Monday, May 26, 2014

މިއީ އަހަރެންގެ ދުޢާއެވެ

 

ޔާއިލާހީ އަޅަމެނަށް އަދު  ދައްކަވާންދޭ ތެދުމަގަށް މަގު
ދާއިމީ ނަޞްރަށް އަދައިދެއް ވުން އެދޭ މީކަންކަމޭ އަޅު
އަސްލަކީ އިސްލާމްދީނުގެ   މާތްވި ޤުރުއާނާޙަދީޘްކަން
ދަސްވެއެކަމާމެދުޔަޤީންކޮށްފަސްނުޖެހި އެމަގުން ދެވޭވަރު
ބިދުޢަޔާއި ޚުރާފަތާއެކު    އަނދިރިޖާހިލުކަމުތެރޭގައި
މިދުނިޔޭގައިގެއްލިނުމެގޮސް ހެޔޮމަގަށް  ވާޞިލުވެވޭވަރު
ފަތިހުފަތިހާ ހާގޮވާހިނދު ތަންމަތިން ހަށިގަނޑުމަފޭކޮށް
މަތިވެރިވިރައްބުލްޢުލާއަށްސަޖިދައަށް ތިރިވުމުގެ ހިތްވަރު
އިސްޖަމާޢަތްފަސްނަމާދުގެ  ލަސްނުވާހެން ވަގުތުޖެހުމުން
މިސްކިތަށް ޙާޟިރުވެގަޑިއަށް ބިސްމިޔާއެކުގައި ފެށޭވަރު
ދުނިޔެދައްކާދަޅަތަކަށްފަރި     ކުޅިވަރާމަޖަލުގެތެރޭގައި
ކަނިވެހުޅުކޮޅުއަނދިރިއާއެކުގެއްލިނުމެގޮސް މުޅިފުރާވަރު
ވެރިކަމާ ބާރާއި މުދަލާ    ހޯދުމަށްއުޅުމުގެ  ބަދަލުގައި
މެރިދެލޯދިއުމުގެކުރިން ހަމަ ޙައްޤުމަގުގައި ފައިއެޅޭވަރު
މަސްތުވާ ރާޔާ ޖުވާފަދަ ކަސްތޮޅެއްގައިބަނދެވިގެންގޮސް
              އަސްލު އޮޅުވާލާ ޙަޤީޤީ  ފަސްވެބުއްދި މަގޭ  ނުދާވަރު
ހެޔޮކަމެއްކަމުގައިނުވާފަދަ   ކަންކަމަށް    އެއްބާރުލާފާ
              ހެޔޮމަގުންނުދެވޭނެނަމަ ހުންނަންއެދެން  ފޭގާވެގެންދުރު
ކޮންމެގަޑިއެއްކޮންމެމިނިޓެއް އޮތްރަނގަޅުގޮތުގައިބަލައިގަނެ
              ކޮންމެދުވަހެއްހޭދަކޮށް ތައް ޔާރުވުން  އައުމުގެކުރިންމަރު

Tuesday, March 4, 2014

ބިސްމި ނުކިޔާ ގުރޫޕުގެ ބޮޑުމީހާ

"މިހިރަ އަންނަނީ ބިސްމި ނުކިޔާ ގުރޫޕުގެ ބޮޑުމީހާ"
މޫސަ އާއި އަލީ މަގުކަނުން ލަނބާލުމާއެކު އެތާ ބަހައްޓާފައި ހުރި ޖޯލިފައްޗެއްގައި ތިބިބައެއްގެ ތެރެއިން އެކަކު ބުނިއަޑުއިވުނެވެ. އެވަގުތު އަލީ ކުޑަކޮށް ހުއްޓި ހުރުމަށްފަހު ޖޯލިފައްޗާއި ކައިރިއަށް ޖެހިލިއެވެ.
"އަޅާނުލާ ހިނގާދާން" މޫސަ އަވަސްއަވަހަށް އެތަނުން ދިޔުމަށް ވިސްނިއެވެ.
"ނޫން. މިއަދު މީނާޔާއި ވާހަކަދައްކަން އެބަޖެހޭ" އަލީ ހަރުގޮތަކަށް ޖަވާބުދިނެވެ.
"އިބުރާހިމްބެ ތިޔަހެން ތިބުނީ އަހަރެންނާއި ދިމާލައްތަ؟" އަލީ އެހެންބުނިމީހާއަށް މުޚާތަބު ކުރިއެވެ.
"އާން!" ހީވާގޮތުން އިބުރާހިމްބެވެސް އެއިނީ ރަނގަޅަށް ތައްޔާރުވެގެންނެވެ.
"އެއީ ކީއްވެ؟" އަލީ އެހިއެވެ.
"އެއީ އަލީ އިމާމުވެ ނަމާދުކުރާއިރު އަލްޙަމްދުގެ ކުރިން ބިސްމި ނުކިޔާތީ" ޖޯލިފަތީގަ ދެންތިބިމީހުންވެސް މިޒުވާބަށް ވަރަށް ސަމާލުވިއެވެ. މީގެކުރިންވެސް އިބުރާހިމްބެ އެގޮތަށް އަލީއާއި ދިމާކުރެއެވެ. އެކަމަކު އަލީ އެއްވެސް ރައްދެއް ނުދެއެވެ. އެހެންނަމަވެސް މިއަދު މުޅިން ތަފާތެވެ.
"ކިހިނެއް އެނގެނީ އަހަރެން ބިސްމި ނުކިޔާކަމެއް؟"
"އެއީ ކިޔާ އަޑު ނީވޭތީ. އެހެންމީހުންއިމާމުވެ ނަމާދުކުރާއިރު ކިޔާއަޑުއިވޭވިއްޔަ"
"އިބުރާހިމްބެ މެންދުރުނަމާދުކުރާއިރު އަލްޙަމްދުކިޔަންތަ؟ ނޫނީ އިމާމު މީހާ ކިޔާތަ؟" ރަނގަޅު ޒުވާބެއް އަޑު އެހުމުގެ އުއްމީދުގައި ތަންކޮޅެއްދުރުދުރުގައި ތިބިމީހުންވެސް މިހާރު ޖޯލިފައްޗާއި ކައިރިއަށް ޖެހެންފެށިއެވެ.
"އާނ ކިޔަން އަދި އިމާމާވެސް ކިޔާ"
"އުނހު ނުކިޔާ" އަލީ ގެބަސްމަގުހުރިގޮތުން މޫސަވެސް މިހާރު ވަރަށް ކަންބޮޑުވެއްޖެއެވެ.
"އައްޔަށް ކިހިނެއް އެނގެނީ؟" އިބުރާހިމްބެ އެހިއެވެ.
" އެއީ އަހަރެން ބިސްމިނުކިޔާކަން އިބުރާހިމްބެއަށްވެސް އެނގުނުގޮތަށް.  އަޑުނީވޭތީ"
"ތިދެން ހާދަހެއްވާ ވާހަކައެކޭދޯ. ސިއްރުން ކިޔަންޖެހޭ ތަކެތި ކިޔާ އަޑެއްނީވޭނެއެއްނު"
"ދެން ބިސްމި؟" ކޮންމެވެސް މީހަކު އެތަނަށް ގެނެސްދިން ގޮނޑިއެއްގައި ރަނގަޅަށް ހަމަޖެހިލަމުން އަލީ އެހިއެވެ.
"ބިސްމިކިޔަންޖެހޭނީ ބާރަށް. އަލްޙަމްދު ބާރަށް ކިޔާނަމަ" އިބުރާހިމްބެ ވަރަށް ހަރުދަނާ އަޑަކުން ބުނެލިއެވެ.
"ކިހިނެއް އެނގުނީ އެކަން؟ "
"ކޮންކަމެއް؟"
"ބިސްމި ބާރަށް ކިޔަންޖެހޭކަން"
"ބަލަ މިއޮއްހުރިހާ ޒަމާންވަންދެންވެސް ބިސްމި ކީ ބާރަކަށްނު"
"އެހެންވީމާ؟"
"އެހެންވީމާ މިހާރުވެސް އެކަން އޮންނާނީ ހަމައެގޮތަކަށްނު؟" އެތަނުގަ މިހާރު ވިއްސަކަށް މީހުން ތިބޭނެއެވެ. އެދެމީހުންފިޔަވައި އެހެން މީހެއްގެއަޑެއް ނީވެއެވެ.
"އެތައް ޒަމާނެއް ވަންދެން ކަމެއް ވަކިގޮތަކަށް ކުރަމުން އައިތީ އެކަން އެއީ އެންމެރަނގަޅުގޮތަށް ވާންޖެހޭތަ؟"
"ރަނގަޅުގޮތަށް ވާތީއެއްނު އެކަން ކުރާނީ؟" އިބުރާހިމްބެ ހެކިދެއްކިއެވެ.
"އެހެންވިއްޔާ ޒިޔާރަތްތަކަށް މިހާރު މީހުން ނަދުރުބުނެ ނަހަދަނީ ކީއްވެ؟"
"އެއީ ޝިރުކެއްނު؟"
"ބަލަ މިއޮއްހުރިހާ ޒަމާންވަންދެންވެސް ނަދުރު ބުނެ ހެދިއެއްނު. ރަނގަޅުކަމަކަށްވާތީއެއްނު އެކަންކުރީ؟ ކީއްވެ އެކަން ހުއްޓާލީ؟"
"އެކަމަކާ މިކަމާ އޮތީ ކޮން ގުޅުމެއް؟"
"އެކަމަކާއި މިކަމާއި ގުޅުމެއްނެތް. އެކަމަކި ތިބުނީތާ ރަނގަޅުކަމަކަށް ވާތީއެއްނޫންހޭ ކުރާނީ. ކަމަކީ ރަނގަޅުކަމެއްކަން ސާބިތުކޮށްދޭން އެކަންކުރި މުއްދަތު އެއީ ޙުއްޖަތަކަށްވާނެތަ؟ ޙުއްޖަތަކަށްވަންޏާ ގޯސް އެއްވެސް ކަމެއްއޮންނާނެތަ؟"
"އެކަމަކު ރާއްޖޭގެބޮޑެތި ދަންނަބޭކަލުންވެސް ބިސްމި ކިޔައެއްނު ބާރަށް؟"
"ހަމައެގޮތަށް އިބުރާހިމްބެއަށް އެނގޭނެ ބާރަށް ބިސްމިނުކިޔުއްވާ ބައިވަރުދަންނަބޭކަލުންވެސް އުޅުއްވާކަން. އެހެންނު؟"
"އެހެންވިޔަސް ބިސްމި ބާރަށްކިޔުމަކީ މައްސަލައެއްނޫނެއްނު؟"
"ބިސްމި ބާރަށް ކިޔައިގެންނެއް އަހަރެންނެއް މައްސަލައެއް ނުޖައްސަން. ފާޑުފާޑުގެ ނަންނަމަކުންވެސް ނުގޮވަން އަދި އެފަދަ އިމާމުންގެ ފަހަތުގައި ނަމާދުނުކުރާކަށްވެސް ނޫޅެން. ބިސްމި ބާރަށް ނުކިޔައިގެން އަހަރެންނަށް ފާޑުފާޑުގެ ލަޤަބުތިދެނީވެސް އިބުރާހިމްބެ ތާ؟ ދެން އިބުރާހިމްބެ ބިސްމި ނުކިޔާގުރޫޕުގެ ބޮޑުމީހާގެ ނަން އަހަންނަށް ދިނީތީ  ދެތިން ސުވާލެއް ކޮށްލާނަން. ގެއިން ނުކުމެ ތީނީ ގެއިން ނިކުންނަމުން  ކިޔާ ދުޢާ ކީމުތަ؟" އިބުރާހިމްބެ ޖަވާބެއް ނުދިނެވެ.
"ގެއަށް ވަންނަމުން ކިޔާ ދުޢާ ކިޔަމުތަ؟"
"މިސްކިތަށް ވަންނަމުން ކިޔާ ދުޢާ ކިޔަމުތަ؟ މިސްކިތުން ނިކުންނަމުން ކިޔާދުޢާޔޯ" ފުލުފުލުގައި ޢަލީ ސުވާލުކުރިއެވެ.
"ކާންފެށުމުގެ ކުރިން ކިޔަން ޖެހޭ ދުޢާ ކިޔަމުތަ؟ ވުޟޫކުރަންފެށުމުގެ....."
ތި ސުވާލުތައް ކުރުމުގެ ބޭނުމަކީ ކޮބާ؟ އެންމެފަހުން އިބުރާހިމްބެ ޢަލީގެ ވާހަކަ މެދުކަނޑާލިއެވެ.
"އެނގޭތަ އެހުރިހާ ދުޢާއެއްގައިވެސް 'ބިސްމިﷲ' މިލަފުޒު ހިމެނޭކަން؟ އަދި ކޮންމެ ރަނގަޅު، ރިވެތިކަމެއްކުރަން ފަށަންޖެހެނީ ބިސްމިﷲ ކިޔުމަށްފަހުކަން؟ އަހަރެންނަކީ އެކަން އެގޮތަށް ކުރެވޭތޯ ގަދައަޅާ މަސައްކަތްކުރާމީހެއް. އިބުރާހިމްބެ އެގޮތަށް އެކަންކުރަންތަ؟
އިބުރާހިމްބެ އިސްޖަހާލިއެވެ.
"ރެއަކާދުވާލެއްގެތެރޭގައި ކިތައްފަހަރު ގެއަށް ވަދެނިކުމެވާނެ؟ ކިތައްފަހަރު މިސްކިތަށްއަރާފައިބާނެ؟ ކިތައްފަހަރު ކައިބޮއެ ހަދާނެ؟ އަދި އެނޫނަސް ކިތައްކަންތައް ބިސްމީގެ ބަރަކާތުން ފަށާނެ؟ އެހެންވިއްޔާ ބިސްމި ނުކިޔާގުރޫޕުގެ ބޮޑުމީހަކި އަހަރެންތަ؟ ނޫނީ އިބުރާހިމްބެތަ؟"
އިބުރާހިމްބެ އިސްއުފުލާވެސް ނުލައެވެ.
"އިބުރާހިމްބެ ގާތުކުރިންވެސް އަހަރެން އެދުނިން ތިފަދަ ޢިބާރާތް ބޭނުން ނުކުރުމަށް އެހެންނަމަވެސް ހަމައެއްގޮތަކަށްވެސް ހުއްޓާނުލީމާ މިއަދު މި އެންމެންގެ ތެރޭގައި މިވާހަކަ ދައްކަން މިޖެހުނީ އުއްމީދުކުރަން މިހިސާބުން މި ނިމުނީކަމަށް" އަލީ އިތުރުބަހެއް ނުބުނެ ތެދުވެގެން ހިނގައިގަތެވެ. މޫސަވެސް ފާޑަކަށް ގަބުވެފަހުރެ ޢަލީގެ ފަހަތުން ނައްޓާލިއެވެ.

Thursday, February 27, 2014

އަސަރުގަދަޚުޠުބާއެއް އަޑުއަހަންބޭނުމެވެ.

މީހަކު ހުކުރު ޚުޠުބާއަޑުއަހާ ހިތުން ހުކުރު ދުވަހަށް އިންތިޒާރުކޮށްފާނެހެއްޔެވެ؟ ނުވަތަ ޚުޠުބާއަޑުއަހަމުން ދާއިރު އެޚުޠުބާއަވަހަށް ނިންމާނުލާ ކުރިޔަށް ގެންދާނެނަމަ ކިހާ ރަނގަޅުހޭ ހިތާފާނުހެއްޔެވެ؟
މިސުވާލުތަކުގެ ޖަވާބުގައި އަޅުގަނޑު ދަންނަވާނީ ރާއްޖޭގައި ނަމަ ހަމަ ޔަޤީނުންވެސް ނޫނެކޭއެވެ. ރާއްޖެއިން ބޭރުގައި ނަމަ ނޫނެކޭ ދަންނަވާކަށް ނުކެރޭނެއެވެ.
ހުކުރު ޚުޠުބާ އަކީ އޭގެ ސަބަބުން އިސްލާމީ މުޖުތަމަޢަށް ވަރަށް އެކަށޭނަ އަސަރެއް ކުރުވިދާނެ އެއްޗެކެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގައި އެކަން އެގޮތަށް ވާހެނެއް ހިޔެއްނުވެއެވެ.
އަޅުގަނޑު އެންމެ ކުޑައިރުއްސުރެ ހުކުރު ޚުޠުބާކިޔާވަގުތު މިސްކިތުންފެންނަނީ ގިނަބަޔަކު ތާއްޔާޖެހިޖެހި ތިބޭ މަންޒަރެވެ. އޭރު ހީކުރެވެނީ އެމީހުން ނިންޖަށް ބަލިވެފަ ތިބޭތީ ވާގޮތެއްކަމުގައެވެ. އެކަމަކު އެމީހުންނަށް އެނިދެނީ އިވޭ "ނާނާ" އެއްގެސަބަބުންކަން އެނގުނީ ތަންކޮޅެއްފަހުންނެވެ. އަޅުގަނޑު ހަނދާން ހުންނަންފެށީންސުރެ  ދާދި ފަކަހާޖެހެންދެން އެއް ޚުޠުބާތަކެއް ތަކުރާރުކޮށް ކިޔެމުންދިޔައެވެ. ތަކުރާރުކޮށް ކިޔަމުންދިޔަލެއް ގިނަކަމުން ޚުޠުބާއަޑުއަހާމީހުންނަށް ޚުޠުބާތައް ހިތުދަސްވެ ޚަޠީބުމީހާ ޚުޠުބާއިން ތަންކޮޅެއް ގޯސްކޮށްކިޔައިފިނަމަ ރަނގަޅުކޮށްދެވޭހާ ވަރުވިއެވެ. ކުރިން،ތަކުރާރުވީހާގިނައިން ނުވިކަމުގައިވިޔަސް މިހާރުވެސް ޚުޠުބާތައް ތަކުރާރުވަމުން އެބަދޭމެއެވެ.
ޕޯޑިއަމްތައް ދޮށަށް ހުއްޓި ބައެއް ވާހަކަދެއްކުންތެރިންގެ ހުށައަޅާ ތަޤުރީރުތަކަކީ އޭގެ ސަބަބުން އަޑުއަހާ މީހުންގެ ހިތްތަކުގައި އާދަޔާ ޚިލާފުޖޯޝަކާއި ޝައުޤުވެރިކަމެއް އުފައްދާ ތަޤުރީރުތަކެކެވެ. އޭގެ ސަބަބުން ހަމަ ކުޑަހިނދުކޮޅެއްގެ ތެރޭގައި މީހާގެ ވިސްނުން ބަދަލުވެ، ރަނގަޅު ގޯހަށްވެ އަދި ގޯސްރަނގަޅަށް ވެދެއެވެ. ޕޯޑިއަމްދޮށަށް ހުއްޓި ލިޔެފައިވާ ލިޔުމެއް ކިޔާލުމަކުން އެފަދަ އިޙުސާސްތަކެއް އުފެދިގެން ދިޔުމަކީ ވަރަށް ނާދިރުކަމެކެވެ.  ޚުޠުބާ އަކީ ދޭންޖެހޭއެއްޗެކެވެ. ތަޤުރީރުދޭހެންނެވެ. އެއީ ޙަޤީޤަތުގައި، ކިޔާ ނުވަތަ ކިޔަންޖެހޭ އެއްޗެއްނޫނެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގައި ޚުޠުބާ އަބަދުވެސް ކިޔާނީއެވެ. ލިޔުމެއްބަލައިގެންވެސް ޚުޠުބާ ކިޔާނީއެވެ. ލިޔުމެއް ނުބަލާވެސް ޚުޠުބާ ކިޔާނީއެވެ. ރަދީފު ބައްލަވާށެވެ. ޚުޠުބާދިނުން އެއަކު ނޯންނާނެއެވެ. މޮޅު ވާހަކަދެއްކުންތެރިން ތަޤުރީރުތައް ދޭފަދައިން އަޑުއަހާ މީހުންގެ ހިތްތަށް އިސާހިތަކު ބަދަލުކޮށްލާފަދަ ޚުޠުބާތައް ދެވިދާނެއެވެ. އަސަރުގަދަޚުޠުބާގެ އެހީގައި މީހުންގެ ހިތްތަށް މަޑުމޮޅިކުރުވައެވެ. ލޯތައް ތެއްމާލައެވެ. ވިސްނުން ބަދަލުކުރުވައެވެ. ޢަމަލަތައް ބަދަލުކުރުވައެވެ. މީހާ ހަމަމަގަށް ގެނުވައެވެ.

ދެން އޮތީ ޚުޠުބާގެ މައުޟޫޢެވެ. ސުރުޚީއެވެ. އޭގައި ހިމެނޭ ވާހަކަތަކެވެ. މިވެސް އޮންނަނީ ވަކި ތައްގަނޑަކަށް ފެތި ނިމިފައެވެ.  ކުރީގަވެސް އެގޮތަށެވެ. މިހާރުވެސް އެކަހަލަ ގޮތަކަށެވެ. ކުރީގައި ނަމަ މުޙައްރަމްފަސް ފެށުނީއްސުރެ ނިމެންދެން އޮންނާނީ ހިޖުރައިގެ ވާހަކައެވެ. ދެން ދުވަސްކޮޅަކުން އޮންނާނީ ރަސޫލު(ޞ) ގެ ޢީދުމީލާދު ވާހަކައެވެ. ދެން އޮންނާނީ އިސްރާއާއި މިޢުރާޖުގެ ވާހަކަތަކެވެ. ދެން ޤިބުލަބަދަލުކުރެވުނު ގޮތުގެ ވާހަކަތަކެވެ. ދެން އެއަށްފަހު ރޯދައެވެ. އޭގަފަހުގައި ހަރޯދައެވެ. ދެން އެންމެ ފަހުން ޙައްޖުގެ ވާހަކަތަކެވެ. އަނެއްކާ ބުރު އަލުން ފަށަންވީއެވެ. ކޮންމެއަކަސް މިސުރުޚީތައް ކަނޑައެޅިފައި މިވަނީ ހިޖުރީ މަސްތަކާއި ގުޅުވައިގެންނެވެ. ތަފާތު އެހެން ސުރުޚީއެއްގެ ޚުތުބާއެއް އަޑުއިވޭނީ މިސުރުޚީތަކާގުޅޭ މައްސަރުތައް ފިޔަވައި ދެން އޮންނަ މަސްތަކުގައެވެ.
ދެންއޮތީ މިހާރަށް ބަލައިލުމެވެ. އެގޮތުން މިހާރު އަދި ކުރިއަށްވުރެވެސް ވަކުސުރުޚީއެއް ކަނޑައެޅިފައިވާ ހުކުރުދުވަސްތައް މާގިނަހެން ހީވެއެވެ. މިހާރު މުޙައްރަމު މަހު އެއްކޮށް ހިޖުރައިގެވާހަކައެއް އަޑެއް ނީވެއެވެ. ޤިބުލައިގެ ވާހަކައިގެ ސަބަބުން ޝަޢުބާން މަސް އަދި ނުނިމިގެން އުޅޭކަން އިނގޭކަށް ނުޖެހެއެވެ.
މިހާރު "މުޞީބާތެއްހެން" ލައިގެނަގެން މިއުޅެނީ ރާއްޖޭގައި ނުވަތަ މުޅިދުނިޔޭގައި ފާހަގަކުރާ އެކިދުވަސްތަކެވެ. އެދުވަސްތައް ފާހަގަކުރާން އަހަރެއްގެ ތެރޭގައި މިއޮންނަ 365ދުވަސް އެބަ މަދުވާހެންވެސް ހީވެއެވެ. ހަފުތާގެތެރޭގައި އަންހެނުންގެ ދުވަސް ފާހަގަކޮށްފިނަމަ ހުކުރު ޚުޠުބާގެ ސުރުޚީއަކީ އަންހެނުންނެވެ. ކުޑަކުދިންދުވަސްފާހަގަކޮށްފިނަމަ ސުރުޚީއަކީ ކުޑަކުދިންނެވެ. ހަފުތާގެ ތެރޭގައި 5 ޖޫން އަތުވެއްޖެނަމަ ސުރުޚީ އަކީ ޕްލާސްޓިކް ކޮތަޅާއި ތިމާވެށްޓެވެ. ފެނުގެ ދުވަސް އަތުވެއްޖެނަމަ ފެނެއެވެ. މޫސުމާއި ބެހޭދުވަސް އަތުވެއްޖެނަމަ.... މިހެންގޮސް ލިޔާނެކަމެއްނެތެވެ. މިދާވަރުންދަންޏާ "ވޯލްޑް ޕިލޯވްފައިޓް ޑޭ- ދުނިޔޭގެ ބާލީހުން ތެޅުމުގެ ދުވަސް" ވެސް ޚުޠުބާތަކުގައި ފާހަގަކޮށްފާނެހެން އެބަހީވެއެވެ. މިބުނީ ހަމަ ޙަޤީޤަތުގައިވެސް ފާހަގަކުރާ ދުވަހެއްގެ ވާހަކައެވެ.
މިކަމަކާހުރެ މަރެއް، ކަށްވަޅެއް، ޤިޔާމަތެއް، އާޚިރަތްދުވަހެއް، ހިސާބު ބެއްލެވުމެއް، ޞިރާޠުމަގެއް، ނަރަކައެއް، ސުވަރުގެއެއްގެ ވާހަކައެއް ދައްކާނެ ވަގުތެއް ނުވެއެވެ. އަހަރުގެ ކޮންމެ ދުވަހަކީވެސް "ދުވަހެކެވެ" އެ"ދުވަސް"  އައުމުން ދައްކަން މިޖެހެނީ އެ"ދުވަހު"ގެ ވާހަކައެވެ. އެހެންކަމުން ޤިޔާމަތްދުވަހުގެ ވާހަކަދެއްކެން މިއޮތީ އެދުވަސް އައުމުން ނޫންހެއްޔެވެ؟

ޚުޠުބާއަކީ "ރޫޓިންގ" އެއްޗެކެވެ. ގިނަބަޔަކު މިސްކިތައްދަނީވެސް ޚުޠުބާ ނިމުނީއެވެ. އަދި ކުރިންދިޔަނަމަވެސް އަޑުއަހަނީ މަދުބަޔެކެވެ. ތިބެނީ މިސްކިތުން ބޭރުގަ އެމީހުންގެ "އަމިއްލަޚުޠުބާ" އެއްގައެވެ. މިއީ ވަރަށްބޮޑަށް މަނާކުރެވިފައިވާ ކަމަކަށް ވާއިރުވެސް މެއެވެ. މިސްކިތުގައި ތިބޭ ގިނަމީހުން ތިބެނީ ނިދާފައެވެ. ނުވަތަ ޣާފިލްކަންމަތީގައެވެ. މިކަންތައްތައް ބަދަލުކުރެވެނީ ޚުޠުބާތައް ބަދަލުކޮށްގެންނެވެ. ޚުޠުބާ ކިޔުން ޚުޠުބާ ދިނުމަށް ބަދަލުކޮށްގެންނެވެ. އިސްލާމީ ތާރީޚުގެ އަސަރުގަދަ ފަތްފުށްތައް އެޚުޠުބާތަކުގައި ހިމެނިގެންނެވެ. ރަސޫލު(ޞ) އާއި އެކަލޭފާނުންގެ އާލު އަޞްޙާބުންގެ ވާހަކަތަކަކީ އަސަރުން ފުރިފައިވާ ރިވެތި ވާހަކަތަކެކެވެ. ކޮންމެ ޞަހާބީ ބޭކަލަކާއި ބޭކަނބަލެއްގެ ވާހަކައަކީވެސް އަސަރުގަދަ އަދި "ޔުނީކް" ވާހަކައެކެވެ. މިފަދަ ވާހަކަތަކުގެ އެހީގައި އަޅުގަނޑުމެން އިހަށްވީ އަޅުގަނޑުމެންގެ އީމާންކަން ހަރުދަނާކުރާށެވެ. ދީނުގެ ޙުކުމްތައް އުނގެނި ދަސްކުރާށެވެ. އޭރުން އިސާހިތަކު އަޅުގަނޑުމެންގެ މެދުގައި އިސްލާމީރޫޙު އާލަވެ މުޖުތަމަޢު އަމާން ހިއްފަސޭހަތަނަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. އެއަށްފަހު އަޅުގަނޑުމެންނަށް އަންހެނުންގެ ވާހަކައާއި، ކުޑަކުދިންގެ ވާހަކަ އާއި އަދި ތިމާވެށީގެ ވާހަކަވެސް ޚުޠުބާތަކުގައި ގެނެވިދާނެއެވެ. އެހެންނޫންނަމަ މިކުރެވެނީ ފޫނެއްފަޔަކަށް ފެންފުރުންކަހަލަ ކަމެކެވެ. 

Wednesday, May 16, 2012

ތިޔަދެވެނީ ޙައްދުފަހަނައަޅައެއްނޫންހެއްޔެވެ؟




ހައްދު ފަހަނައެޅުމޭ ބުނެވޭއިރަށް އޮޓޮމެޓިކުން އެކަން ރައްދުކުރެވެނީ ތުނބުޅި، ފަޓްލޫނުފައިކުރި، މޫނުބުރުގާ ފަދަ ދީނީ ޝިޢާރުތަކާއި ގުޅިފައިވާ ތަކެއްޗަށެވެ. އެހެންގޮތަކަށް ބުނާނަމަ ދީނަށެވެ. ދީނަށް އުޅުމަށެވެ. ގިނަފަހަރަށް އެކަންކަމަކީ ޙަޤީޤަތުގައި ދީނީ ގޮތުން ހައްދު ފަހަނައަޅައި ދިޔުމަށް ނުވާއިރުވެސް މެއެވެ. (ދީނީ ގޮތުން ޙައްދުފަހަނައަޅައި ދާމީހުން އުޅޭކަމާއި ދިވެހިންގެ ތެރޭގައިވެސް ދީނީ ގޮތުން ޙައްދު ފަހަނައެޅުމުގެ ބައެއްސިފަތައް ކޮންމެވެސް ވަރަކަށް ފެންނަމުންދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް ޤަބޫލުކުރާ ޙާލު) ޙައްދު ފަހަނައެޅުމަކީ ހަމައެކަނި ދީނީ ޢަޤީދާއާއި އަޅުކަންތަކާއި ގުޅިފައިވާ ކަމެއްނޫންކަން މިޙާލަތުގައި ބަޔާންކުރަން ބޭނުމެވެ. ދިރިއުޅުމުގެ ތަފާތު ޙާލަތްތަކުގައި ތަފާތު ކަންތައްތަކުގައިވެސް ކަނޑައެޅިފައިވާ އިމުން ބޭރުވެ ދާކަމުގައިވަނީނަމަ ވާނީ ހަމަ ޙައްދު ފަހަނައަޅައިދިޔައީ ކަމުގައެވެ. އެއީ ދިރިއުޅުމަށް ކުރާ މަސައްކަތްކަމުގައިވިޔަސް، މުނިފޫހިފިލުވުމަށް ކުޅޭ ކުޅިވަރުކަމުގައިވިޔަސްމެއެވެ. ދެންއޮތީ މިންވަކިކުރާ ހިސާބު ކަނޑައެޅުމެވެ. މައްސަލަޖެހޭ، ޒުވާބުކުރަންޖެހޭ އަދި ބައެއްފަހަރު ގަޔަށް އަތްލާންޖެހޭ ހިސާބަކީވެސް މިއެވެ. އެކިމީހުން ޙައްދު ކަނޑައަޅަނީ އެކިހިސާބުގައެވެ. އެމީހެއްގެ ވިސްނުމާއި ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ މައްޗަށް ބިނާކޮށެވެ. އެެހެންކަމަށްވުމާއެކު އެކެއްގެ މެދުމިން އަނެކާއަށް ޙައްދު ފަހަނައެޅުމަށް ވެދެއެވެ. އެހެންނަމަވެސް ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ދީނީ ތަރާދުން ކިރާލައިފިނަމަ  (މިދެންނެވީ ޤުރުއާނާއި ސުންނަތުގެ އަލީގައި ދިރާސާ ކޮށްލައިފިނަމަ) އެކަންކަމުގެ ޙަޤީޤީ މެދުމިނާއި ޙައްދުތައް ދެނެގަތުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ. އަދި ޙައްދުތައް ކަނޑައެޅުމުގައި ތަފާތު ވިސްނުންތަކާއި ފިކުރުތަކެއްވެސް ނޫޅޭނޭމެއެވެ. 

ކޮންމެއަކަސް އަޅުގަނޑުގެ މަޤުޞަދަކީ ދިވެހި މުޖުތަމަޢުގައި އަޅުގަނޑުގެ ނަޒަރުގައި ހައްދު ފަހަނައަޅާ ގޮސްފައިވާ ކަމަކާބެހޭގޮތުން ޚިޔާލެއް ފާޅުކޮށްލުމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން (ފަހަރެއްގައި އެނގިވަޑައިގެންފައިނެތުމަކީވެސް އެކަށިގެންވާ ކަމެކެވެ.) ކުރިއަށް މިއޮތް ދެމަސްދުވަހަކީ ކުޅިވަރުގެ ވަރަށްބޮޑު ދެޢީދުގެ ދެމަހެވެ. އެއީ ހަތަރުއަހަރުން އެއްފަހަރު ބޭއްވޭ ދުނިޔޭގެ ދެ ކުޅިވަރު ޢީދެކެވެ. ޖޫންމަހު ފެށޭ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޖުލައިމަހު އޮންނަ ހޫނުމޫސުމުގެ އޮލިމްޕިކްސް އެވެ. މީގެތެރެއިން އަޅުގަނޑު މިއަދު ބޮޑަށް ވާހަކަދައްކާލަން ބޭނުންވަނީ ފުޓްބޯޅަ މުބާރާތާއި ބެހޭގޮތުންނެވެ.
ފުޓްބޯޅައަކީ ގިނަދިވެހިންގެ އެންމެ މަޤްބޫލް ކުޅިވަރެވެ. ފުޓްބޯޅަކުޅޭ އަދި ފުޓްބޯޅަ ކުޅޭތަން ބަލާ ދިވެހިންނަކީ ވަރަށް ގިނަބައެކެވެ. ޚުދު އަޅުގަނޑަކީވެސް ފުޓްބޯޅަ ކުޅުމަށާއި އެކުޅިވަރުކުޅޭ އަދިއެކުޅިވަރާއިގުޅޭ އެކިޙަރަކާތްތަކުގައިބައިވެރިވުމަށް ޝައުޤުވެރިވާ މީހަކީމެވެ. ޤަވާޢިދުން ފުޓްބޯޅަ ކުޅޭ ނަމަ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްވެސް އެހީވެދޭނެކަން ޔަޤީނެވެ. އެހެންނަމަވެސް ދުނިޔޭގެ ފެންވަރުގައި މިބޭއްވޭ ތަފާތު ފުޓްބޯޅަ މުބާރާތްތަކާއި ގުޅިގެން ރާއްޖޭގައި މިކުރެވޭ ކަންތައްތަކާއި ހިންގޭ ޙަރަކާތްތަކަކީ ހަމަ އެކަންކަން ކުރެވެން ޖެހޭނެ ގޮތްބާވައޭ ސުވާލު އެފެދެއެވެ. މިސާލަކަށް 2010ގައި ކުޅެވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ވިސްނާލަމާ ހިނގާށެވެ. 

އަޅުގަނޑުމެން އެންމެންވެސް މިކިޔަނީ އިޤުތިޞާދީ ގޮތުން ރާއްޖެ އަންދަވަޅަކަށް ވެއްޓިފައިވާ ވާހަކައެވެ. ދިވެހިންގެ އަތްމަތި ދަތިވެ ތަދުމަޑުކަން އިޙުސާސް ކުރަން ޖެހިފައިވާ ވާހަކައެވެ. އެކަމަކު ވޯލްޑްކަޕްފަދަ ފުޓްބޯޅަ މުބާރާތެއް ޕަބްލިކް ޓީވީއިން ވަގުތުން ދުރަށް ފޮނުވުމަށްޓަކައި އެތައް ލައްކަ ރުފިޔާއެއް އެބަޚަރަދުކޮށްލައެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިފަހަރުމިބޭއްވޭ ޔޫރޯ މުބާރާތުގެ ހުރިހާމެޗެއް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. ގައިމުވެސް ބޮޑު ޚަރަދެއް ކުރަންޖެހޭނެއެވެ. މީގެކުރިއަކުން ޔޫރޯ ގެ ހުރިހާ މެޗެއް ޕަބްލިކްޓީވީން ވަގުތުން ދައްކާފައެއްނުވެއެވެ. އެހެންވީމާ ދިވެހިންގެ އަތްމަތި ދަތިވާހަކަ އެއީ ދޮގުވާހަކައަކީ ކަންނޭނގެއެވެ. ކުޅިވަރުމުބާރާތްތައް ސްޕޮންސަރކުރަން މިހާފޯރިއެއް ހުންނައިރު ދީނީ އިޖުތިމާޢީ ޙަރަކާތެއް ހިންގުމަށް އެހީއެއްވެދޭނެ ފަރާތެއް ގިނަފަހަރަށް މިއޮންނަނީ ނުވެފައެވެ. 

ދެންމިއޮތީ މުބާރާތަށް 'ތައްޔާރުވުމުގެގޮތުން' ޓީވީން ފޮނުވާ ތަފާތު ޕްރޮގްރާމް ތަކެވެ. 2010ގައި އޮތީ ވުވްޒެލާ ފޯރިއެވެ. ވުވްޒެލާއިން ހަމައެކަނި ނުވެގެން ދެންއައީ ވުވްޒެލާކިޑްސް އެވެ. ޓީމް ތަކާއި ވަކިވަކި ކުޅުންތެރިންގެ ޕްރޮފައިލްތަކާއި ޢާއްމުންގެ ޚިޔާލާއި ފުޓްބޯޅަ 'ސްޕެޝަލިސްޓުން' ގެ ރަޢުޔުތަކާއި ފުޓްބޯޅަ 'ކޮމިއުޓިނީ' އިން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހިންގޭ ޙަރަކާތްތަކާއި އަދި މުބާރާތަށް ޚާއްޞަކޮށް ތައްޔާރުކުރެވޭ (ދިވެހިންކިޔާ އަދި ކުޅެހަދާފައިހުންނަ) އޯޑިއޯ ވީޑިއޯ ލަވަތަކާއެކު މިކަމެއް ކުރިއަށް ދާނެއެވެ. ތަފާތު ރަށްރަށުގެ ފަރާތްތަކާއި ފޯނުން ގުޅައިގެން އެއަށްރަށުގައި ވެވެމުން ދަނީ ކޮންކަހަލަ ތައްޔާރީއެއްތޯ ބެލެމުންދާނެއެވެ. މިގޮތުން އެއްޕްރޮގްރާމެއްގައި ގުޅައިގެން ވާހަކަދެއްކި ފަރާތަކުން ޓީވީއެމްއިން މާބޮޑަށް 'އޯވަރ' ވެގެން އުޅޭ ވާހަކަ ބުންޏެވެ. އަދި އޭނާއާއި ކުރެވުނު ބައެއް ސުވާލުތަކަށް ހެއްވާ ޖަވާބުތަކެއް ދިނެވެ. ކޮންމެއަކަސް އެޒުވާނާ ބުނީ ވަރަށް ބޮޑުތެދެއްކަމަށް އަޅުގަނޑުޤަބޫލުކުރަމެވެ. ރާއްޖޭގައި މިފަދަމުބާރާތެއް ބޭއްވުމަކީ އެކަށިގެންވާ ކަމެއްނޫނެވެ. އަދި ރާއްޖެ މިފަދަމުބާރާތަކަށް ކައިރި ޒަމާނަކު ކޮލިފައިވުމަކީވެސް އެކަށިގެންވާ ކަމެއްނޫނެވެ. އެކަމަކު މިވެރިން އުޅޭގޮތުން ހީވަނީ މުބާރާތް އޮތީ ރާއްޖޭގައި ހެންނެވެ. ނުވަތަ ރާއްޖޭ މިމުބާރާތަށް ކޮލިފައިވެ މުބާރާތުގައި ވާދަކުރަނީހެންނެވެ. ޢަޖައިބުވެ އަންތަރީސް ވާހާވެއެވެ. ތަފާތު ޤައުމުތަކަށް އަދި ތަފާތު ކުޅުންތެރިންނަށް ސަޕޯޓްކުރާ ފަރާތްތަކުން އެމީހުންގެ ޙަރަކާތްތައް ކުރިއަށްގެންދަން ހޭބޯނާރާ އުޅެތެވެ. މިއިރު އެޤައުމުތަކަށް ނުވަތަ އެކުޅުންތެރިންނަށް މިއީ ދުނިޔޭގައި އުޅޭ ބައެއްކަންވެސް އެނގޭނެގޮތެއް ނެތެވެ. މުބާރާތް ބެލުމަށްޓަކައި ޖަގަހަތައް ތައްޔާރުކުރެވި ޒީނަތްތެރި ކުރެވެމުންދެއެވެ. މުބާރާތުގައި ބައިވެރިވާ ބައެއްޤައުމުތަކުގެ ދިދައިގައި ޞަލީބު ކުރެހިފައިހުރުމާއެކު މިދުވަސްވަރަކީ ގޭގޭގެއާއި މަގުމަތީ ފާރުތަކުން ޞަލީބުވެސް ފެންނަދުވަސްވަރެކެވެ. މުބާރާތާއި ގުޅޭ ފޮތްތަކާއި 'ސްކޯރޝީޓާއި ވޯލްޗާޓް' ފަދަ ތަކެތި ޢާއްމުވެގެންދެއެވެ. ގޭގޭގެ ސިޓިންގްރޫމްތަކުގެ ފާރުތަކުގައި މިތަކެތި ހަރުކުރެވި މުބާރާތް ހިނގަމުންދާއިރު 'އަޕްޓޭޑް' ކުރެވެމުންދެއެވެ. އެމީހަކު ސަޕޯޓްކުރާޓީމެއް ކަޓަންދެންނެވެ. ދެން އެހިސާބުން އޭގެމަތިން ހަނދާންނެތިގެންދެއެވެ. 

މުބާރާތް ފެށުމާއެކު މެޗްކުޅޭ ވަގުތާއި ޕްރީމެޗްޝޯތަކާއި ޕޯސްޓްމެޗް ޝޯތަކުން ޓީވީ ޕްރޮގްރާމް ގައިޑް ފުރާލައެވެ. ހަވީރު ހަތަރުގަޑިބައިގައި މެޗްފެށެން އޮތަސް އޭގެ ގަޑި ދޮޅުގަޑިއިރުކުރިން ލައިވްޝޯވ ފަށައެވެ. އަސުރު ނަމާދަށް ބަންގިއަށް މެދު ކަނޑާލާފައި ބަންގި ހަމަނިމުމާއެކު އަނެއްކާފަށައެވެ. އޭރު އަދި މެޗްފެށޭނެ އިރެއްވެސް ނޭނގެއެވެ. އެކަމަކު ޝޯވްހުށައަޅަންތިބޭ ފިރިހެން 'އެންކަރު' ތައް ޖަމާޢަތުގެ ނަމާދު އަޅާފައި އެއަށްވުރެ ބޮޑު އެހެންކަމެއް ނުވާ ބީދައަކުން އެޝޯވ އާގެން ކުރިއަށް ދެއެވެ. މައްސަރުކަންތަކާހުރެ އަޅާނުލާތިބީއޭ ހީކޮށްލެވޭނީވެސް އަންހެން 'އެންކަރު' ތަކެއް ނަމަތާއެވެ. އަޅެ ނަމާދުކޮށްލައިގެން އައިސް އަނެއްކާ ކުރިއަށް ގެންދިޔަނަމައީ ކީއްހެއްޔެވެ؟ ފަހަރެއްގައި އެއީ ސްޕޮންސަރުންގެ އިރުޝާދުކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު ތިޔަ ސްޕޮންސަރުންނަކަށްވެސް ތިބާއަށް އެންމެފަހުވަގުތު ވެދެވޭނެ އެއްވެސް އެހީއެއްނޯންނާނެއެވެ. 

އެސްއެމްއެސް ކޮށްގެން ސްކޯރދިމާކުރުމާއިި މޮޅުވާނެޓީމެއް ބުނުންފަދަ ޙަރަކާތްތައް މިދުވަސްވަރު ވަރަށްގަދައަށް ކުރިއަށްދެއެވެ. އަދި ރަނގަޅުޖަވާބު ދިމާކުރާފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން އަގުބޮޑެތި އިނާމްތައް ދެވެއެވެ. މިއަށް ޖުވާއޭ ނުކިޔޭނެނަމަ ދެން ޖުވާއޭ ކިޔޭނެ އެހެން އެއްޗެއް ވާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރަން ދައްޗެވެ. މެޗްތައް ޤަވާޢިދުން ވަގުތުން ބަލާފަރާތްތަކަށް ޖަމާޢަތުގެ ނަމާދަށް ޙާޟިރުވުމާއި ފަތިސް ނަމާދު ވަގުތުގައި ކުރުމަކީ ވަރަށް ދަތިކަމަކަށް ވާނެއެވެ. އަމުދުން އިރުއޮއްސޭ ވަގުތު މެޗްކުޅެވޭތީ  މަޣުރިބުނަމާދު އަޅާފައި ވަރަށް ގިނަބަޔަކު ޓީވީބުޑުގައި ތިބޭތަން ފެނެއެވެ. ކޮންމެއަކަސް ދިވެހިޓީވީން ވޯލްޑްކަޕް ވަގުތުން ދައްކަން ފެށުމަށްފަހު ކޮންމެ ފަހަރަކުހެން ދިވެހިންގެ ޙާލަތު ހުންނަނީ މިފަދައަކުންނެވެ. 

މިއަހަރު ޔޫރޯގެ ހުރިހާ މެޗެއް  ވަގުތުން ދައްކާ ގޮތަށްވަނީ ހަމަޖެހިފައެވެ. ވޯލްޑްކަޕްހާ ފޯރިގަދަނުވިޔަސް މިއީވެސް ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު މުބާރާތެކެވެ. އެހެންކަމުން ހީކުރެވެނީ މީގެ ކުރިއެކޭ އެއްގޮތަށް މުބާރާތާއި ގުޅޭ ޙަރަކާތްތައް އެފަދަގޮތަކަށް ދާނޭކަމެވެ. އެހެންނަމަވެސް އެކަމުގައި މެދުމިނުގެ އުސޫލެއް ގެންގުޅުމަކީ އެންމެ ރަނގަޅުގޮތްކަމުގައި އަޅުގަނޑުދެކެމެވެ. އަޅުގަނޑުމެންގެ ދީނުގައި މުނިފޫހިފިލުވުމަކީ ނެތްކަމެއްނޫނެވެ. ފުޓްބޯޅައާއި ގުޅޭ ޙަރަކާތްތަކުގައި އަޅުގަނޑުމެންނަށް ބައިވެރިވެވިދާނެއެވެ. އެކަމަކު އަޅުގަނޑުމެންގެ ދީނީ އުސޫލުތަކާއި ވާޖިބުތަކަށް ހުރަސްއެޅިގެންދާނެފަދަގޮތަކަށް އެކަންކަމުގައި ހޭބޯނާރާ އުޅުމަކީ ކަމުދާގޮތެއްނޫނެވެ. މެޗްގެ ސްކޯރދިމާކުރުމަށް އެސްއެމްއެސް ކޮށް އިންޓަރނެޓްކްއިޒްތަކުގައި ބައިވެރިވެ، ބޮޑުޚަރަދުކޮށްގެން ޓީވީއާއި ޕްރޮޖެކްޓަރާއި އެނޫންވެސް އެފަދަ އާލާތްތައް ގަނެ ޖަގަހަތައް ހަދައި ރޭނގަޑު ދަންވަރު ހޭލާތިބެ ޕްރީމެޗްޝޯވތަކާއި މެޗްތަށް ބަލާފައި ފަތިސްނަމާދު ވަގުތު ގާތްވުމުން އަރާއޮށޯވެ ނިދުމަކީ ފުޓްބޯޅައިގައި ހައްދުފަހަނައަޅައިދިއުން ނޫންކަމުގައި އަޅުގަނޑު ނުދެކެމެވެ.