Wednesday, November 2, 2011

ޙައްޖުދުވަހުގެ ބޭނުން ކުރެވެނީ ކޮންގޮތަކަށް



ދީނީ އިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު ޢަރަފާތްދުވަހަކީ ނުވަތަ ޙައްޖުދުވަހަކީ ކިހާވަރެއްގެ މާތް މަތިވެރި ދުވަހެއްކަން ދެނެގަންނާކަށް ދައްޗެއްނުވާނެއެވެ. ޙައްޖުދުވަސްކަމުގައިވާ ޛުލްޙިއްޖާ މަހުގެ 9ވަނަދުވަހަކީ ޙައްޖުވެރިން މާތްވެގެންވާ ޢަރަފާތު ބިމަށް އެއްވާ ދުވަހެވެ. އަދި ޙައްޖުދުވަހާއި އެދުވަހުގެ ކުރިއަށް އޮންނަ އެމަހުގެ ފުރަތަމަ އަށްޑުވަހަކީ އަޅުކަންކޮށް ހެޔޮޢަމަލުކުރުމަށްޓަކައި ވަރަށް ޚާއްޞަ ދުވަސްތަކެކެވެ.

މިގޮތުން ބަލާއިރު ޙައްޖުވެރިންފިޔަވައި އެހެންމީހުންނަށް ޙައްޖު ދުވަހަކީ ސުންނަތްރޯދަހިފުމަށް އަހަރުތެރޭގައިއަންނަ އެންމެ މުހިއްމުދުވަހެވެ. ޙައްޖުދުވަހު ހިފާރޯދައަކީ އެރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރާއި އަންނަންއޮތް އަހަރުގެ ފާފަތައް ﷲ ފުއްސަވައިދެއްވާނޭ ކަމެއްކަމުގައި ރަސޫލު (ޞައްލަﷲޢަލައިހިވަސައްލަމް) ގެ ޙަދީޘްފުޅުގައި އައިސްފައިވާ ކަމަށް ޢިލްމުވެރިންވިދާޅުވެއެވެ. ވިސްނަވާލަބައްލަވާށެވެ. އެންމެ ދުވަހެއްގެ ރޯދައަށް ކިހާބޮޑު އަދި ކިހާމަތިވެރި އަޖުރެއްތޯއެވެ؟ ﷲއަކުބަރު. ﷲގެ އޯގާވަންތަކަމާއި ދީލަތިވަންތަކަމުގެ ބޮޑުކަމާއެވެ. ހެޔޮކަމާއި ދަރުމަޔާއި ޘަވާބަށް އެދޭމީހަކަށް ކޮންފަދަ ރަނުގެ ފުރުޞަތެއްތޯއެވެ؟

އަދިވެސް ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭގޮތުގައި އަހަރުތެރޭގައި އެންމެގިނަބަޔަކު ނަރަކައިން މުއްތިކުރެއްވެނީވެސް އެދުވަހުއެވެ.  ނަރަކައިން މިންޖުވެވި ސުވަރުގޭގެ އަހުލުވެރިންގެތެރޭން ވާން ނޭދޭނީ ކާކުތޯއެވެ؟ އެހެންކަމަށްވުމާއެކު އެމާތް މަތިވެރި ދުވަހު ޣާފިލުކަމުގައި ނުހުރެ އެންމެފުރިހަމަގޮތުގައި އެދުވަހުގެބޭނުން އިޚުލާޞްތެރިކަމާއެކު ހިފައިފި މީހަކަށް ހުރި ދަރުމައެއްގެ ބޮޑުކަމާއެވެ. ޝައްކެއްނެތެވެ. ވިޔަފާރިވެރިންނާއި އެހެނިހެން މީހުންވެސް އާމްދަނީ އިތުރުކޮށް ގިނަފައިސާ ހޯދުމަށްޓަކައި ވިޔަފާރި ރަނގަޅުވާ މޫސުމް މޫސުމަށް ވިސްނާ ސަމާލުވެ އެފަދަ ދުވަސްތައް އައުމުން މަސައްކަތްކުރާވަރު އިތުރުކޮށް ގިނަފައިސާ އާއި މުދާ ހޯދައެވެ. ދުނިޔޭގެމިފަނާވަނިވި އަރާމާއި މުދާ އެއްކުރުމަށް މިހާބޮޑު ސަމާލުކަމެއްދެވޭއިރު ފަނާވުމެއްނެތް ދުނިޔޭގެ، ޔަޢުނީ އާޚިރަތުގެ އަރާމާއި އުފާ ހޯދުމަށް އަޅުގަނޑުމެން ސަމާލުކަމެއް ނުދެމުއެވެ.
އަޅުގަނޑުމެން ދިވެހިން ޙައްޖުދުވަސް ފާހަގަކުރޭތޯއެވ؟ އެދުވަހުގެ ބޭނުން ހިފާތޯއެވެ؟ އާނއެކެވެ. ހިފައެވެ. އެހެންނަމަވެސް އަޅުކަން ކުރާކަށް ނޫނެވެ. ގިނަބަޔަކު އެދުވަސް ބޭނުންކުރަނީ ޢީދުގެ ކުޅިވަރުތައް ފަށާ ދުވަހުގެ ގޮތުގައެވެ. ޢާއްމުކޮށް ޢީދުޗުއްޓީއަށް ބަންދުވަނީ ފަސްދުވަހެވެ. ޙައްޖުދުވަހާއި، ޢީދުދުވަހާއި އައްޔާމުއްތަޝްރީޤުގެ ތިންދުވަހެވެ. ބައެއްޙާލަތްތަކުގައި ހަފުތާބަންދުގެ ސަބަބުން ދުވަސް އިތުރުވޭމެއެވެ. ބޮޑުޢީދުބަންދަކީ މިހާރަކަށްއައިސް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ތަފާތު ގިނަގުނަ ކުޅިވަރު މުބާރާތްތައް އިންތިޒާމްކޮށް ކުރިއަށް ގެންދެވޭ ދުވަސްތަކެކެވެ. ޢީދުގެ ބަންދުގެތެރޭގައި މުބާރާތްތައް ނިންމުމަށްޓަކައި 'ޓައިޓް ޝެޑިއުލް' އެއްގެ ދަށުން މުބާރާތްތައް ރާވާ، ޙައްޖުދުވަހަކީވެސް ކުޅިވަރުގެ ދުވަހެއްކަމުގައި ހަދައެވެ. އެހެންކަމުން ދެއަހަރުގެ ފާފަފުއްސެވޭނެ ސަބަބުކަމުގައިވާ ޙައްޖުދުވަހުގެ ރޯދަ ހިފުމުގެ ބަދަލުގައި އެތައްބަޔަކު އެދުވަސް ބޭކާރުކޮށްލަނީ ކުޅިވަރުގައެވެ. ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ؟

އެންމެހާ އަޚުންނާއި އުޚުތުންނޭވެ. ގައިބާރުގަދަ ޒުވާނުންނޭވެ. ޙައްޖުދުވަހަކީ ކުޅިވަރުގެ ދުވަހަކަށް ނުހަދާށެވެ. އެއީ އަޅުކަމުގެ ދުވަހަކަށް ހަދަމާހިނގާށެވެ. ރޯދައިގެ ދުވަހަކަށް ހަދަމާހިނގާށެވެ. އެދުވަހު ނަރަކައިން މުއްތިކުރެވޭ މީހުންގެ ބައިގައި ވުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަމާ ހިނގާށެވެ. އެކަމަށްޓަކައި އަތުކުރި އޮޅާލަމާހިނގާށެވެ. އެކަން ކާމިޔާބުކުރެވޭނީ ކުޅިވަރުގެ ޙަރަކާތްތައް އެދުވަހު ބާއްވައިގެނެއްނޫނެވެ. ސްޓޭޖްޝޯވތައް އިންތިޒާމުކޮށް ސްޓޭޖްހަދާ އެކަމަށް ފަރިތަކޮށްގެނެއްނޫނެވެ. ފާޑުފާޑުގެ ކެއުންތަކާއި ބުއިންތައް ތައްޔާރުކޮށް އެތަކެތި ބޭނުންކޮށްގެނެއްނޫނެވެ. ޕާޓީތަކާއި އެއްވުންތަކާއި ޙަފުލާތައް އެދުވަހަށް ޚާއްޞަކޮށްގެންނެއްނޫނެވެ.


ޝައްކެއްނެތެވެ. ޢީދަކީ ﷲގެ މަތިވެރި ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ދުވަހެވެ. މަގުމަތީގަޔާއި ބާޒާރުތަކުގައި އަދި މިސްކިތްތަކާއި ގޭގެތަކުގައި ﷲއަށް ތަކުބީރުކިޔުމުގެ ދުވަހެވެ. އެއީ އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުކޮށް، ޒިޔާރަތްކޮށް ތަހުނިޔާކިޔުމުގެ ދުވަހެވެ. ކުޅިވަރުކުޅުމާއި އުފާފާޅުކުރުމުގެ ދުވަހެވެ. މީރުބުއިންތަކާއި ކެއުންތަކުގެ ދުވަހެވެ. އެކަންކަމަށްޓަކައި ޢީދުދުވަހާއި އައްޔާމުއްތަޝްރީޤުގެދުވަސްތަކުގައި ރޯދަހިފުން އެވަނީ މާތްﷲ ޙަރާމްކުރައްވާފައެވެ. އެހެންކަމަށްވުމާއެކު އެދުވަސްތައް އެކަންކަމަށް ހުސްކުރަމާ ހިނގާށެވެ. އަދި ޢީދުގެ ކުރިން އޮންނަދުވަހު އެކަމަށް ޚާއްޞަ ވެގެންވާ އަޅުކަމަށްޓަކައި ހުސްކުރަމާހިނގާށެވެ. ހަމަކަށަވަރުންވެސް އެދުވަހުގެ ރޯދައިގައިވަނީ ބޮޑުވެގެންވާ ކާމިޔާބާއި ފަލާޙެވެ.

No comments:

Post a Comment