Wednesday, May 16, 2012

ތިޔަދެވެނީ ޙައްދުފަހަނައަޅައެއްނޫންހެއްޔެވެ؟




ހައްދު ފަހަނައެޅުމޭ ބުނެވޭއިރަށް އޮޓޮމެޓިކުން އެކަން ރައްދުކުރެވެނީ ތުނބުޅި، ފަޓްލޫނުފައިކުރި، މޫނުބުރުގާ ފަދަ ދީނީ ޝިޢާރުތަކާއި ގުޅިފައިވާ ތަކެއްޗަށެވެ. އެހެންގޮތަކަށް ބުނާނަމަ ދީނަށެވެ. ދީނަށް އުޅުމަށެވެ. ގިނަފަހަރަށް އެކަންކަމަކީ ޙަޤީޤަތުގައި ދީނީ ގޮތުން ހައްދު ފަހަނައަޅައި ދިޔުމަށް ނުވާއިރުވެސް މެއެވެ. (ދީނީ ގޮތުން ޙައްދުފަހަނައަޅައި ދާމީހުން އުޅޭކަމާއި ދިވެހިންގެ ތެރޭގައިވެސް ދީނީ ގޮތުން ޙައްދު ފަހަނައެޅުމުގެ ބައެއްސިފަތައް ކޮންމެވެސް ވަރަކަށް ފެންނަމުންދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް ޤަބޫލުކުރާ ޙާލު) ޙައްދު ފަހަނައެޅުމަކީ ހަމައެކަނި ދީނީ ޢަޤީދާއާއި އަޅުކަންތަކާއި ގުޅިފައިވާ ކަމެއްނޫންކަން މިޙާލަތުގައި ބަޔާންކުރަން ބޭނުމެވެ. ދިރިއުޅުމުގެ ތަފާތު ޙާލަތްތަކުގައި ތަފާތު ކަންތައްތަކުގައިވެސް ކަނޑައެޅިފައިވާ އިމުން ބޭރުވެ ދާކަމުގައިވަނީނަމަ ވާނީ ހަމަ ޙައްދު ފަހަނައަޅައިދިޔައީ ކަމުގައެވެ. އެއީ ދިރިއުޅުމަށް ކުރާ މަސައްކަތްކަމުގައިވިޔަސް، މުނިފޫހިފިލުވުމަށް ކުޅޭ ކުޅިވަރުކަމުގައިވިޔަސްމެއެވެ. ދެންއޮތީ މިންވަކިކުރާ ހިސާބު ކަނޑައެޅުމެވެ. މައްސަލަޖެހޭ، ޒުވާބުކުރަންޖެހޭ އަދި ބައެއްފަހަރު ގަޔަށް އަތްލާންޖެހޭ ހިސާބަކީވެސް މިއެވެ. އެކިމީހުން ޙައްދު ކަނޑައަޅަނީ އެކިހިސާބުގައެވެ. އެމީހެއްގެ ވިސްނުމާއި ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ މައްޗަށް ބިނާކޮށެވެ. އެެހެންކަމަށްވުމާއެކު އެކެއްގެ މެދުމިން އަނެކާއަށް ޙައްދު ފަހަނައެޅުމަށް ވެދެއެވެ. އެހެންނަމަވެސް ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ދީނީ ތަރާދުން ކިރާލައިފިނަމަ  (މިދެންނެވީ ޤުރުއާނާއި ސުންނަތުގެ އަލީގައި ދިރާސާ ކޮށްލައިފިނަމަ) އެކަންކަމުގެ ޙަޤީޤީ މެދުމިނާއި ޙައްދުތައް ދެނެގަތުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ. އަދި ޙައްދުތައް ކަނޑައެޅުމުގައި ތަފާތު ވިސްނުންތަކާއި ފިކުރުތަކެއްވެސް ނޫޅޭނޭމެއެވެ. 

ކޮންމެއަކަސް އަޅުގަނޑުގެ މަޤުޞަދަކީ ދިވެހި މުޖުތަމަޢުގައި އަޅުގަނޑުގެ ނަޒަރުގައި ހައްދު ފަހަނައަޅާ ގޮސްފައިވާ ކަމަކާބެހޭގޮތުން ޚިޔާލެއް ފާޅުކޮށްލުމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން (ފަހަރެއްގައި އެނގިވަޑައިގެންފައިނެތުމަކީވެސް އެކަށިގެންވާ ކަމެކެވެ.) ކުރިއަށް މިއޮތް ދެމަސްދުވަހަކީ ކުޅިވަރުގެ ވަރަށްބޮޑު ދެޢީދުގެ ދެމަހެވެ. އެއީ ހަތަރުއަހަރުން އެއްފަހަރު ބޭއްވޭ ދުނިޔޭގެ ދެ ކުޅިވަރު ޢީދެކެވެ. ޖޫންމަހު ފެށޭ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޖުލައިމަހު އޮންނަ ހޫނުމޫސުމުގެ އޮލިމްޕިކްސް އެވެ. މީގެތެރެއިން އަޅުގަނޑު މިއަދު ބޮޑަށް ވާހަކަދައްކާލަން ބޭނުންވަނީ ފުޓްބޯޅަ މުބާރާތާއި ބެހޭގޮތުންނެވެ.
ފުޓްބޯޅައަކީ ގިނަދިވެހިންގެ އެންމެ މަޤްބޫލް ކުޅިވަރެވެ. ފުޓްބޯޅަކުޅޭ އަދި ފުޓްބޯޅަ ކުޅޭތަން ބަލާ ދިވެހިންނަކީ ވަރަށް ގިނަބައެކެވެ. ޚުދު އަޅުގަނޑަކީވެސް ފުޓްބޯޅަ ކުޅުމަށާއި އެކުޅިވަރުކުޅޭ އަދިއެކުޅިވަރާއިގުޅޭ އެކިޙަރަކާތްތަކުގައިބައިވެރިވުމަށް ޝައުޤުވެރިވާ މީހަކީމެވެ. ޤަވާޢިދުން ފުޓްބޯޅަ ކުޅޭ ނަމަ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްވެސް އެހީވެދޭނެކަން ޔަޤީނެވެ. އެހެންނަމަވެސް ދުނިޔޭގެ ފެންވަރުގައި މިބޭއްވޭ ތަފާތު ފުޓްބޯޅަ މުބާރާތްތަކާއި ގުޅިގެން ރާއްޖޭގައި މިކުރެވޭ ކަންތައްތަކާއި ހިންގޭ ޙަރަކާތްތަކަކީ ހަމަ އެކަންކަން ކުރެވެން ޖެހޭނެ ގޮތްބާވައޭ ސުވާލު އެފެދެއެވެ. މިސާލަކަށް 2010ގައި ކުޅެވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ވިސްނާލަމާ ހިނގާށެވެ. 

އަޅުގަނޑުމެން އެންމެންވެސް މިކިޔަނީ އިޤުތިޞާދީ ގޮތުން ރާއްޖެ އަންދަވަޅަކަށް ވެއްޓިފައިވާ ވާހަކައެވެ. ދިވެހިންގެ އަތްމަތި ދަތިވެ ތަދުމަޑުކަން އިޙުސާސް ކުރަން ޖެހިފައިވާ ވާހަކައެވެ. އެކަމަކު ވޯލްޑްކަޕްފަދަ ފުޓްބޯޅަ މުބާރާތެއް ޕަބްލިކް ޓީވީއިން ވަގުތުން ދުރަށް ފޮނުވުމަށްޓަކައި އެތައް ލައްކަ ރުފިޔާއެއް އެބަޚަރަދުކޮށްލައެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިފަހަރުމިބޭއްވޭ ޔޫރޯ މުބާރާތުގެ ހުރިހާމެޗެއް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. ގައިމުވެސް ބޮޑު ޚަރަދެއް ކުރަންޖެހޭނެއެވެ. މީގެކުރިއަކުން ޔޫރޯ ގެ ހުރިހާ މެޗެއް ޕަބްލިކްޓީވީން ވަގުތުން ދައްކާފައެއްނުވެއެވެ. އެހެންވީމާ ދިވެހިންގެ އަތްމަތި ދަތިވާހަކަ އެއީ ދޮގުވާހަކައަކީ ކަންނޭނގެއެވެ. ކުޅިވަރުމުބާރާތްތައް ސްޕޮންސަރކުރަން މިހާފޯރިއެއް ހުންނައިރު ދީނީ އިޖުތިމާޢީ ޙަރަކާތެއް ހިންގުމަށް އެހީއެއްވެދޭނެ ފަރާތެއް ގިނަފަހަރަށް މިއޮންނަނީ ނުވެފައެވެ. 

ދެންމިއޮތީ މުބާރާތަށް 'ތައްޔާރުވުމުގެގޮތުން' ޓީވީން ފޮނުވާ ތަފާތު ޕްރޮގްރާމް ތަކެވެ. 2010ގައި އޮތީ ވުވްޒެލާ ފޯރިއެވެ. ވުވްޒެލާއިން ހަމައެކަނި ނުވެގެން ދެންއައީ ވުވްޒެލާކިޑްސް އެވެ. ޓީމް ތަކާއި ވަކިވަކި ކުޅުންތެރިންގެ ޕްރޮފައިލްތަކާއި ޢާއްމުންގެ ޚިޔާލާއި ފުޓްބޯޅަ 'ސްޕެޝަލިސްޓުން' ގެ ރަޢުޔުތަކާއި ފުޓްބޯޅަ 'ކޮމިއުޓިނީ' އިން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހިންގޭ ޙަރަކާތްތަކާއި އަދި މުބާރާތަށް ޚާއްޞަކޮށް ތައްޔާރުކުރެވޭ (ދިވެހިންކިޔާ އަދި ކުޅެހަދާފައިހުންނަ) އޯޑިއޯ ވީޑިއޯ ލަވަތަކާއެކު މިކަމެއް ކުރިއަށް ދާނެއެވެ. ތަފާތު ރަށްރަށުގެ ފަރާތްތަކާއި ފޯނުން ގުޅައިގެން އެއަށްރަށުގައި ވެވެމުން ދަނީ ކޮންކަހަލަ ތައްޔާރީއެއްތޯ ބެލެމުންދާނެއެވެ. މިގޮތުން އެއްޕްރޮގްރާމެއްގައި ގުޅައިގެން ވާހަކަދެއްކި ފަރާތަކުން ޓީވީއެމްއިން މާބޮޑަށް 'އޯވަރ' ވެގެން އުޅޭ ވާހަކަ ބުންޏެވެ. އަދި އޭނާއާއި ކުރެވުނު ބައެއް ސުވާލުތަކަށް ހެއްވާ ޖަވާބުތަކެއް ދިނެވެ. ކޮންމެއަކަސް އެޒުވާނާ ބުނީ ވަރަށް ބޮޑުތެދެއްކަމަށް އަޅުގަނޑުޤަބޫލުކުރަމެވެ. ރާއްޖޭގައި މިފަދަމުބާރާތެއް ބޭއްވުމަކީ އެކަށިގެންވާ ކަމެއްނޫނެވެ. އަދި ރާއްޖެ މިފަދަމުބާރާތަކަށް ކައިރި ޒަމާނަކު ކޮލިފައިވުމަކީވެސް އެކަށިގެންވާ ކަމެއްނޫނެވެ. އެކަމަކު މިވެރިން އުޅޭގޮތުން ހީވަނީ މުބާރާތް އޮތީ ރާއްޖޭގައި ހެންނެވެ. ނުވަތަ ރާއްޖޭ މިމުބާރާތަށް ކޮލިފައިވެ މުބާރާތުގައި ވާދަކުރަނީހެންނެވެ. ޢަޖައިބުވެ އަންތަރީސް ވާހާވެއެވެ. ތަފާތު ޤައުމުތަކަށް އަދި ތަފާތު ކުޅުންތެރިންނަށް ސަޕޯޓްކުރާ ފަރާތްތަކުން އެމީހުންގެ ޙަރަކާތްތައް ކުރިއަށްގެންދަން ހޭބޯނާރާ އުޅެތެވެ. މިއިރު އެޤައުމުތަކަށް ނުވަތަ އެކުޅުންތެރިންނަށް މިއީ ދުނިޔޭގައި އުޅޭ ބައެއްކަންވެސް އެނގޭނެގޮތެއް ނެތެވެ. މުބާރާތް ބެލުމަށްޓަކައި ޖަގަހަތައް ތައްޔާރުކުރެވި ޒީނަތްތެރި ކުރެވެމުންދެއެވެ. މުބާރާތުގައި ބައިވެރިވާ ބައެއްޤައުމުތަކުގެ ދިދައިގައި ޞަލީބު ކުރެހިފައިހުރުމާއެކު މިދުވަސްވަރަކީ ގޭގޭގެއާއި މަގުމަތީ ފާރުތަކުން ޞަލީބުވެސް ފެންނަދުވަސްވަރެކެވެ. މުބާރާތާއި ގުޅޭ ފޮތްތަކާއި 'ސްކޯރޝީޓާއި ވޯލްޗާޓް' ފަދަ ތަކެތި ޢާއްމުވެގެންދެއެވެ. ގޭގޭގެ ސިޓިންގްރޫމްތަކުގެ ފާރުތަކުގައި މިތަކެތި ހަރުކުރެވި މުބާރާތް ހިނގަމުންދާއިރު 'އަޕްޓޭޑް' ކުރެވެމުންދެއެވެ. އެމީހަކު ސަޕޯޓްކުރާޓީމެއް ކަޓަންދެންނެވެ. ދެން އެހިސާބުން އޭގެމަތިން ހަނދާންނެތިގެންދެއެވެ. 

މުބާރާތް ފެށުމާއެކު މެޗްކުޅޭ ވަގުތާއި ޕްރީމެޗްޝޯތަކާއި ޕޯސްޓްމެޗް ޝޯތަކުން ޓީވީ ޕްރޮގްރާމް ގައިޑް ފުރާލައެވެ. ހަވީރު ހަތަރުގަޑިބައިގައި މެޗްފެށެން އޮތަސް އޭގެ ގަޑި ދޮޅުގަޑިއިރުކުރިން ލައިވްޝޯވ ފަށައެވެ. އަސުރު ނަމާދަށް ބަންގިއަށް މެދު ކަނޑާލާފައި ބަންގި ހަމަނިމުމާއެކު އަނެއްކާފަށައެވެ. އޭރު އަދި މެޗްފެށޭނެ އިރެއްވެސް ނޭނގެއެވެ. އެކަމަކު ޝޯވްހުށައަޅަންތިބޭ ފިރިހެން 'އެންކަރު' ތައް ޖަމާޢަތުގެ ނަމާދު އަޅާފައި އެއަށްވުރެ ބޮޑު އެހެންކަމެއް ނުވާ ބީދައަކުން އެޝޯވ އާގެން ކުރިއަށް ދެއެވެ. މައްސަރުކަންތަކާހުރެ އަޅާނުލާތިބީއޭ ހީކޮށްލެވޭނީވެސް އަންހެން 'އެންކަރު' ތަކެއް ނަމަތާއެވެ. އަޅެ ނަމާދުކޮށްލައިގެން އައިސް އަނެއްކާ ކުރިއަށް ގެންދިޔަނަމައީ ކީއްހެއްޔެވެ؟ ފަހަރެއްގައި އެއީ ސްޕޮންސަރުންގެ އިރުޝާދުކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު ތިޔަ ސްޕޮންސަރުންނަކަށްވެސް ތިބާއަށް އެންމެފަހުވަގުތު ވެދެވޭނެ އެއްވެސް އެހީއެއްނޯންނާނެއެވެ. 

އެސްއެމްއެސް ކޮށްގެން ސްކޯރދިމާކުރުމާއިި މޮޅުވާނެޓީމެއް ބުނުންފަދަ ޙަރަކާތްތައް މިދުވަސްވަރު ވަރަށްގަދައަށް ކުރިއަށްދެއެވެ. އަދި ރަނގަޅުޖަވާބު ދިމާކުރާފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން އަގުބޮޑެތި އިނާމްތައް ދެވެއެވެ. މިއަށް ޖުވާއޭ ނުކިޔޭނެނަމަ ދެން ޖުވާއޭ ކިޔޭނެ އެހެން އެއްޗެއް ވާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރަން ދައްޗެވެ. މެޗްތައް ޤަވާޢިދުން ވަގުތުން ބަލާފަރާތްތަކަށް ޖަމާޢަތުގެ ނަމާދަށް ޙާޟިރުވުމާއި ފަތިސް ނަމާދު ވަގުތުގައި ކުރުމަކީ ވަރަށް ދަތިކަމަކަށް ވާނެއެވެ. އަމުދުން އިރުއޮއްސޭ ވަގުތު މެޗްކުޅެވޭތީ  މަޣުރިބުނަމާދު އަޅާފައި ވަރަށް ގިނަބަޔަކު ޓީވީބުޑުގައި ތިބޭތަން ފެނެއެވެ. ކޮންމެއަކަސް ދިވެހިޓީވީން ވޯލްޑްކަޕް ވަގުތުން ދައްކަން ފެށުމަށްފަހު ކޮންމެ ފަހަރަކުހެން ދިވެހިންގެ ޙާލަތު ހުންނަނީ މިފަދައަކުންނެވެ. 

މިއަހަރު ޔޫރޯގެ ހުރިހާ މެޗެއް  ވަގުތުން ދައްކާ ގޮތަށްވަނީ ހަމަޖެހިފައެވެ. ވޯލްޑްކަޕްހާ ފޯރިގަދަނުވިޔަސް މިއީވެސް ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު މުބާރާތެކެވެ. އެހެންކަމުން ހީކުރެވެނީ މީގެ ކުރިއެކޭ އެއްގޮތަށް މުބާރާތާއި ގުޅޭ ޙަރަކާތްތައް އެފަދަގޮތަކަށް ދާނޭކަމެވެ. އެހެންނަމަވެސް އެކަމުގައި މެދުމިނުގެ އުސޫލެއް ގެންގުޅުމަކީ އެންމެ ރަނގަޅުގޮތްކަމުގައި އަޅުގަނޑުދެކެމެވެ. އަޅުގަނޑުމެންގެ ދީނުގައި މުނިފޫހިފިލުވުމަކީ ނެތްކަމެއްނޫނެވެ. ފުޓްބޯޅައާއި ގުޅޭ ޙަރަކާތްތަކުގައި އަޅުގަނޑުމެންނަށް ބައިވެރިވެވިދާނެއެވެ. އެކަމަކު އަޅުގަނޑުމެންގެ ދީނީ އުސޫލުތަކާއި ވާޖިބުތަކަށް ހުރަސްއެޅިގެންދާނެފަދަގޮތަކަށް އެކަންކަމުގައި ހޭބޯނާރާ އުޅުމަކީ ކަމުދާގޮތެއްނޫނެވެ. މެޗްގެ ސްކޯރދިމާކުރުމަށް އެސްއެމްއެސް ކޮށް އިންޓަރނެޓްކްއިޒްތަކުގައި ބައިވެރިވެ، ބޮޑުޚަރަދުކޮށްގެން ޓީވީއާއި ޕްރޮޖެކްޓަރާއި އެނޫންވެސް އެފަދަ އާލާތްތައް ގަނެ ޖަގަހަތައް ހަދައި ރޭނގަޑު ދަންވަރު ހޭލާތިބެ ޕްރީމެޗްޝޯވތަކާއި މެޗްތަށް ބަލާފައި ފަތިސްނަމާދު ވަގުތު ގާތްވުމުން އަރާއޮށޯވެ ނިދުމަކީ ފުޓްބޯޅައިގައި ހައްދުފަހަނައަޅައިދިއުން ނޫންކަމުގައި އަޅުގަނޑު ނުދެކެމެވެ.

No comments:

Post a Comment