Wednesday, November 16, 2011

"އޭޢަބުދުﷲ އެވެ. ފާޅުނުކުރައްޗެވެ."

  އިން ނަގާފައި"Stories from the Righteous Salaf"


"އަހަރެން  އެވަގުތު ހުރީ އިބުނު އަލްމުބާރަކު އަދި މުޢުތަމިރު ބިން ސުލައިމާނު އަރިހުގައި ތަރާސަސްގައެވެ. އެހިނދު ހަނގުރާމައަށް ތައްޔާރުވުމަށް ގޮވާލެވުނެވެ. ދެން ހަނގުރާމައަށް މުސްލިމުންނާއި ރޫމީންނިކުމެ ސަފުތައް ތަރުތީބުކޮށް އަތުރާލުމާއެކު ރޫމީންގެތެރެއިން ހަނގުރާމަވެރިއަކު ނިކުމެ އޭނާއާއި އިދިކޮޅަށް މީހަކު ނިކުމެ ހަނގުރާމަކުރުމަށް ގޮވާލިއެވެ. އެވަގުތު މުސްލިމު ހަނގުރާމަވެރިއެއްނިކުމެ އޭނާއާއި ކުރިމަތިލިއެވެ. އެހެންނަމަވެސް ރޫމީ ހަނގުރާމަވެރިއާގެ އަތުން މުސްލިމް ހަނގުރާމަވެރިޔާ ޝަހީދުވީއެވެ. އެވަގުތު ދެވަނަ ހަނގުރާމަވެރިއަކު މުސްލިމުންގެ ތެރެއިން ނުކުތެވެ. އޭނާވެސް ޝަހީދުވީއެވެ. މިގޮތަށް ހަމުސްލިމުން އޭނާގެ އަތުން ޝަހީދުވިއެވެ. ދެން އެކާފަރުކަލޭގެ މުސްލިމުންނާއި ކާފަރުންނާއި ދެމެދު ބޮޑާކަމާއި ކިބުރުވެރިކަމާއެކު ހިނގަހިނގާހުއްޓެވެ. އަދި އިތުރު މީހަކު ނިކުތުމަށް ދަޢުވަތު ދެމުން ދިޔައެވެ. ނަމަވެސް އެއްވެސް މުސްލިމަކު އޭނާގެ ކުރިމައްޗަކަށް ނުނިކުތެވެ. އެވަގުތު އިބުނު އަލްމުބާރަކު އަހުރެންނާއި ދިމާއަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ. "އަހަރެން މަރުވެއްޖެނަމަ މިވެނި މިވެނި ގޮތަކަށް ކަންތައް ކޮށްދޭށެވެ." މިހެން ވިދާޅުވުމަށްފަހު އެރޫމީ ކަލޭގެއާއި ހަނގުރާމަކުރެއްވުމަށް އޭނާގެ ކުރިމައްޗަށް ނިކުމެ ވަޑައިގެންފިއެވެ. އަދި އިރުގަނޑަކު ހަނގުރާމަކުރެއްވުމަށްފަހު އެރޫމީ ކަލޭގެ ޤަތުލުކޮށްލެއްވިއެވެ. އަދި ދެވަނަ މީހަކަށް ހަނގުރާމައަށްދަޢުވަތު ދެއްވިއެވެ. އިބުނު މުބާރަކު ރޫމީންގެ ހަމީހުން ޤަތުލުކުރެއްވިއެވެ. އަދި އިތުރު މީހެއްގެ އިންތިޒާރުގައި ހުންނަވާފައި މީހަކު ނުނިކުތުމުން މުސްލިމުންގެ ސަފުތަކުގެތެރެއަށް ވަދެވަޑައިގެން ނިވައިވެ ވަޑައިގެންނެވިއެވެ. އަދި ކުރިންވެސް ހުންނެވި ތަނަށް ވަޑައިގެން އަހުރެންނަށް ވިދާޅުވިއެވެ. 'އޭ ޢަބުދުﷲ އެވެ. އަހުރެން ދިރިދުނިޔޭގައި ހުރިހާދުވަހަކު މިއަދު މިފެނުނު ކަންތައްތަކުގެ ވާހަކަ އެއްވެސް މީހެއްގެ ގާތު ނުބުނައްޗެވެ.' "

 ޔާ ﷲ އަޅަމެންނަކީ ދެއްކުންތެރިކަމެއްނެތް،  އިބައިލާހަށް އިޚުލާޞްތެރިކަމާއެކު އަޅުކަންކޮށްއުޅޭ ބައެއްކަމުގައި ލައްވާނދޭވެ. އާމީން

Friday, November 4, 2011

حياتى كلها لله ..

މީ މިހާރަކަށް އައިސް ރޭޑިޔޯއެޓޯލް އިން އެންމެ ގިނައިން އިވޭ އެއް މަދަޙައެވެ.  އަޅުގަނޑަށް ވަރަށް ކަމުދާ ރީތި މަދަޙައެކެވެ.  .  ތިރީގައިމިވަނީ އެމަދަޙައިގެ ޅެމެވެ. 

حياتى كلها لله .. فلا مولى لنا الاه
احب الله جل علاه .. ومن حبى له اخشاه
اصون النفس احميها .. بنور الله اهديها
بحب الله اسقيها .. لتفرح عندما تلقاه
حياتى كلها لله .. حياتى كلها لله
اذا ما الحب لم يسبى .. فؤاد المؤمن الصب
فوا اسفاه على القلب .. لان الزيف قد غشاه
حياتى كلها لله .. حياتى كلها لله          
يقيني بين جنبيا .. واسعى بالهدى سعيا
كفانى اننى احيا .. وامضى فى سبيل الله
حياتى كلها لله .. حياتى كلها لله
اذا جادت ليا الدنيا ... واسقتنى المنى ريا
ستبقى بين كفيا .. ويبقى خافقى لله
حياتى كلها لله .. حياتى كلها لله


މަދަޙަ ޔޫޓިއުބުން އައްސަވާ ލެއްވުމަށް




Thursday, November 3, 2011

ރޯދައަށް އެންމެންވެސް ތައްޔާރުވެއެވެ. އެކަމަކު އެކި ގޮތްގޮތަށެވެ.




ދީނީ ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭގޮތުގައި ރަސޫލު(ޞައްލަﷲޢަލައިހި ވަސައްލަމް)ގެ ލޮބުވެތި ޞަޙާބީން ރޯދަމަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިއްޕެވުމަށް ގަދައަޅުއްވާ މަސައްކަތްކުރައްވައެވެ. މިގޮތުން ރޯދަމަހުގެ ކުރިއަށް އޮންނަމަސްތަކުގައި ރޯދަމަސް އަންނަންދެން ދުނިޔޭގައި ލަހައްޓަވާ ރޯދަމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ތައުފީޤުދެއްވުން އެދި ﷲއަށް ދަންނަވާކަމުގައި ވެއެވެ. ރޯދަމަސްއައުމުން އަޅުކަމުގައި ހީވާގިވެލެއްވުން އެތައްގުނައަކަށް އިތުރުކުރައްވައެވެ. އަދި ރޯދަމަސް ދިއުމުން ރޯދަމަހުގައި ކުރެވުނު އަޅުކަންތައް ﷲގެ ޙަޟުރަތުގައި މަޤުބޫލު އަޅުކަންތަކަކަށްވުން އެދި ދުޢާކުރެއްވުމުގައި ދެމިތިއްބަވައެވެ.

އަޅުގަނޑުމެންގެތެރޭގައިވެސް ރޯދަމަހާއި ގުޅިގެން މިފަދަ ހަމައަކުން ރޯދައަށް ތައްޔާރުވާބައިވަރުމީހުން އެބައުޅެއެވެ. އެކަމަކު ކުރިންދެންނެވުނު އަޞްޙާބުންނާއި އެއްފަދަ އުޞޫލެއްބޭނުންކުރިއަސް އެމީހުން މިކުރަނީ އަޞްޙާބުންކުރެއްވިކަހަލަ ޢަމަލުތަކެއްނޫނެވެ. މިބައިމީހުންވެސް ރޯދަމަހުގެ ކުރިއަށް އޮންނަ މަސްތަކުގައި ރޯދަމަސް އަންނަންވާއިރަށް ވަރަށްގިނަ ތައްޔާރުތައް ވޭމެއެވެ. މިސާލަކަށް މުނިފޫހިފިލުވުމުގެ ދާއިރާއަށް ބަލާލަމާހިނގާށެވެ. އެދާއިރާއިންއެންމެ މަޝްހޫރު އުފެއްދުމަކަށް ވެފައި މިއޮންނަނީ "އެހަނދާނެވެ". މިކަމުގައި އުޅޭމީހުން މިވިސްނަނީ ރޯދަމަހު ކިޔާނީ ކޮންލަވައެއްތޯއެވެ؟ ސްޓޭޖަށް އަރާ ލައްވާނީ ކޮންކަހަލަބަނޑިތަކެއްތޯއެވެ. ސްޓޭޖަށް އަރާނީ އަނެއްޖިންސުގެ ހިލޭ މީހުންގެ ތެރެއިން ކާކުގެ އަތުގައި ހިފައިގެންތޯއެވެ. އަޅާނީ ކޮންކަހަލަ ހެދުމެއްތޯއެވެ. (ފިރިހެނެއްވިއްޔާ ހަށިގަނޑުގެ ވީހާވެސް ބޮޑުބައެއް ނިވާ ކުރުމަށް ސަމާލުކަންދޭނެއެވެ. އަންހެނެއްވިއްޔާ ހަށިގަނޑުގެ ވީހާވެސް ބޮޑުބައެއް ހާމަކުރުމަށް އިސްކަންދޭނެއެވެ.) ކުޅޭނީ ކޮންކަހަލަ މިއުޒިކެއްތޯއެވެ. "ހަނދާން އާކުރާނީ" މަރުވެގޮސްފައިވާ އަހަރުމެންގެ އަޚުންނާއި އުޚުތުންގެ ތެރެއިން ކާކުގެ ތޯއެވެ؟ ދެން މިކަންކަމަށް ގޮތްތަކެއް ކަނޑައެޅުމަށްފަހު ދެން އެވީ ތައްޔާރީތައްފަށާށެވެ.

މިކަންކަމުގައި ތިމާމެންގެ މުދަލާއި ވަގުތު އިސްރާފުކުރުމުގައި ހޭބޯނާރާ އުޅެއުޅެތިއްބާ ރޯދަމަސް އައިސް ޖެހިދެއެވެ. ދެން އެވީ ސްޓޭޖްތަކުގަޔާއި ސްޓޫޑިއޯތަކުގައި އެމީހެއްގެ ހުރި ފެންވަރަކާއި ފަންވަރެއް ދައްކާށެވެ. ޙަރާމެއް ޙަލާލެއްބެލުމެއްނެތި ރޯދަމަހުގެ މާތް ރޭތަކާއި ދުވަސްތައް މިކަންކަމުގައި އެވެރިން ބޭކާރުކޮށްލައެވެ. އެތަންތަނަށް ނާރާތިބިއެންމެންހެން އެވެރިންގެ އެކުޅިވަރު އަޑުއެހުމާއި ބެލުމުގައި ވަގުތުތައް ދުއްވާލައެވެ. (އެންމެ އިސް ސަފުގައި ބަލަން އަދި އަތްޖަހަން ތިބޭނީ މައިންބަފައިންނެވެ. އިނދެގެން އުޅޭމީހާއާއި ދަރިންނެވެ. އެއްބަޑުއެއްބަފާ އަޚުންނާއި އުޚުތުންނެވެ. އަދި މިނޫންވެސް ޢާއިލީގޮތުން ގާތް މީހުންނެވެ .) މީގެ އިތުރަށްވެސް އެތައްކަމެއް ރޯދަމަހަށްޓަކައި މިދާއިރާގެ މީހުން ފޫގަޅައެވެ. ބަދުއަޚުލާޤީ ޢަމަލުތަކަށް ހިތްވަރުދޭނޭ އާވީޑިއޯލަވަތަކާއި ތަފާތު ޑުރާމާތައް ރާވާ، އުފައްދާ އޮފުއަރުވާ އޮމާންކުރެތެވެ. އަދި ރޯދަމަސް ފެށުމާއެކު މިތަކެތި މީހުންނަށް ޓީވީ ބަލަން އެންމެ ފަސޭހަވާނޭ ވަގުތުތަކުގައި އެންމެ ގިނަމީހުން މަސައްކަތްތަކުން ހުސްވާ ވަގުތުތަކުގައި ބަލަން ބޭނުންވާ އެންމެންނަށް ހިލޭ ފޯރުކޮށްދެއެވެ. ރޯދަމަސް ނިމިގެންދާއިރު މިފަދަ ލަވައިގެ ވިހިބާވީސް ލަވަޔާއި ހަތަރުފަސް ޓެލެޑްރާމާ ބަލައިލުމުގެ ފުރުޞަތު މިވެރިން އެންމެނަށް ހޯދައިދެއެވެ.

ދެން ރޯދަމަސް ނިމުމުން ވަނީ ކިހިނެތްތޯއެވެ. ދެންނިކުންނާނީ ރޯދަމަހު މިކުރެވުނު މޮޅެތި ކަންތައްތަކުގެ ރެކޯޑިންގއެވެ. އޯޑިއޯ އަދި ވީޑިއޯ ސީޑީއާއި ވީސީޑީ އާއި ޑީވީޑީ ތަކެވެ. ރޯދަމަހު މިތަކެތީގެތެރޭގައި އުޅުނު އެންމެން މިތަކެތި ގަންނާނެއެވެ. ދެންއޮންނާނީ މިތަކެތި ރެއެއް ދުވާލެއްނެތި ތަކުރާރުކޮށް ބެލުމާއި އަޑުއެހުމެވެ. މަގުމަތިންނާއި ގޭގޭތަކުން، އޮފީސްތަކުންނާއި މަދަރުސާތަކުން ނުވިތާކަށް މިސްކިތްތަކުންވެސް (މޯބައިލްފޯނުގެ ޒަރީޢާއިން) އިވޭނީ އެއަޑުތަކެވެ. ފެންނާނީ އެމަންޒަރުތަކެވެ. މިހާރުމީ "އެދިގެންމިރޭ" ދާންޖެހޭ ދުވަސްވަރެވެ. "ނަންއެދުނަސް" ހޯދާލަންޖެހޭ ވަގުތެވެ. ކުރާނީކީއްތޯއެވެ؟ އަޑުއަހަން ބޭނުންނުވިޔަސް ގެއިންބޭރަށް ނިކުމެއްޖެނަމަ މިނޫންއަޑެއް ކަންފަތަކަށް ނީވެއެވެ. ފަސޭހައިން ލޯމަރާލެވުނަސް ކަންފަތް ބަންދުކުރުމަކީ ފަސޭހަކަމެއްނޫނެވެ. އެތަނަކަށް ދިއުމުން މިފަދައަޑެއް ނީވޭނެކަމުގެ ޔަޤީންކަމާއެކު ދާނޭތަނެއް ކަށްވަޅު ނޫނީ ވާހެނެއް އަޅުގަނޑަކަށް ހިޔެއްނުވެއެވެ. މިތަކެތި އަޅުގަނޑުމެންގެ ތެރެއަށް ފެތުރިފައިވަނީ އެހާވެސް ބޮޑަށެވެ. ދެން "އެދިގެންމިރޭ" ދިއުމުގެ މަސްތުގައި ދެން އަންނަ ރޯދަމަސް އަންނަންދެން ހުރިހާ އެންމެންހެން ތިބޭނެއެވެ. އެހާރުން އަލަށް ދެންދައްކާނެ ކުލަޔަކާއި މަންޒަރަކާއިގެން އެވެރިން ހޭބޯނާރާ އުޅޭނެތެވެ. ބުރުފުރިހަމަވީއެވެ. އަނެއްބުރުފަށަންވީއެވެ. އަނެއްކާވެސް އާމަސްތަކެވެ. އާކުލަތަކެކެވެ. ކޮންމެ ރޯދަމަހަކީ މުނިފޫހިފިލުވުމުގެ ޢީދެކެވެ. ނަވާވީސް ނުވަތަ ތިރީސް ދުވަހުގެ ޢީދެކެވެ. މިޢީދަށް ތައްޔާރުވާންށާއި ކުޅިވަރުހުށައެޅުމަށް ރޯދަމަހާއެކު ހަމަސްދުވަހެވެ. އެކުޅިވަރުތަކުގެ މަސްތުގައި ދެންއޮތް ހަމަސްދުވަހެވެ. މިއީ އަޅުގަނޑުމެންގެ ގިނަމީހުން ރޯދަމަހަށް ތައްޔާރުވެ އެމަހާ ބައްދަލުކޮށް އަދި އެމަސްފާއިތުވެދިއުމުން އަމަލުކުރާގޮތެވެ.

މިހާރު ރޯދަމަސްނިމުނުފަހުން ދެމަސް ފާއިތުވީއެވެ.  "ނަންއެދުނަސް" ހޯދަން އަދި ކިރިޔާ ފެށުނީއެވެ. ހަމަގައިމުވެސް ދެން އަންނަ ރޯދަމަހާއި ހަމައަށް އެމަސައްކަތް ކުރިއަށް ދާނެއެވެ.

Wednesday, November 2, 2011

ޙައްޖުދުވަހުގެ ބޭނުން ކުރެވެނީ ކޮންގޮތަކަށް



ދީނީ އިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު ޢަރަފާތްދުވަހަކީ ނުވަތަ ޙައްޖުދުވަހަކީ ކިހާވަރެއްގެ މާތް މަތިވެރި ދުވަހެއްކަން ދެނެގަންނާކަށް ދައްޗެއްނުވާނެއެވެ. ޙައްޖުދުވަސްކަމުގައިވާ ޛުލްޙިއްޖާ މަހުގެ 9ވަނަދުވަހަކީ ޙައްޖުވެރިން މާތްވެގެންވާ ޢަރަފާތު ބިމަށް އެއްވާ ދުވަހެވެ. އަދި ޙައްޖުދުވަހާއި އެދުވަހުގެ ކުރިއަށް އޮންނަ އެމަހުގެ ފުރަތަމަ އަށްޑުވަހަކީ އަޅުކަންކޮށް ހެޔޮޢަމަލުކުރުމަށްޓަކައި ވަރަށް ޚާއްޞަ ދުވަސްތަކެކެވެ.

މިގޮތުން ބަލާއިރު ޙައްޖުވެރިންފިޔަވައި އެހެންމީހުންނަށް ޙައްޖު ދުވަހަކީ ސުންނަތްރޯދަހިފުމަށް އަހަރުތެރޭގައިއަންނަ އެންމެ މުހިއްމުދުވަހެވެ. ޙައްޖުދުވަހު ހިފާރޯދައަކީ އެރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރާއި އަންނަންއޮތް އަހަރުގެ ފާފަތައް ﷲ ފުއްސަވައިދެއްވާނޭ ކަމެއްކަމުގައި ރަސޫލު (ޞައްލަﷲޢަލައިހިވަސައްލަމް) ގެ ޙަދީޘްފުޅުގައި އައިސްފައިވާ ކަމަށް ޢިލްމުވެރިންވިދާޅުވެއެވެ. ވިސްނަވާލަބައްލަވާށެވެ. އެންމެ ދުވަހެއްގެ ރޯދައަށް ކިހާބޮޑު އަދި ކިހާމަތިވެރި އަޖުރެއްތޯއެވެ؟ ﷲއަކުބަރު. ﷲގެ އޯގާވަންތަކަމާއި ދީލަތިވަންތަކަމުގެ ބޮޑުކަމާއެވެ. ހެޔޮކަމާއި ދަރުމަޔާއި ޘަވާބަށް އެދޭމީހަކަށް ކޮންފަދަ ރަނުގެ ފުރުޞަތެއްތޯއެވެ؟

އަދިވެސް ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭގޮތުގައި އަހަރުތެރޭގައި އެންމެގިނަބަޔަކު ނަރަކައިން މުއްތިކުރެއްވެނީވެސް އެދުވަހުއެވެ.  ނަރަކައިން މިންޖުވެވި ސުވަރުގޭގެ އަހުލުވެރިންގެތެރޭން ވާން ނޭދޭނީ ކާކުތޯއެވެ؟ އެހެންކަމަށްވުމާއެކު އެމާތް މަތިވެރި ދުވަހު ޣާފިލުކަމުގައި ނުހުރެ އެންމެފުރިހަމަގޮތުގައި އެދުވަހުގެބޭނުން އިޚުލާޞްތެރިކަމާއެކު ހިފައިފި މީހަކަށް ހުރި ދަރުމައެއްގެ ބޮޑުކަމާއެވެ. ޝައްކެއްނެތެވެ. ވިޔަފާރިވެރިންނާއި އެހެނިހެން މީހުންވެސް އާމްދަނީ އިތުރުކޮށް ގިނަފައިސާ ހޯދުމަށްޓަކައި ވިޔަފާރި ރަނގަޅުވާ މޫސުމް މޫސުމަށް ވިސްނާ ސަމާލުވެ އެފަދަ ދުވަސްތައް އައުމުން މަސައްކަތްކުރާވަރު އިތުރުކޮށް ގިނަފައިސާ އާއި މުދާ ހޯދައެވެ. ދުނިޔޭގެމިފަނާވަނިވި އަރާމާއި މުދާ އެއްކުރުމަށް މިހާބޮޑު ސަމާލުކަމެއްދެވޭއިރު ފަނާވުމެއްނެތް ދުނިޔޭގެ، ޔަޢުނީ އާޚިރަތުގެ އަރާމާއި އުފާ ހޯދުމަށް އަޅުގަނޑުމެން ސަމާލުކަމެއް ނުދެމުއެވެ.
އަޅުގަނޑުމެން ދިވެހިން ޙައްޖުދުވަސް ފާހަގަކުރޭތޯއެވ؟ އެދުވަހުގެ ބޭނުން ހިފާތޯއެވެ؟ އާނއެކެވެ. ހިފައެވެ. އެހެންނަމަވެސް އަޅުކަން ކުރާކަށް ނޫނެވެ. ގިނަބަޔަކު އެދުވަސް ބޭނުންކުރަނީ ޢީދުގެ ކުޅިވަރުތައް ފަށާ ދުވަހުގެ ގޮތުގައެވެ. ޢާއްމުކޮށް ޢީދުޗުއްޓީއަށް ބަންދުވަނީ ފަސްދުވަހެވެ. ޙައްޖުދުވަހާއި، ޢީދުދުވަހާއި އައްޔާމުއްތަޝްރީޤުގެ ތިންދުވަހެވެ. ބައެއްޙާލަތްތަކުގައި ހަފުތާބަންދުގެ ސަބަބުން ދުވަސް އިތުރުވޭމެއެވެ. ބޮޑުޢީދުބަންދަކީ މިހާރަކަށްއައިސް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ތަފާތު ގިނަގުނަ ކުޅިވަރު މުބާރާތްތައް އިންތިޒާމްކޮށް ކުރިއަށް ގެންދެވޭ ދުވަސްތަކެކެވެ. ޢީދުގެ ބަންދުގެތެރޭގައި މުބާރާތްތައް ނިންމުމަށްޓަކައި 'ޓައިޓް ޝެޑިއުލް' އެއްގެ ދަށުން މުބާރާތްތައް ރާވާ، ޙައްޖުދުވަހަކީވެސް ކުޅިވަރުގެ ދުވަހެއްކަމުގައި ހަދައެވެ. އެހެންކަމުން ދެއަހަރުގެ ފާފަފުއްސެވޭނެ ސަބަބުކަމުގައިވާ ޙައްޖުދުވަހުގެ ރޯދަ ހިފުމުގެ ބަދަލުގައި އެތައްބަޔަކު އެދުވަސް ބޭކާރުކޮށްލަނީ ކުޅިވަރުގައެވެ. ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ؟

އެންމެހާ އަޚުންނާއި އުޚުތުންނޭވެ. ގައިބާރުގަދަ ޒުވާނުންނޭވެ. ޙައްޖުދުވަހަކީ ކުޅިވަރުގެ ދުވަހަކަށް ނުހަދާށެވެ. އެއީ އަޅުކަމުގެ ދުވަހަކަށް ހަދަމާހިނގާށެވެ. ރޯދައިގެ ދުވަހަކަށް ހަދަމާހިނގާށެވެ. އެދުވަހު ނަރަކައިން މުއްތިކުރެވޭ މީހުންގެ ބައިގައި ވުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަމާ ހިނގާށެވެ. އެކަމަށްޓަކައި އަތުކުރި އޮޅާލަމާހިނގާށެވެ. އެކަން ކާމިޔާބުކުރެވޭނީ ކުޅިވަރުގެ ޙަރަކާތްތައް އެދުވަހު ބާއްވައިގެނެއްނޫނެވެ. ސްޓޭޖްޝޯވތައް އިންތިޒާމުކޮށް ސްޓޭޖްހަދާ އެކަމަށް ފަރިތަކޮށްގެނެއްނޫނެވެ. ފާޑުފާޑުގެ ކެއުންތަކާއި ބުއިންތައް ތައްޔާރުކޮށް އެތަކެތި ބޭނުންކޮށްގެނެއްނޫނެވެ. ޕާޓީތަކާއި އެއްވުންތަކާއި ޙަފުލާތައް އެދުވަހަށް ޚާއްޞަކޮށްގެންނެއްނޫނެވެ.


ޝައްކެއްނެތެވެ. ޢީދަކީ ﷲގެ މަތިވެރި ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ދުވަހެވެ. މަގުމަތީގަޔާއި ބާޒާރުތަކުގައި އަދި މިސްކިތްތަކާއި ގޭގެތަކުގައި ﷲއަށް ތަކުބީރުކިޔުމުގެ ދުވަހެވެ. އެއީ އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުކޮށް، ޒިޔާރަތްކޮށް ތަހުނިޔާކިޔުމުގެ ދުވަހެވެ. ކުޅިވަރުކުޅުމާއި އުފާފާޅުކުރުމުގެ ދުވަހެވެ. މީރުބުއިންތަކާއި ކެއުންތަކުގެ ދުވަހެވެ. އެކަންކަމަށްޓަކައި ޢީދުދުވަހާއި އައްޔާމުއްތަޝްރީޤުގެދުވަސްތަކުގައި ރޯދަހިފުން އެވަނީ މާތްﷲ ޙަރާމްކުރައްވާފައެވެ. އެހެންކަމަށްވުމާއެކު އެދުވަސްތައް އެކަންކަމަށް ހުސްކުރަމާ ހިނގާށެވެ. އަދި ޢީދުގެ ކުރިން އޮންނަދުވަހު އެކަމަށް ޚާއްޞަ ވެގެންވާ އަޅުކަމަށްޓަކައި ހުސްކުރަމާހިނގާށެވެ. ހަމަކަށަވަރުންވެސް އެދުވަހުގެ ރޯދައިގައިވަނީ ބޮޑުވެގެންވާ ކާމިޔާބާއި ފަލާޙެވެ.