Monday, December 5, 2011

އަންހެނެއްވިއްޔާ ހަންގަޑެވެ. - 'ޕިއްލޭ' މެން އަންހެނުންނަށް ހޯދައިދޭ ކަރާމަތާއި ޝަރާފަތުގެ ތެރެއިން

މިއަދު އަޅުގަނޑުމެންގެތެރެއަށް ފެތުރިގެންމިދިޔައީ ކޮންމެވެސް ޕިއްލޭއެއްގެ އަޑެކެވެ. މިވާގޮތަކީ ދިވެހި ރާއްޖޭގައި އަންހެނުންގެ ޝަރާފަތާއި ކަރާމާތް ނިގުޅައިގެނެވެނީޔޯއެވެ. އެކަނބަލުންނަށް އިހާނެތިކޮށް ހިތެވެނީ ޔޯއެވެ. ލަދުވެތިކަމާއި ޝަރާފަތާއި ކަރާމާތުން އެއްކިބާވެ ޒިނޭގެ ލަދުޙަޔާތެއްނެތް ޢަމަލުހިންގުމުގެ ސަބަބުން ޙައްދުޖެހުން ޤާއިމްކުރުމަކީ ޒަމާނީޑިމޮކްރަސީގެ 'މަތިވެރި' އުސޫލުތަކާއި އަންހެނުންގެ ޢިއްޒަތާއި ފުށުއަރާކަމަކަށް ވަނީޔޯއެވެ. އަދި މިކަމާމެދު ދިވެހިން ބަހުސަކަށް ދާންވީއްޔޯއެވެ؟ އަދި މިނޫނަސް އަޅުގަނޑުމެންގެ މާތް އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކަށް ހަޖޫޖެހުމުގެ ގޮތުން އިތުރުވާހަކަތައް މިކަނބުލޭގެ ދެއްކިމެއެވެ.

ކޮންމެއަކަސް މިކަނބުލޭގެ މިވާހަކަދައްކާ ނިމުމާއެކު ދިވެހިންގެ  "ޢިއްޒަތްތެރިން" އަތްތިލަބަޑިޖައްސަވާ އެކަކަށްވުރެ އަނެކަކު ކުރިން މިކަނބުލޭގެއާއި އަތާއި އަތްޖޯޑުކޮށް ސަލާންކުރުމަށްޓަކައި ތެޅިގަތްތަން ދުށީމެވެ. އެކަމަކު ޢިއްޒަތްތެރިކަންވަނީ ﷲއަށާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށާއި މުއުމިނުންނަށްކަން އަހަރުމެންދަންނަމުއެވެ.

ކޮންމެއަކަސް މިހާސަރުތައްދެމި މިކަނބުލޭގެއަކީ އ.ދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އެމްބެސެޑަރެކެވެ. މި އ.ދ ނުވަތަ ޔޫއެން އަކީ ޑިމޮކްރަސީގެ އައްޕައެވެ. އެކަމަކު ޑިމޮކްރަސީ އެންމެބޮޑަށް ފޫގޮސްފައި އޮންނަނީވެސް މިތަނުގައެވެ. އެއީ ޑިމޮކްރަސީ އަކީ ގިނަމީހުން ބޭނުންވާ ގޮތްކަމަށްވާއިރު  އ.ދ ގެ އެހެންހުރިހާ މެމްބަރުން އެއްކޮޅަށް ޖެހުނަސް  އެމެރިކާ، ނުވަތަ ރަޝިޔާ ނުވަތަ ޗައިނާ ނުވަތަ ފުރާންސް ނުވަތަ ޔޫކޭ އިދިކޮޅުހަދައިފިނަމަ އެކަމެއް އެހާހިސާބުން ނިމުނީއެވެ. ވީޓޯކުރުމުގެ ބާރުލިބިފައިވާ މިފަސްޤައުމަކީ އ.ދ.ގެ ދާއިމީ ފަސްމެމްބަރުންނެވެ. މިގުރޫޕުން ޖާގަލިބޭތޯ އިންޑިޔާއާއި ޖަޕާނުފަދަ ޤައުމުތަކުން ހޭބޯނާރާ މިހާރުވެސް މަސައްކަތްކުރަނީއެވެ. މިއީ އ.ދ ގެ ޑިމޮކަރަސީގެ ޙާލަތެވެ. ކޮންމެއަކަސް މައުޟޫޢު އަށް އެނބުރި ދަމާ ހިނގާށެވެ.

ކޮންމެއަކަސް މިކަނބުލޭގެ މިފާޅުކުރި ޚިޔާލަކީ ދިވެހިންގެ ތެރެއަށް އަލަށް އައިސްގެން އުޅޭ ޚިޔާލެއްނޫނެވެ. މިއީ މީގެ ކުރިން ބައެއް ދިވެހި ވެބްސައިޓްތަކާއި ފޯރަމްތަކުގައި ބައެއްދިވެހިން ފާޅުކޮށްފައިވާ ޚިޔާލެކެވެ. އަދި ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަންތައްތަކުގައިވެސް ޚިޔާލުހޯދުމުގެ ޕޯލްތައް ބައެއް މަޝްހޫރުދިވެހިވެބްސައިޓްތަކުން ފެނެއެވެ. މިގޮތުން ރާއްޖޭގެ އެންމެ މަޝްހޫރު އެއް ނިވުސް އޮންލައިން ގައި އަންހެނުން ޤާޟީކަމަށް އިސްކުރަންފެނޭތޯ ނުވަތަ ނުފެނޭތޯ ބަލަން ހުޅުވާލި ޕޯލްއެއް އަޅުގަނޑުދުށީމެވެ. މިހާރުވެސް އެސައިޓްގެ އާކައިވްއިން މިފެންނަންހުރުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެއަކަސް މިފަދަ ޚިޔާލެއް މިހާފާޅުކަން ބޮޑުގޮތެއްގައި އަދި ރާއްޖޭގެ ޤާނޫނުތައް ހަދާ މަޖުލީހުގައި ފާޅުކުރެވުނު މިއީ ފުރަތަމަފަހަރު ކަންނޭނގެއެވެ. ކޮންމެއަކަސް މިކަނބުލޭގެ މިކަމެއްމިކުރީ ދިވެހިންގެ ބައެއްގެ 'ބެކަޕް' ލިބިގެން ކަމާއިމެދު އަޅުގަނޑުކުޑަކޮށްވެސް ޝައްކެއްވެސް ނުކުރަމެވެ.

މާފުކުރަށްވާށެވެ. ލިޔުމުގެ ސުރުޚީގައި އެހިމެނޭ ޢިބާރާތާއި ހަމައަށް އަދިވެސް މިއުޅެނީ ނުދެވިގެންނެވެ. އަޅުގަނޑު ދަންނަވަން މިއުޅެނީ ހުޅަނގުގެ ޤައުމުތަކުން އަންހެނުންނަށް ހޯދައިދޭ ޢިއްޒަތާއި ޝަރަފާއި ކަރާމާތުގެ 'ފުރިހަމަ' ކަމުގެ ވާހަކައެވެ. އެމީހުން އެދަޢުވާކުރާ އަންހެނުންނާއި ފިރިހެނުންގެ 'ހަމަހަމަ' ކަމުގެވާހަކައެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި އެމީހުން އެހޯދައިދޭ ޢިއްޒަތާއި ޝަރަފާއި ހަމަހަމަކަން އެއީ ހަމަ ވަހުމެކެވެ. ދަޅައެކެވެ. އަވާ މެންދުރެކެވެ. ރަނގަޅަށް ލޯހުޅުވައިގެން ބަލައިލައިފިނަމަ މިކަމުގެ ޙަޤީޤަތް ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނާނެއެވެ. އެކަން ސާބިތުކޮށްދިނުމަކީ ދާދި ފަސޭހަކަމެކެވެ. ތަފާތު ޤައުމުތަކުގެ ސަރުކާރުތަކާއި ބޮޑެތިކުންފުނިތަކާއި ވިޔަފާރިވެރިންގެ ވާހަކައެއް އަޅުގަނޑު ނުދައްކާނަމެވެ. ޢާއިލީ ގުޅުމާއި ޖަމާޢަތް ޖަމާޢަތުގެ ވާހަކަވެސް އެހަށްބާއްވާށެވެ. މިއުޒިކާއި މުނިފޫހި ފިލުވުމުގެ ދާއިރާވެސް އެހަށް އެއްކިބާ ކުރުމާހިނގާށެވެ. އަޅުގަނޑުހަމައެކަނި ފާހަގަކޮށްލަން މިވަގުތު ބޭނުންވަނީ ކުޅިވަރެވެ. ތަފާތު އެކި ތަންތާގައި ތަފާތު ނަންނަމުގައި ތަފާތު ގޮތްގޮތަށް ކުޅެވޭ ކުޅިވަރުތަކެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސް ކުޅޭ ކުޅިވަރުތަކެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސް ބަލާ ކުޅިވަރުތަކެވެ.

އެވެރިންގެ ތެރޭގައި ކުޅެވޭ ހުރިހާ ކުޅިވަރެއްގައިހެން އަންހެނުން ނަމަ އަޅަން މިޖެހެނީ ވަރަށް ނިވާކަންކުޑަ ހަށިގަނޑުގެ ބޮޑުބައެއް ހާމަވާފަދަ ހެދުންތަކެވެ. އަޖައިބުވާންޖެހޭ ކަމަކީ ހަމައެކުޅިވަރުތައް ފިރިހެނުން ކުޅޭއިރު ހަށިގަނޑުގެ ބޮޑުބައެއްނިވާކުރާކަމެވެ. މިއިން ދޭހަވާއެއްޗަކީ އަންހެނުން މައިގަނޑު ގޮތެއްގައި މިބޭނުންކުރެވެނީ "ސެކްސް އޮބްޖެކްޓް" ތަކެއްގެ ގޮތުގައެވެ. އާދޭހެވެ. ފިރިހެނުންގެ ޖިންސީ ޣަރީޒާ ހޭލައްވާލާ އެކަމުގެ ކަރުހިއްކުން ބޮޑުކޮށް އަދި އެކަން ކެނޑުވުމަށް ބޭނުންކުރެވޭ ވަޞީލަތެއްގެ ގޮތުގައެވެ. ކުޅިވަރުތަކުގެ ޤަވާޢިދުތައް ކަނޑައަޅާ، ކުޅިވަރުތައް އިންތިޒާމްކުރުމުގައި ނުވަތަ ކުޅިވަރުތަކަށް ޚަރަދުކޮށް ސްޕޮންސަރުކުރުމުގައި އިސްސަފުގައި މިތިބެނީ ގިނައިން ފިރިހެނުންނެވެ. އެހެންކަމަށްވުމާއެކު އެވެރިންގެ މައިގަނޑުބޭނުމަކަށް ވެފައި މިއޮންނަނީ އެކުޅިވަރުތަކުގައި ބައިވެރިވާ އަންހެންވެރިންގެ ހަށިތައްނީލަންކިޔޭނެގޮތް ހެދުމެވެ. އަންހެނުންގެ ހުނަރާއި ކުޅަދާނަކަމަށްވުރެ ބޮޑަށް އެވެރިން ސަމާލުކަންދެނީ އަންހެނުންގެ ޖިސްމުތަކަށެވެ.

މިސާލަކަށް ޓެނިސް ނަގަމާ ހިނގާށެވެ. އަންހެނުން ލާން މިޖެހެނީ ޓޮޕަކާއި އެއާއި ގުޅިފައިވާ ފޫކޮޅުނުފޮރުވޭވަރުގެ މިނީސްކާޓެކެވެ. ޓޮޕް މިހުންނަނީ ގައިގެ ބައްޓަމަށް ގަޔަށް ބާރުކޮށެވެ. ކުޅިވަރުގެ ގަވާއިދު ބުނާގޮތުން އެމީހުންނަކަށް ފައިގެ ފަލަމަސްގަނޑު ނިވައެއްނުކުރެވެއެވެ. ކުޅެންމިޖެހެނީ ލައިގެން ހުންނަ ޖަނގިޔާ ދައްކައިގެންނެވެ. އެކަމަކު ފިރިހެނުންގަޔަށް ދޫކޮށް ހުންނަ ޓީޝާޓް ލާއިރު ކަކުލާއި ހަމައަށް ފޯރާ ސޯޓް ވެސް ލެވެއެވެ. ރަފައެލް ނަޑާލް އެނގިލައްވާތޯއެވެ؟ މިއީ މިމީހުން މިކިޔާ ޝަރާފަތެވެ. ހަމަހަމަ ކަމެވެ.

ދެން ބީޗްވޮލީއެވެ. މަޑުފަސްގަނޑުގައި ކޮޅެއްގަ ދެމީހުން ތިބެގެން ކުޅޭވޮލީއެވެ. ފިރިހެނުންނަމަ ޓީޝާޓާއި ސޯޓެވެ. އަންހެނުންތޯއެވެ. "ޓޫޕީސް" އެވެ. ބިކިނީއެވެ. އެންމެ އާދައިގެ ގޮތަށްނަމަ ޖަނގިޔަލާއި ބުރެޝިއަރެވެ. މިހެދުމުގައި ތިބެގެން ކުޅޭއިރު ވަށައިގެން ސަޕޯޓަރުން ތިބޭނެއެވެ. ޓީވީ ޗެނަލްތަކުން ދުރަށް ދައްކަމުންދާނެއެވެ.

ދެން އެތުލެޓިކްސް ނުވަތަ ކަސްރަތަށް ބައްލަވާށެވެ. އޭގެވެސް ގިނަޙަރަކާތްތަކުގައި ފިރިހެނުން ތިބޭނީ ޓީޝާޓާއި ސޯޓުގައެވެ. ގަޔަށް ދޫ ހެދުމުގައެވެ. އެކަމަކު އަންހެނުންނަމަ ހީވާނީ ގައިގައި ކުލަލާފައި ފޭރާމެއް ނުލާ ތިބޭފަދަޔަކުންނެވެ. އެމީހުން ދުވިޔަސް، ނެށިޔަސް، 'ބީމް' މަތީގައި އެކޮޅުކޮޅުން ޖެހުނަސް، ފުންމިޔަސް، ދަނޑީގައި އެލިގެން ބުރުއުކިޔަސް ނުވަތަ އެނޫންވެސް ކޮންމެ ކަމެއްކުރިޔަސް ޅިނދުންފެށިގެން ތިރިއޮންނާނީ ހާމައަށެވެ. އަދިއޭގެމަތީބައި ކޮނޑާއިހަމައަށް ފެންނާނީ ދަވާދުކާއްތައިގެން ތިބޭހެންނެވެ.

އައިސްކޭޓިންގ، ފިގަރސްކޭޓިންގ މިރޮނގުން ވަކިދެރައެއްނުވާނެއެވެ. އަންހެނުންގެހެދުން އާދައިގެ ރުމާލަކުންވެސް ފެހޭހާ ޚަރަދުކުޑަވާނެއެވެ. އެމީހުންލައިގެން ތިބޭ ހެދުންފެނިއްޖެނަމަ އެހެނދުން އެލަނީ ކޮންބޭނުމަކުތޯ ހިތުގައި ސުވާލުއުފެދޭހާ ވާނެއެވެ. އެކަމަކު ފިރިހެނުންގެ ހެދުމަކީ ހަމަ ކޯޓްފަޓުލޫނުފަދަ ހެދުމެކެވެ.  އަޖައިބެއްފަހެ ނުވާނެހެއްޔެވެ؟  ދުވަހަކަށްވުރެ ދުވަހެއް މިރޮގުން އަންހެނުންގެ ބަރަހަނާ ކުރެވޭލެއްމިދަނީ ބޮޑުވަމުންނެވެ. ދާދިފަހަކުން އަޅުގަނޑު އަޑުއެހި ޚަބަރެއްގައި 2012ގެ ލަންޑަން އޮލިމްޕްކްސްގައި ބޮކްސިންގައި ބައިވެރިވާ އަންހެން އެތުލީޓުންނަށް ސްކާޓްލާންޖެހުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވެއެވެ. މިހާރު އެމީހުންގެ ހެދުމަކީ ޓީޝާޓާއި ކަކުލާއި ހަމައަށް ދާވަރުގެ ސޯޓެވެ. ދިގުސޯޓްގެ ބަދަލުގައި ސްކާރޓް ބޭނުންކުރަންފެށުމުން އެކުޅިވަރުގެތެރޭގައި އެ އެތުލީޓުން ބަރަހަނާވާ މިންވަރުބޮޑުވާނެކަމީ ހަމަ ޔަޤީންކަމެކެވެ.



ދެން ކުޅިވަރުކުޅޭ މީހުންނަށް ހިތްވަރުދީ ސަޕޯޓްކުރާކުރުމަށް ބަލާލަމާހިނގާށެވެ. ޗިއަރލީޑަރުންނަކީ ކުޅުންތެރިންނަށް ހިތްވަރުދީ ސަޕޯޓްކުރުމަށްޓަކައި ނަށާ އަދި ތަފާތު އެކްރޮބެޓިކް ޙަރަކާތްތައް ކުރާބައެކެވެ. ޢާއްމުގޮތެއްގައި މިމީހުން ފެންނަނީ ފިރިހެނުންކުޅޭ ކުޅިވަރުތަކުގެ މައިދާންތަކުންނެވެ. އެކަމުގައި އުޅެނީ އަންހެންކުދިންނެވެ. އެކުދިންގެ ޙަރަކާތްތަކާއި ހެދުން ހުންނާނީ ފިރިހެނުންގެ ސަމާލުކަން ވީހާވެސް ބޮޑަކަށް ލިބޭގޮތަށެވެ. އެކަމަކު އަންހެންކުދިންގެ ކުޅިވަރުތައް ކުރިއަށްދާއިރު ފިރިހެނުން އެފަދަ ޙަރަކާތްތައް ހިންގާތީއެއް ނުފެނެއެވެ. ޒުވާން ރީތި އަންހެންކުދިންތައް އެކުދިންގެ ހަށިގަނޑުއެއްކޮށްހެން ހާމަވާގޮތަށް ހެދުން އަޅައިގެން ދެއަތުން ޕޮންޕޮން ހިފައިގެން ދެސަފަށް ތިބޭއިރު ސްޕަރބޯލް ކުޅޭ ފިރިހެނުންތައް އެދެސަފު ދޭތެރެއިން ދަނޑަށް އަރާއިރު އަދި ކުޅިބަލަން ވަދެ ތިބޭ އެންމެން ސަޕޯޓްކުރުމުގެ ގޮތުން ހަޅޭއްލަވާއިރު އެއަންހެންކުދިންގެ ޝަރާފަތާއި ކަރާމަތާއި ޢިއްޒަތަކީ ކޮބައިހެއްޔެވެ؟ އެއަންހެންކުދިންއެކުޅޭ ރޯލު ފިރިހެނުން ނުކުޅޭއިރު އެބުނާ ހަމަހަމަކަމަކީ ކޮބައިހެއްޔެވެ؟

ބައިސްކަލު، ސައިކަލް އަދި ކާރުރޭސްތަކުގައި ވެސް ހަމަމިއުސޫލުން އަންހެންކުދިން ބޭނުންކުރެވެމުންދެއެވެ. ފޯމިއުލާ ވަން ފަދަ ކާރުރޭސްތަކުގައި ، ޓުއަރޑިފުރާންސް ފަދަ ބައިސްކަލު ރޭސްތަކުގައި އަދި މިނޫންވެސް ރޭސްތަކުގެ އެކިކަންކަމުގައި އެކި ޙާލަތްތަކުގެ އަންހެންކުދިންގެ އޮރިޔާންކަން އިސްތިހާރުކުރެވެމުންދެއެވެ. އެކުދިން އެރޭސްތަކުގެ ކަންކަމުގައި ބޭނުންކުރެވެމުންދަނީ އެކުދިންގެހުރި ވަކިހުނަރެއްގެ ސަބަބަކުން ނޫނެވެ. ހަމައެކަނި އެކުދިންގެ ޖިސްމުތައް އިސްތިހާރުކޮށް އެމީހުންގެ އެ ކުޅިވަރުތައް ބޮޑުއަގުގައި ވިއްކާ ފައިސާ ހޯދުމުމަށެވެ.

އަދި މީގެއިތުރުން ތަފާތުކުޅިވަރުތަކުގައި ބޭނުންކުރެވޭ ' ބޯލްބޯއިސް ' އަދި ' ބޯލްގާރލްސް ' އަށް ބެއްލެވިޔަސް މިތަފާތު ފެންނާނެއެވެ. އެގޮތުން މިވަގުތު އިނގިރޭސިވިލާތުގައި ކުރިޔަށްދާ ދުނިޔޭގެ އެންމެ ގަދަ ފިރިހެން އަށް ކުޅުންތެރިންގެ މުބާރާތުގެ މެޗެއް ބައްލަވާލެއްވިޔަސް މީގެ ޙަޤީޤަތް ސާފުކޮށް ފެނިވަޑައިގަންނަވާނެއެވެ.

ކުޅިވަރުގެ މުބާރާތްތަކުގައި ދެވޭ އިނާމަށް ބަލައިލިކަމުގައިވެސް އެބުނާ ހަމަހަމަކަން އެއޮތީ ފެންނާށެވެ. އަންހެނުން އެހާ ބޮޑަށް ބަރަހަނާވާންޖެހޭއިރުވެސް ކޮންމެ ކުޅިވަރެއްގައިހެން މުބާރާތްތައް ކާމިޔާބުކުރާ ކުޅުންތެރިންނަށް ދެވޭ ފައިސާގެ އިނާމަށް ބަލާލާއިރު ފިރިހެނުންނަށްވުރެ އަންހެނުންނަށް ދެވޭ ފައިސާގެ ޢަދަދު އެތައްގުނައަކުން ކުޑައެވެ. ތިޔަބޭފުޅުން އަމިއްލައަށް  'ގޫގުލް'  ކޮށްލެއްވިޔަސް ތަފުޞީލުފެނިވަޑައިގަންނަވާނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ހުނޅަގުގެ އަދި އެނޫންވެސް ކާފަރު ޤައުމުތަކުގެ މައިގަނޑު ސިޔާސަތަކީ އަޅުގަނޑުމެންގެ ލޮބުވެތި މަންމަމެންނާއި، އަނބިންނާއި، އުޚުތުންނާއި އަދި އަންހެންދަރިން އެޖިންސަކަށް ނިސްބަތްވާ އަންހެނުންޖިންސްގެ ޢިއްޒަތާއި ޝަރަފާއި ކަރާމާތް ރައްކާތެރިކުރުމެއްނޫނެވެ. އަދި ކިއެއްހެއްޔެވެ. އެކަން ވެއްޔާ މޮޑެލުމެވެ. އެކަނބަލުންގެ ހަށިތަކަކީ ފިރިހެނުންގެ ލޮލަށް "ޖާފަތެއް" ކަމުގައި ހެދުމެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ކަންތައްތައް އޮތީ މިފަދައަކުންނެވެ. އަޅުގަނޑު މިއަލިއަޅުވާލީ ހަމައެކަނި ކުޅިވަރުގެ ދާއިރާއަށެވެ. ޙަޤީޤަތުގައި ކުޅިވަރަކީ އޭގައި ބެލުންތެރިންގެ ސަމާލުކަން ކުޅުންތެރިންގެ ހުނަރަށާއި ބުންވަރަށާއި ކުޅަދާނަކަމަށް ހުއްޓޭ ޙަރަކާތެވެ. އެކަމަކު ކުޅުންތެރިންނަކީ އަންހެނުންކަމުގައިވަނީނަމަ މިހުރިހާކަމެއްގެ މައްޗަށް އިސްވަނީ ކުޅުންތެރިންގެ ހަށިގަނޑުތަކެވެ. އަދި ޚާއްޞަކޮށް ޓެނިސްކަހަލަ ވަކިވަކި ކުޅުންތެރިން ތަމްސީލު ކުރާ ކުޅިވަރުތަކުގައި މަޝްހޫރުކަމާއި ގިނަފައިސާ ހޯދުމުގައި އެކުޅުންތެރިންގެ ހަށިގަނޑަކީ ވަރަށް އިސްރޯލެއްއަދާކުރާ އެއްޗަކަށް މިވަނީ ވެފައެވެ. ގިނަ ސްޕޮންސަރޝިޕްތައް މިލިބެނީ ރީތި އަދި ވީހާވެސް ބޮޑަކަށް ހަށިގަނޑު ހާމަކޮށް ބަރަހަނާވާ ކުޅުންތެރިންނަށެވެ. މިއީ ޕިއްލޭ މެން އަންހެނުންނަށް އެހޯދައިދޭ ޢިއްޒަތާއި ޝަރާފަތެވެ. މިއީ އޭގެ ހަމަ ވަރަށް ކުޑަކުޑަ މިންވަރެކެވެ. ބޮޑުބައި އަދިއޮތީއެވެ. އެކަންތައްތައް ހާމަކުރުމަށްޓަކައި އެތައް ޞަފުޙާއެއް ލިޔަންޖެހޭނެއެވެ. އާދޭހެވެ! އަންހެނެއްވިއްޔާ؟؟؟؟؟؟؟  ތިހީފުޅުކުރެއްވީ އެންމެ ރަނގަޅަށެވެ. އަންހެނެއްވިއްޔާ ޖެހޭނީ ވީހާވެސް ބޮޑަކަށް ހަށިގަނޑު ހާމަކުރާށެވެ. ހަންގަނޑު ހާމަކުރާށެވެ. އަންހެނެއްވިއްޔާ ހަންގަނޑެވެ.