Sunday, June 22, 2014

ޖުވާކުޅުމަށް ލިބުނު ދަޢުވަތު؟؟؟؟؟

އަޅުގަނޑުގެ ފޯނަށް ލިބުނު މެސެޖެކެވެ.  ވޯލްޑްކަޕް މުބާރާތުގައި ކުޅެވޭ މެޗްތަކުގެ ސްކޯރ ދިމާކޮށްގެން އަގުބޮޑެތި އިނާމުތައް ހޯދުމުގެ ފުރުޞަތު އޮތްކަމާއި އެކަމުގައި ބައިވެރިވުމަށް ފޯނުގެ ޚިދުމަތްދޭ ފަރާތުންދަޢުވަތުދީފައި ފޮނުވާފައިވާ މެސެޖެކެވެ. އަޅުގަނޑު ކުރަންޖެހޭ ކަމަކީ ކުރިއަށް އޮތް މެޗްގެ ނަތީޖާ އެސްއެމްއެސް ކުރުމެވެ. ކޮންމެ އެސްއެމްއެސް އަކަށް އެއްރުފިޔާގެ އަގެއް ދީގެންނެވެ. އޭރުންއަޅުގަނޑުގެ ސްކޯރ ދިމާވެއްޖެނަމަ ދެންވެސް ސްކޯރދިމާވާ އެތައްބަޔަކާއެކު ގުރުއަތަށްގޮސް ގުރުޢަތުން ހޮވިއްޖެނަމަ އަގުބޮޑެތި އިނާމުތައް ލިބެނީއެވެ.

މެސެޖަށް ބަލައިގެން އަޅުގަނޑަށް ވިސްނަން އިނދެވުނެވެ. މިކަމުގައި އަޅުގަނޑު ފައިސާ ޚަރަދުކުރަން އެބަޖެހެއެވެ. ނަޞީބުގެ އެހީގައި، އަޅުގަނޑު އަތުން ހޭދަކުރާ އެއްޗަކަށްވުރެ އެތަކެއްގުނަ ބޮޑު އެއްޗެއްލިބުމުގެ އުއްމީދުގައެވެ. އެކިއެކި ގޮތްގޮތަށް ވިސްނައިގެންވެސް މިކަމާ މާތްﷲ އަޅުގަނޑުމެންނަށް ޙަރާމް ކުރައްވާފައިވާ ޖުވާޔާއި ތަފާތުވާ އެއްވެސްހަމައެއް އަޅުގަނޑަކަށް ނުފެނުނެވެ. ޖުވާކުޅޭމީހާވެސް އެކަމުގައި މުދާހޭދަކުރަނީ ހަމައެކަނި ނަޞީބުގެ އެހީގައި ޚަރަދުކުރާ އެއްޗަކަށްވުރެ ބޮޑުއެއްޗެއް ލިބޭނޭކަމުގެ އުއްމީދުގައެވެ.

އެސްއެމްއެސް ކޮށްގެން އިނާމު ހޯދުމުގެ ޙަރަކާތްތައް ރާއްޖެއަށް މޯބައިލްފޯނުގެ ޚިދުމަތް ތަޢާރަފުވުމާއެކު ފެށިގެން ވަނީ ގޮސްފައެވެ. އަދި މިހާރަކަށް އައިސް ކުރިއަށްގެންދެވޭ ޤައުމީ އަދި ބައިނަލް އަޤުވާމީ ގިނަޙަރަކާތްތަކަކާއި ގުޅިގެން އެސް އެމްއެސް ކޮށްގެން އިނާމުހޯދުމުގެ ޕްރޮގްރާމްތައް ކުރިއަށް އެބަދެއެވެ.

އެސްއެމްއެސް ކޮށްގެން އިނާމުހޯދުމާއި ބެހޭގޮތުން އަޅުގަނޑު ދެތިން ސެއިޚުންނާއި ސުވާލުކޮށްލީމެވެ. އަޅުގަނޑަށް އެޝެއިޚުންގެ ފަރާތުން ލިބުނު ޖަވާބަކީ އެއީ ޖުވާގެ ވައްތަރެއްކަމެވެ. އަދި އެފަދަކަންކަމުން ދުރުވެ ހުރުމަށް އިރުޝާދު ދެއްވިއެވެ. އެހެންނަމަވެސް މިކަމުގައި އަނެއްކާވެސް އޮޅުން އަރާގޮތްވާންފެށީ މިކަން ޢާއްމުވަމުން ދިއުމާއެކުވެސް ޢިލްމުވެރިން މިކަމާ ދެކޮޅަށް ފާޅުގައި އެއްޗެއް ވިދާޅުވާތަން ނުފެންނާތީއެވެ. އަދި އެންމެ ބޮޑަށް އޮޅުން އެރި ސަބަބަކީ ސީދާ މިނިސްޓްރީއޮފް އިސްލާމިކް އެފެއަރޒުންވެސް އެފަދަ ޕްރޮގޮރާމެއް ކުރިއަށް ގެންދެވީތީއެވެ. ކުރީ އަހަރެއްގެ ރޯދަމަހު އެސްއެމްއެސް ކޮށްގެން ގުރުޢަތުލައިގެން ޙަދީޘްފޮތެއް ހަދިޔާއަކަށް ލިބޭ ޕްރޮގްރާމެއް ހިންގެވިއެވެ. އެހެންނަމަވެސް އެކަމަށް އެސްއެމްއެސް ކުރުމަށް ފުރުޞަތު ދެވުނީ ހިލޭކަމެއް ނުވަތަ އަގަށްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެހެންނަމަވެސް  އެ އެސްއެމްއެސް އަށް އަގެއްނެގިފައިވާނަމަ އެއީ ޖުވާޔަކަށް ނުވާނެ ބާވައެވެ؟ 

ހަމައެގޮތަށް މިހާރުވެސް ކޮންމެ ހުކުރުދުވަހަކު ޓީވީއެމް އިން ދައްކާ 'ހަދިޔާ' ޕްރޮގްރާމުގައިވެސް އެސްއެމްއެސްކޮށް ގުރުއަތުލައިގެން އިނާމުލިބޭ މަސައްކަތެއް ހިމެނެއެވެ. މިމަސައްކަތުގައި ޖެހެނީ ކުރެވޭސުވާލަކަށް އެސްއެމްއެސްކޮށްގެން ޖަވާބުދޭށެވެ. ހަމަގައިމުވެސް މިއެސްއެމްއެސްއަށް 1 ރުފިޔާ ޚަރަދުކުރަންޖެހެއެވެ. އަދި ޖަވާބުރަނގަޅުވިޔަސް އިނާމުލިބެނީ ގުރުއަތުން ހޮވޭ އެއްފަރާތަކަށެވެ. އެހެންވީމާ މި، ޖުވާޔަކަށް ނުވާނެހެއްޔެވެ؟ އެކަމުގައި ދީނީ ސުވާލެއް ހިމެނުމުން އެ ރަނގަޅުވަނީ ބާވައެވެ؟ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އޭގައި ސުވާލެއް ހިމެނުމުން (ދީނީ ވިޔަސް ނުވަތަ ދީނީ ނުވިޔަސް) އެވަނީ ހައްތާ ގޯހެވެ. އެހެން މިދެންނެވީ އޭރުން ޖަވާބު ނުބައިވެއްޖެނަމަ 1 ރުފިޔާ ގެއްލި ގުރުއަތަށްވެސް ނުހޮވުމެވެ. ދެން އޮތީ ގުރުއަތަށް ހޮވޭނެ މުޖައްރިބުގޮތެވެ. އެއީ އިޚުތިޔާރީ ތިންޖަވާބަށް ތިން އެސްއެމްއެސް ކޮށް 3 ރުފިޔާ ޚަރަދުކުރުމެވެ. މީ އެއްނަމްބަރަކުން ގިނަ އެސްއެމްއެސް ފޮނުވޭ ގޮތަށް އޮވެފައި ރަނގަޅު ޖަވާބު ޔަޤީންނުވާނަމަ އެންމެންވެސް ހަދާނެގޮތެވެ. މި އުސޫލެކޭ ސުވާލަކަށް ރަނގަޅު ޖަވާބުދީފައިނޫނީ ބައިވެރިނުވެވޭ ކެސިނޯ ގޭމެކޭ އަޅުގަނޑަކަށް އެއްވެސް ތަފާތެއް ނެތެވެ.

ދާދިފަހުން އަޅުގަނޑު ކިޔާލި ދީނީ މަޖައްލާއެއްކަމުގައިވާ ހިދާޔަތުގެ އަލީގެ ޢަދަދެއްގައި އެސްއެމްއެސް ކޮށްގެން އިނާމުހޯދުމާއި ބެހޭގޮތުން ޝެއިޚަކު ދެއްވާފައިވާ ޖަވާބުގައިވަނީ މިފަދައިންނެވެ. 

        "ގުރުއަތުން އިނާމު ހުއްދަވުމާއި ނުވުން ބިނާވެފައި ވަނީ ގުރުއަތުގައި ބައިވެރިވި ގޮތުގެ
         މައްޗަށެވެ. ގުރުއަތުގައި ބައިވެރިވީ ނަސީބު ނަމްބަރ ގަނެގެން ކަމަށްވަނީ ނަމަ
         ހުއްދައެއްނުވާނެއެވެ. ނަމަވެސް ސުވާލުތަކަކަށް ޖަވާބުދީގެން ނުވަތަ ފިހާރައަކުން
         މުދަލެއްގަތުމުން ހިލޭ ލިބުނު ނަސީބުކޫޕަނެއް ފޮށްޓަށް ލައިގެން ގުރުއަތުދިމާވެގެން
         ލިބުމަކުން މައަސަލައެއް ނެތެވެ."

އަޅުގަނޑު ކުރިން މިދެންނެވި ހަދިޔާ ޕްރޮގްރާމްގައިވެސް ދެގޮތަކަށް އެސްއެމްއެސް ކުރެވެއެވެ. ފުރަތަމަގޮތަކީ ޕްރޮގްރާމްގައި ބައިވެރިވުމަށް އެސްއެމްއެސް ކުރުމެވެ. އެހާރުން އެސްއެމްއެސް ލިބޭ ތަރުތީބުން ބައިވެރިންނާއި ގުޅަމުން ގެންދެވެއެވެ. އަދި އަނގަބަހުން ޖަވާބުދޭ ދެ ސުވާލު ހުށައެޅެއެވެ. އަދި ރަނގަޅު ޖަވާބުދެވިއްޖެނަމަ އިނާމު ލިބެއެވެ. މިއިނާމަކީ ރަނގަޅުޖަވާބުދޭ ކޮންމެ ބައިވެރިއަކަށްވެސް ލިބޭ އިނާމެކެވެ. އެހެންކަމުން މި އިނާމު ލިބުން ގުޅިފައި މިއޮތީ ނަސީބަކާ ނޫނެވެ.

ދެވަނަގޮތަކީ އެސްއެމްއެސް ކޮށްގެން ޖަވާބުދެވޭ ސުވާލަށް އެސްއެމްއެސް ކުރުމެވެ. މިއެސްއެމްއެސް ކޮށްގެން ޖަވާބު ރަނގަޅުވިޔަސް އިނާމް މިލިބެނީ ގުރުއަތުލައިގެން އެންމެ ފަރާތަކަށެވެ. އެހެންކަމުން މިއިނާމު ލިބުން މިއޮތީ ނަސީބާއި ގުޅިފައެވެ. އެހެންކަމަށްވުމާއެކު މިއީ ހުއްދަ ކަމަކަށް ހަމަ ވެދާނޭބާވައެވެ؟ ޝޭޚު އެވިދާޅުވާ ފަދައިން މިއިނާމު މިލިބެނީ ސުވާލަކަށް ޖަވާބުދީގެންނެވެ. ހަމައެއާއެކު 1 ރުފިޔާއަށް ނަސީބު ނަމްބަރެއްވެސް ގަނެގެންނެވެ. އިނާމު މިލިބެނީ ގުރުއަތުން އެމީހެއްގެ ނަމްބަރު ދިމާވެއްޖެނަމައެވެ. އެހެންވީމާ އެއީ ހަމަ ޖުވާއަށް ނުވާނެބާވައެވެ؟

މިއޮއްހުރިހާދުވަހުވެސް އަޅުގަނޑު ޤަބޫލުކޮށްގެން މިހުރީ (އަދި މިހާރުވެސް ޤަބޫލުކުރަނީ) ޖުވާކުޅުމަކީ ހަމައެކަނި ނަސީބުގެ އެހީގައި ގިނަފައިސާ/މުދާ ހޯދުމުގެ ނިޔަތުގައި ތިމާގެ އަތުގައިވާ ފައިސާ ޚަރަދުކުރުންކަމުގައެވެ. އެކަން މަނާކުރެވުނު އެއް ސަބަބަކީ އެކަމުގެ ސަބަބުން ތިބާގެ މުދާ ގެއްލި ކޮންމެވެސް ބަޔަކަށް ނާޖާއިޒު ބޮޑު ފައިދާއެއް ނެގުމުގެ ފުރުސަތު ލިބުމެވެ. އަޅުގަނޑު ކުރިން ދެންނެވި ހަދިޔާ ޕްރޮގްރާމްގެ އެސްއެމްއެސް ސުވާލަށްވެސް ރަނގަޅުޖަވާބުދީގެން ގުރުއަތުން ދިމާވެގެން ލިބޭނީ ގިނަވެގެން ހައެއްކަ ސަތޭކަ ރުފިޔާއެވެ. އެކަމަކު އެސުވާލަށް ދެހާހެއްހާ މީހުން އެސްއެމްއެސް ކުރިޔަސް އެ ޚަރަދުވީ ދެހާސްރުފިޔާއެވެ. ވީމާ ބާކީވާ ސާދަސަތޭކަ ރުފިޔާއަށް އެވަނީ ކިހިނެއްހެއްޔެވެ؟

ކޮންމެއަކަސް މިހާރު އަޅުގަނޑަށް މިއޮތީ ޖުވާގެ 'ޑެފިނިޝަން' އަލުން ދަސްކުރަން ޖެހިފައެވެ. ސަބަބަކީ އަޅުގަނޑަށް އެއީ ޖުވާކަމަށް ޤަބޫލުކުރެވޭ އެތައް މުޢާމަލާތު ތަކެއް ރާއްޖޭގައި ހިނގަމުން ދާތީއެވެ. އަދި 'ދީނީ' ޙަރަކާތް ތަކުގެ ގޮތުގައިވެސް މިކަންކަން ކުރިއަށް ދާތީއެވެ. އަދި ދީނީ ދަންނަ ބޭކަލުން މިކަންކަމާއި އިދިކޮޅަށް ފާޅުގައި ބަސްފުޅު ވިދާޅުވެ ނަހައްދަވާތީއެވެ. ފަތާ ޓީވީ އާއި، ސައިކަލާއި ކާރާއި، ލޯންޗާއި މިނޫންވެސް އަގުބޮޑެތި ތަކެތި ހޯދުމުގެ އުއްމީދުގައި އެސްއެމްއެސް އަށް އެތައްހާސް ދިވެހިންނެއް ޚަރަދު ކުރަމުން ދާތީއެވެ. ލައްކައިން އަގު ކިޔޭ މުދާ ނަސީބުގެ  އެހީގައި ހޯދުމަށް މިލިޔަނުން މިލިޔަނުން އެސްއެމްއެސް ކުރާތީއެވެ. އަދި އެކަމުގެ ނާޖާއިޒު ފައިދާ އެކަންކަން ރާވާ ހިންގާ ފަރާތްތަކުން މޯބައިލްފޯނުގެ ޚިދުމަތްދޭ ފަރާތްތަކާ ގުޅިގެން ނަގާތީއެވެ. ޝައްކެއްނެތެވެ. ދަހިވެތިކަން މީހާ ޖުވާއަށް ދެވިހިފުމުގެ ސަބަބަކަށްވެދެއެވެ. ދިވެހި އެތައްބަޔަކު މިވަނީ ދަހިވެތިކަމުގެ ސަބަބުން މި ފަދަ ޙަރަކާތްތަކުގައި ބައިވެރިވުމަށްވެސް ދެވިހިފައިފައެވެ.

ދިވެހި އެންމެހާ ދީނީ ޢިލްމުވެރިންނަށް ދަންނަވަމެވެ. އޮޅުން އަރައިގެން މިއުޅެނީ އަޅުގަނޑަށްތޯއެވެ؟ އެހެންވެއްޖެނަމަ ފައިސާދީފައި (އެއީ އެއްރުފިޔާއަށް ކަމަށްވީނަމަވެސް)  ނަސީބު ނަމްބަރު (އެސްއެމްއެސް ކުރެވޭ ފޯނުގެ ނަމްބަރު) ގަނެގެން ގުރުއަތުލައިގެން އިނާމުހޯދުމުގެ މިޙަރަކާތްތައް ޖުވާއަށް ނުވާ ސަބަބު އޮޅުންފިލުވައިދެއްވާށެވެ. 

Monday, June 2, 2014

އަހަރުމެންގެ ލަދުޙަޔާތް އަރުއްވައިގަތީހެއްޔެވެ؟

އަޅުގަނޑުގެ 4 އަހަރުގެ އަންހެންދަރިފުޅުގެ ބޭސްފަރުވާޔަކަށް އަމިއްލަ ކުލިނިކަކަށް ދިޔައީމެވެ. މާލޭގެ އެމަޝްހޫރުކުލިނިކަށް ދިޔައީ އަޅުގަނޑުގެއަންހެނުންނާއި، އަންހެންދަރިފުޅާއި، 7 އަހަރުގެ ފިރިހެންދަރިފުޅާއި އަދި އަންހެނުންގެ ފިރިހެންކޮއްކޮއަކާއެކުގައެވެ. ކުލިނިކަށްވަދެ ނަމްބަރުނަގައިގެންގޮސް ނަމްބަރާއި ޖެހެންދެން އިށީނދެ ތިބުމަށް ބަހައްޓާފައި ހުރި ގޮނޑިތަކުގައި އިށީނީމެވެ. އަޅުގަނޑުމެން އިށީނދެ ތިބި ގޮނޑިތަކަށްވާގޮތަށް ދިމާ ކުރިމަތީ ފާރުގައި ގާތްގަޑަކަށް 15 ވަރަކަށް ފޫޓް ދުރުގައި ބޮޑު ފަތިޓީވީއެއް ހަރުކޮށްފައި ހުއްޓެވެ. އެޓީވީން އެވަގުތު ދައްކަމުންދިޔަ ޗެނަލްގެ ނަމަކަށްއިނީ ޓީވީއެމްގެ އަކުރުތަކެވެ. އެކަމަކު އެތަރުތީބަކުންނޫނެވެ. މިހެންދެންނެވީމާ އެއީ ކޮން ޗެނަލެއްކަން ފިނަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެހެން ހީވެއެވެ. އެވަގުތު ދައްކަމުންދިޔައީ ލަވައެކެވެ. ބިކިނީގައި ނަށަމުންދިޔަ ބައިވަރު އަންހެނުންތަކެއް އެންމެ ފިރިހެނަކު ވަށައިލައިގެން އުޅޭ މަންޒަރެވެ.

 އަޅުގަނޑުގެ ދެކުދިންގެ ކަޅިހުރީ ޓީވީއާއި އަމާޒުވެފައެވެ. އެކުދިންނަކީ ގޭގައި އުޅޭއިރުވެސް އޮޅުމަކުންނޫނީ ދިވެހި ލަވައެއްގެ ކުޑަތަންކޮޅެއްވެސް ނުފެންނާނެކުދިންނެވެ. އަޅުގަނޑު ފޯނާއި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން އެކުދިންގެ ސަމާލުކަން އެ ޓީވީއާއި ފޭކުރެވޭތޯ ނާކާމިޔާބު މަސައްކަތްތަކެއް ކުރަމުން ދިޔައީމެވެ. އެތަނުގައި ބައިވަރުމީހުން ތިއްބެވެ. އިތުރު ހުސްގޮނޑިއެއްނެތުމުން އެހެން ދިމާލަކަށް ޖެހިލެވޭކަށްވެސް ނެތެވެ. ދެންތިބިމީހުންނަށް އެ ޓީވީއިން މިހާރު އެދައްކާ މަންޒަރުތައް ދެއްކުމެކޭ މަދަޙައެއް ދެއްކުމެކޭތަފާތެއް ވާހެނެއް އެމީހުންގެ ޙަރަކާތްތަކަކުން ހިޔެއްނުވެއެވެ. އެންމެފަހުން އަޅުގަނޑަށް ކެތްނުވެގެން ރިސެޕްޝަންގައި އިން ކުއްޖާގާތަށް ޖެހިލައި ޓީވީގެ ޗެނަލް ބަދަލުކޮށްދީފާނަންތޯ މަޑުމައިތިރިކަމާއެކު އެދުނީމެވެ. ނަޞީބަކުން އޭނާ އެކަމަށް ދެކޮޅެއް ނެހެދިއެވެ. ރިމޯޓްނަގާފައި ޓީވީއެމް އަށް ބަދަލުކޮށްލިއެވެ. މެންދުރުވަގުތުކަމުން ޓީވީއެމް އިން އެވަގުތު ދައްކަމުން ދިޔައީ މަދަޙައެވެ. އަޅުގަނޑަށް ހަމަޖެހިލައިގެން ގޮނޑީގައި އިށީނދެވުނީ ދެނެވެ.


ކޮންމެއަކަސް މީ މިހާރު އަޅުގަނޑުމެންގެ ޙާލަތު ހުރިގޮތެވެ. ބަދުއަޚުލާޤީ ޢަމަލުތައް އަޅުގަނޑުމެންގެ ތެރޭގައި ޢާއްމުވެފައިވާލެއް ބޮޑުކަމުން ކަންބޮޑުވެގެން ނޫޅޭ މީހަކު ނެތެވެ. އެކަމަކުވެސް މިކަންކަމުގެ އަސްލުސަބަބުތަކަށް ރިޔާޢަތްކޮށް މައްސަލަ ޙައްލުވޭތޯ މަސައްކަތްކުރަނީ ކޮންބައެއްތޯއެވެ. ބަދުއަޚުލާޤީ ޢަމަލެއް ފެންމަތިވެ މީހަކު ނުވަތަ ބަޔަކު ހައްޔަރުކުރާއިރަށް  ހަރުކަށި އަދަބުދޭށޭ ކިޔައިގެން އެތައްބަޔަކު ވާހަކަދައްކަންފަށައެވެ. ރޭޑިޔޯއާއި ޓީވީ ޗެނަލްތަކުންވެސް މާ "ދީނީވެގެން" ދީނާއި ބީރައްޓެހި ފިކުރުގެންގުޅޭ ކަމުގެ ތުހުމަތުގައި ތަފާތު މީސްމީހުންނަށް އަމާޒުކޮށް ފަށުއި ރިޕޯޓްތައް ފޮނުވާހަދަތެވެ. އެއާ ވިއްދާ ދެން ފޮނުވާނީ ބަލަން ނުވަތަ އަޑުއަހަން ހެޔޮނުވާ ވަރުގެ ތަކެއްޗެވެ. ނޫސްމަޖައްލާތަކުންވެސް އެފަދަ ޢަމަލުތަކާއި ދެކޮޅަށް ފާޑުފާޑުގެ ލިޔުންތައް ލިޔެ ނެރެއެވެ. އެކަމަކު ހަމަ އެ ނޫސްމަޖައްލާތަކުގައި ޖަހާފައި ހުންނަ ބައެއް ފޮޓޯތައް ފެނިފައި އަހަރުމެންގެ ލަދުޙަޔާތް ހަމަރަނގަޅަށްވެސް އަރުއްވައިގެންފިއޭ ހީވާހާވެއެވެ.