Monday, April 16, 2012

ތިޔަކަނބަލުންގެ އަގަކީ އެއީހެއްޔެވެ؟؟؟؟



އަންހެންކުއްޖާ އިނީ ދިގުގޮނޑިއެއްގެ އެއްކޮޅުގައި ފޮތެއްކިޔާށެވެ. އެވަގުތު އެތަނަށް އައި ފިރިހެނަކު އެގޮނޑީގެ އަނެއްކޮޅުގައި އިށީނެވެ. އެވަގުތު އެއަންހެއްކުއްޖާ އެފިރިހެންމީހާއާއި ދިމާލަށް ނުރުހުމުގެ ފާޑަކަށް ބަލައިލައިފައި އަދިވެސް ދުރަށް ޖެހިލިއެވެ. ގޮނޑީގައި އިށީނުމަށްފަހު ފިރިހެންމީހާ ނެގީ ޗޮކްލެޓެކެވެ. ދެންފެނުނީ ފެއަށް ޖެހިލި އަންހެންކުއްޖާ އެފިރިހެންމީހާގެ ގައިގައި ތަތްވެފައި އިންދައެވެ. އޭރުވެސް ޗޮކްލެޓްކަމުންދިޔައީ ފިރިހެންމީހާއެވެ.

އަންހެންކުއްޖަކު ލެޕްޓޮޕެއްގެ އެހީގައި އިންޓަރނެޓަށް ވަނުމަށް މަސައްކަތްކުރަނީއެވެ. އެވަގުތު އެތަނަށް އައި ފިރިހެންމީހާއާއި ދިމާލަށް އޭނާ ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ. ދެން އަންހެންކުއްޖާގެ މޫނުމަތިން ފެނުނީ މާޔޫސީކަމެވެ. އެފިރިހެންމީހާވީކީއްތޯ އަހާލުމުން އެނގުނީ އިންޓަރނެޓް މޯޑެމްގައި ލާރިނެތްކަމެވެ. ދެން އެފިރިހެންމީހާ 100ރުފިޔާ އަތުންއަތަށް ފޮނުވާލައެވެ. އަންހެންކުއްޖާ އުފަލުން ހިނިތުންވެލައެވެ. ދެންދެމީހުން އެކުގައި ސަމާސާ ކުރަމުން ނެޓްގެތެރެއަށް ވަދެއެވެ.

ރެސްޓޯރެންޓެއްގެ ތެރޭގައި ހުރި 3 މޭޒުދޮށުގައި ތިންގުރޫޕް ތިބެއެވެ. އެއްމޭޒުދޮށުގައި ވަރަށް ޒަމާނީ ދެޒުވާނުންތިބެއެވެ. އަނެއްމޭޒުދޮށުގައި ތިބެނީ މުސްކުޅިފެޝަނުގެ ދެޒުވާނުންނެވެ. ތިންވަނަމޭޒުދޮށުގައި ޒުވާންއަންހެންކުދިންތަކެއް ތިބެގެން މިމުސްކުޅިފެޝަނުގެ ކުދިންގެ ކަންތައްތަކަށް ޖޯކްޖަހާ ހީނހަދަމުން ދިޔައެވެ. ދެންފެނިގެންދިޔައީ ފިރިހެންކުދިންގެ މޭޒުތަކަށް ޕިއްޒާ ގެންދެވުނުތަނެވެ. ޒަމާނީ ކުދިންގެ ޕިއްޒާއަށްވުރެ މުސްކުޅިފެޝަނުގެ ކުދިންގެ ޕިއްޒާ މާބޮޑެވެ. އެވަގުތު އެއަންހެންކުދިންތައް އެކުދިންތިބިތަނުން ތެދުވެގެން އައިސް ބޮޑުޕިއްޒާ އޮތް މޭޒުދޮށުގައި ޖައްސާލިއެވެ. މިކަމާ ޒަމާނީ ކުދިން ކަޑަވެފައި ތިބިއިރު މުސްކުޅިފެޝަނުގެ ކުދިންތިބީ ހިނިއައިސްފައެވެ.



މަތީގައި އަޅުގަނޑު ސިފަކޮށްފައިވާ ތިން މަންޒަރުވެސް ތިޔައިގެތެރެއިން ގިނަބޭފުޅުންނަށް ފެނިވަޑައިގެންފައިވާނެކަމަށް ހީކުރަމެވެ. އެތިން މަންޒަރަކީވެސް ދިވެހި ޓީވީ ޗެނަލަކުން ގިނަދުވަސްތަކެއް ވަންދެން ދެއްކި ތިން އިސްތިހާރެވެ. މިހާރުދައްކާކަމެއް ނޭނގެއެވެ. މިއިސްތިހާރުތައް ބޭނުންކުރެވިފައިމިވަނީ ކޮންމެވެސް ވިޔަފާރިއެއް/ ޚިދުމަތެއް ކުރިއެރުވުމަށްޓަކައެވެ. އެއިސްތިހާރުތައް ފެންނަމީހުންނަށް އެނގެންވީ އެއިސްތިހާރުކުރެވޭ ޚިދުމަތްތަކާއި ތަކެތީގެ މޮޅުކަމެވެ. ރަނގަޅުކަމެވެ. ބޭނުންތެރިކަމެވެ. އެހެންކަމަށްވިޔަސް އަޅުގަނޑަށް މިއިސްތިހާރުތަށް ފެނުމުން އެނގުނީ އެހެންކަމެކެވެ. އެއީ މުޖުތަމަޢުގައި އަންހެނުންގެ އަގުދަށްކަމެވެ. ނިކަމެތިކަމެވެ. ބަލިކަށިކަމެވެ. އެކަންކަން އަންގައިދޭން އަންހެނުން ފޫގަޅާފައި ނިކުމެތިބިތިބުން ރަމްޒުކޮށްދިނީ އެމީހުންގެ ވިސްނުމާއި ފިކުރުންވެސް އެކަމަށް އެއްބަސްވާކަމެވެ.

އިސްތިހާރަކުންނަމަވެސް ނުވަތަ އެނޫންގޮތަކުންނަމަވެސް ހިލޭ ފިރިހެނަކާއި އަންހެނަކު މައްލަވަކުރުމާއި ބީހިއުޅުމަކީ ދީނީގޮތުން ކުޑަކޮށްވެސް ރޯފިލާފައިވާ މީހަކަށް ކިހާވަރެއްގެ ކަމެއްކަން އޮޅިފައެއްނޯންނާނެއެވެ. އެހެންނަމަވެސް އެވާހަކަ އެހަށް ބާއްވާފައި މިވާހަކަ ދައްކަމާ ހިނގާށެވެ.

ޗޮކްލެޓަކަށްޓަކައި، ހިލޭ ފިރިހެނެއްގެ ގައިގައި އައްޓަމަހެއްހެން ތަތްވެގަންނަ އަންހެނެއްގެ އަގާއި ޢިއްޒަތާއި ކަރާމަތާއި ޝަރަފު ވަނީ ކިހާހިސާބެއްގައި ކަން އަޅުގަނޑަކަށް ބުނެދޭކަށް ނޭނގެއެވެ. އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި އެއީވެސް 'ހަށިވިއްކުމެވެ'. އޭނާގެ ހަށިގަނޑާއި އެހަށިގަނޑުގެ ހޫނުކަން ހިލޭފިރިހެނަކަށް އިޙުސާސްކޮށްދިނުމަކީ އެފިރިހެނަކަށް ލިބޭނެ ލައްޒަތަކަށް ހަމަގައިމުވެސް ނުވެއެއްނުދާނެއެވެ. އެކަމުގެ އަގަކަށް މިވަނީ ޗޮކެލެޓެކެވެ. ނުވަތަ އޭގެން އެތިކޮޅެކެވެ. އަނެކަކަށް ދެވުނީ 100ރުފިޔާއެވެ. ހަމަދެވުމާއެކު އެމީހާމިވީ ތިމާއާއި ބޭނުންވަރަކަށް މައްލަވަކޮށް ސަމާސާ ކުރެވޭ ފަދަމީހަކަށެވެ. އެކަމަކު އޭގެކުރިން އެއީ ނުދަންނަ ބީރައްޓެއްސެކެވެ. ދެން ބޮޑުޕިއްޒާ ފެނުުމުން އެދިމާއަށް ދުއްވައިގަންނަނީ ދަޢުވަތެއް ލިބިގެނެއްވެސް ނޫނެވެ. އެކަމަކުވެސް އެއަންހެންކުދިންނަކަށް އަދި ޕިއްޒާއަށް އޯޑަރުދިން ފިރިހެންކުދިންނަކަށްވެސް އެއީ މައްސަލައެއްނޫނެވެ. ޕިއްޒާ ކެއުމުގެ އަގަކީ އެއްމޭޒުދޮށެއްގައި ތިބެގެން ހީނސަމާސާކޮށްހެދުން އެކަނިކަމަށްވީ ނަމަވެސް އަންހެންކުދިންގެ ޖިސްމުތަކުން އެއޮތީ ޕިއްޒާކެއުމުގެ އަގު އަދާކުރެވިފައެވެ.  

މިމަންޒަރުތަކުން ސިފަކޮށްދެނީ މުޖުތަމަޢުގެ ޙަޤީޤީ ސޫރަކަމުގައިވާނަމަ ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ހިތާމަ މައްޗަށް ހިތާމަ ކުރަންމިޖެހެނީ މިފަދަ ބޭއަދަބީ ދަށްފެންވަރުގެ އިސްތިހާރުތަށް ކުޅެ ދުރަށް ދައްކަމުން މިގެންދަނީ މުސްލިމުންގެ ގައުމެއްގައި މުސްލިމުން ކަމަށް ވާތީއެވެ. އަދި މުސްލިމް ގައުމެއްގެދައުލަތުގެ ޓީވީ އިން ކަމަށް ވާތީއެވެ. މިފަދަ އިސްތިހާރުތައް ކުޅެ އާއްމުކުރުމަކީ ލިބޭ ފަޚުރެއްކަމަށް މިގައުމުގެ މުސްލިމް އަންހެންދަރިން ދެކޭތީއެވެ.

ވިޔަފާރިވެރިންނާއި ކުންފުނިތަކުން އަންހެންކުދިންގެ ހަށިތަށް އެމީހުންގެ ވިޔަފާރިކުރިއެރުވުމަށް ބޭނުންކުރާކަން އެއީ އަންހެނުން ނިކަމެތިކުރެވިފައިވާ މިންވަރު ވަރަށް ރަނގަޅަށް ދައްކައިދޭ ހެއްކެކެވެ. މިދެންނެވުނު އިސްތިހާރުތަކާއި އަދި މިނޫންވެސް އިސްތިހާރުތަކުގައި އަންހެންކުދިންގެ ޖިސްމުތައް ބޭނުންކުރެވެއެވެ. އެކަންކުރެވެނީ ހަމައެކަނި ހެދުމާއި ފައިވާނާއި ގަހަނާ އިސްތިހާރުކުރާކަށް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ކޮންމެ ފަދަ ވިޔަފާރިއެއްގައި ކޮންމެފަދަ އާލާތެއް އިސްތިހާރުކުރަންވިޔަސް އަންހެންކުދިންގެ ހަށިތައް ބޭނުންކުރެވެއެވެ. އެއީ ވަޑާމުގެ ސާމާނުކަމަށްވިޔަސް، ގެދޮރު ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތިކަމުގައިވިޔަސް އަދި އިންޖީނަށް އަޅާ ތެޔޮކަމުގައިވިޔަސް ކަންހުރީ މިފަދައަކުންނެވެ.

އިސްތިހާރުތަކުގައި އަންހެންކުދިން ބޭނުންކުރުމުން އަމައެކަނި ނިމުނީއެއްނޫނެވެ. އިސްތިހާރުތަކުގައި ބޭނުންކުރެވޭ އަންހެންކުދިންގެ ހަށިގަނޑު ވީހާވެސް ބޮޑަކަށް ހާމަކުރުމަށްވެސް ސަމާލުކަންދެވެއެވެ. ބައެއް އިސްތިހާރުން ފެންނަ އަންހެންކުދިންގެ އޮރިޔާންކަން ބޮޑުކަމުން އެއީ ދިވެހި އަންހެންކުދިންނަކަށް ނުވާނެޔޭ ހީވާ ފަހަރުވެސް އާދެއެވެ. އެހެންނަމަވެސް ހިތާމައަކީ އެއީ ދިވެހި އަންހެންކުދިންނަށް ވާކަމެވެ. އަދި އެމަންޒަރުތައް ދިވެހި ސިޓިންގރޫމް ތަކުގެ ޓީވީތަކަށް ވާޞިލުވާކަމެވެ. ދިވެހި ޢާއިލާތަކުގެ ކުރިމަތީގައި ހާމަކުރެވޭކަމެވެ.

އޭ މިގައުމުގެ ލޮބުވެތި އަންހެންދަރިންނޭވެ. ތިޔަކަނބަލުންނަށް ﷲ ދެއްވާފައިވާ ފުރިހަމަ ޖިސްމުތަކާއި ސިފަތަކުގެ އަގަކީ އެއްއިރު ކާލުމުން ބޭރުކަރުދާސްގަނޑު ފިޔަވައި އިތުރުއެއްޗެއްނޯންނަ ޗޮކްލެޓަކީ ހެއްޔެވެ؟ ނުވަތަ ޕިއްޒާއަކީ ހެއްޔެވެ؟ ނުވަތަ ފައިސާކޮޅަކީ ހެއްޔެވެ؟ އަގުބޮޑުތަކެއްޗަކީ ލޮލަށް ތަދު ފަސޭހައިން އަތްނުލެވޭ ތަކެތިކަން އެނގިނުލައްވާތޯއެވެ؟ އަގުބޮޑެތި ޖަވާހިރާއި މުތީތަށް މަގުމަތީގައި އުކާލެވިފައި ބޭނުން މީހަކު އައިސް ނަގާ ކުޅެހަދާން ހުރޭތޯއެވެ؟ ތިޔަކަނބަލުންނަކީ ދީނުގައި ޤަދަރާއި ޝަރާފަތާއި މާތްކަން ދެވިފައިވާބައެކެވެ. އެކަން ތިކަނބަލުން ނުދަންނަނަމަ ދެން ދަންނާނީ ކޮންބައެއްތޯއެވެ؟

ނިންމާލަމުން މުޅިން ތަފާތުވާހަކައެއް ދަންނަވާލާނަމެވެ. އެއީ ދާދިފަހުން ފެނުން އިސްތިހާރެއްގެ ވާހަކައެވެ. ބަންގިގޮވަމުން ދިޔަވަގުތު މީހަކު ބޫޓަށް އަރައިގެން ކުޅެން(ނުވަތަ ދުވަން) ނިކުންނަނީ އެވެ. ނަމާދުނުކޮށް ދާތީ އެކަން ހަނދުމަކޮށްދިނުމުން ފަހުން ކުރާނަމޭ ބުނެފައެވެ. އެހެންމީހަކާއެކު ސައިކަލެއްގައި ކުޅޭތަނަށްދެވުމާއެކު ސައިކަލުން ފައިބައިގެން މަގުހުރަސްކުރަން ހިނގައިގަނެވެ. ދެންފެންނަނީ ދުއްވާ އެއްޗެއްގައި ޖެހި މީހާ ވިއްސައިގެން ދާތަނެވެ. މިއިސްތިހާރުން އަންގައިދެނީ ކޮންމެ ވަގުތަކުވެސް މަރު ވެދާނެކަމެވެ. ކޮންމެއަކަސް އިސްތިހާރުނިމިމުން އަޅުގަނޑަށް އިނދެވުނީ ބަސްހުއްޓިފައެވެ. އެއީ މުޅިން އަލަށް މިފަދަ މެސެޖެއް އިސްތިހާރެއްގެ ސިފައިގައި ދިވެހި ޓީވީއަކުން އަޅުގަނޑަށް ފެނުނީމައެވެ. ހިތާމައާއި އުފާ އެކުއެކުގައި އިޙުސާސްކުރެވެމުން ދިޔައެވެ. ހިތާމައަކީ ވޭތުވެ ދިޔަ ދިގު މާޒީގައި މިފަދަ އިސްތިހާރެއް ފެނިފައި ނުވާތީއެވެ. އުފާވީ އަލަށް ނަމަވެސް މިފަދަ މަންޒަރެއް ފެނުނީތީއެވެ. މާތްﷲ، އެއިސްތިހާރު ހަދާ ދުރަށްފޮނުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ރަޙުމަތްލައްވާ ފާފަފުއްސަވާށިއެވެ. އަދި އޭގެ ސަބަބުން ގިނަބަޔަކަށް ފައިދާވާނެގޮތް މެދުވެރިކުރަށްވާށިއެވެ. އާމީން.