް ދެވޭތީއެއް ނުފެނެއެވެ. ހަމައެދުވަހުގެ ޚުތުބާގައި ޙައްޖަށްދާއެންމެން ޙައްޖުގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ކުރުމަށް ވަޞިއްޔަތްކޮށްފައިވެސްވޭމެއެވެ. އެހެންނަމަވެސް އޭރު އެއްބަޔަކު ވަނީ މައްކާއަށް ގޮސްފައެވެ. މިވަޞިއްޔަތްވެސް އޭގެކުރީހުކުރުދުވަހު ކުރިނަމަ އެވަޞިއްޔަތް ރައްދުވާންޖެހޭ އެންމެނަށް ރައްދުވީސްކަންނޭނގެއެވެ. 


އަދި ހަމަ އެގޮތުން ޙައްޖުއަޅުކަމުގެތެރޭގައި ކަންތައްތައްކުރާނެގޮތުގެ މަޢުލޫމާތު ހިމަނައިގެން ރާއްޖޭގެ ޓީވީޗެނަލަކުން މިދިޔަހަފުތާގައި ފޮނުވި ޕްރޮގްރާމެއްގެ ފެށުން އަޅުގަނޑުދުށީމެވެ. އަދި މިހަފުތާގައިވެސް އަދި ކުރިޔަށް އޮތް ހަފުތާގައިވެސް މިފަދަ ޕްރޮގްރާމް ފޮނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް އަޅުގަނޑު ދެކޭގޮތުގައި މިޕްރޮގްރާމްތައް ރޭވެންޖެހެނީ ޝައްވާލުމަހަށާއި ޒުލްޤަޢިދާމަހުގެ ކުރީކޮޅަށެވެ. އެއީ މިއަހަރު ޙައްޖަށްދާމީހުން މައްކާއަށް ފުރުމުގެކުރިންނެވެ. މިހާރު މިވާގޮތުން އެޕްރޮގްރާމްތައް އަޑުއަހާ ނުވަތަ ބަލާ އެއްވެސް މީހަކީ ޙައްޖުގެ އެއްވެސް ކަމެއްގައި ކުރިއަށް އޮތް 12 މަސްދުވަހުގެތެރޭގައި ޢަމަލީގޮތުން ބައިވެރިވާނެމީހެއްނޫނެވެ. އެހެންކަމަށްވުމާއެކު އަހަރެއްހާދުވަހުގެ ކުރިން އަޑުއެހި މައުލޫމާތެއްގެ ބޭނުން ޙައްޖުގެ އަޅުކަމުގައި އެކަށިގެންވާ ގޮތެއްގައި ހިފޭނެކަމަކަށް ނުބެލެވެއެވެ. އަޅުގަނޑުވެސް އެއްބަހެވެ. މިފަދަޕްރޮގްރާމްތަކުގެ ސަބަބުން އެހުންތެރިންނާއި ބެލުންތެރިންގެ މަޢުލޫމާތު މުއްސަނދިވާނެކަން ޔަޤީނެވެ.  އެކަމަކު ޢަމަލީގޮތުން ތަޖުރިބާ ނުކުރެވޭ ނުވަތަ ތަކުރާރުކޮށް މުޠާލިޢާ ނުކުރެވޭ އެއްޗެއް ސިކުނޑީގައި ރައްކާކޮށްފައި ބެހެއްޓުމަކީ ފަސޭހަކަމެއްނޫނެވެ.



މީގެ ދެއަހަރުކުރިން އައި ޙައްޖުދުވަހުވެސް މިފަދަތަޖުރިބާއެއްކުރެވުނެވެ. އެދުވަހު ޙައްޖުދުވަހުގެ ޚުތުބާ ޓީވީ ޗެނަލަކުން ވަގުތުން ފޮނުވަމުން ދިޔަވަގުތު ޝައިޚަކު އެ ޚުތުބާއާއި ބެހޭގޮތުން އޮޅުންފިލުވައިދެމުން ގެންދެވިއެވެ. އަދި އެކަމުގެތެރޭގައި ޙައްޖުގެ އަޅުކަމުގެ ކަންތައްތައް ތަފުޞީލުކޮށް ވިދާޅުވަމުންގެންދެވިއެވެ. އެވަގުތު އަޅުގަނޑުގެ ހިތަށްއެރީ މިލިޔުންފަށަމުން އަޅުގަނޑު ދެންނެވިފަދައަކުންނެވެ. އަޅެ މިމަޢުލޫމާތުތައް މިހާތަފުޞީލުކޮށް ޙައްޖަށް މީހުން ފުރުމުގެ ކުރިން ގެނެސްދިންނަމަ ކިހާރަނގަޅުވީސް ހެއްޔެވެ؟ މިވަގުތު މިމަޢުލޫމާތުތަކުގެ ސަބަބުން އަޑުއަހާމީހުންނަށް ވާނީ ކޮންފައިދާއެއްބާވައެވެ؟



އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް އަދި ޚާއްޞަކޮށް ދީނާއި ގުޅިފައިވާ ކޮންމެ ކަމެއްވެސް ވީ އެންމެ ރަނގަޅަކަށް އެންމެ ފައިދާހުރިގޮތަށް ކުރުން ވަރަށް މުހިއްމެވެ. ބައެއްފަހަރަށް އަޅުގަނޑުމެން ކަންތައްތައް ކޮށް އުޅެނީ ހަމައެކަނި އެކަންކުރީމޭ ބުނުމުގެ މަޤުޞަދުގައެވެ. އެކަމެއްކުރުމުގައި އެންމެ ފައިދާވާނެ ގޮތަކަށް އެކަން ކުރުމަށް އަޅުގަނޑުމެން ވިސްނާ ނަހަދަމުއެވެ. 

1 comment:

  1. ވަރަށް ރަނގަޅު ވާހަކައެކެވެ. ނަމެއްގައި ކަމެއްކުރުމުގެ މާބޮޑު ބޭނުމެއް ނެތެވެ.

    ReplyDelete