Monday, June 2, 2014

އަހަރުމެންގެ ލަދުޙަޔާތް އަރުއްވައިގަތީހެއްޔެވެ؟

އަޅުގަނޑުގެ 4 އަހަރުގެ އަންހެންދަރިފުޅުގެ ބޭސްފަރުވާޔަކަށް އަމިއްލަ ކުލިނިކަކަށް ދިޔައީމެވެ. މާލޭގެ އެމަޝްހޫރުކުލިނިކަށް ދިޔައީ އަޅުގަނޑުގެއަންހެނުންނާއި، އަންހެންދަރިފުޅާއި، 7 އަހަރުގެ ފިރިހެންދަރިފުޅާއި އަދި އަންހެނުންގެ ފިރިހެންކޮއްކޮއަކާއެކުގައެވެ. ކުލިނިކަށްވަދެ ނަމްބަރުނަގައިގެންގޮސް ނަމްބަރާއި ޖެހެންދެން އިށީނދެ ތިބުމަށް ބަހައްޓާފައި ހުރި ގޮނޑިތަކުގައި އިށީނީމެވެ. އަޅުގަނޑުމެން އިށީނދެ ތިބި ގޮނޑިތަކަށްވާގޮތަށް ދިމާ ކުރިމަތީ ފާރުގައި ގާތްގަޑަކަށް 15 ވަރަކަށް ފޫޓް ދުރުގައި ބޮޑު ފަތިޓީވީއެއް ހަރުކޮށްފައި ހުއްޓެވެ. އެޓީވީން އެވަގުތު ދައްކަމުންދިޔަ ޗެނަލްގެ ނަމަކަށްއިނީ ޓީވީއެމްގެ އަކުރުތަކެވެ. އެކަމަކު އެތަރުތީބަކުންނޫނެވެ. މިހެންދެންނެވީމާ އެއީ ކޮން ޗެނަލެއްކަން ފިނަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެހެން ހީވެއެވެ. އެވަގުތު ދައްކަމުންދިޔައީ ލަވައެކެވެ. ބިކިނީގައި ނަށަމުންދިޔަ ބައިވަރު އަންހެނުންތަކެއް އެންމެ ފިރިހެނަކު ވަށައިލައިގެން އުޅޭ މަންޒަރެވެ.

 އަޅުގަނޑުގެ ދެކުދިންގެ ކަޅިހުރީ ޓީވީއާއި އަމާޒުވެފައެވެ. އެކުދިންނަކީ ގޭގައި އުޅޭއިރުވެސް އޮޅުމަކުންނޫނީ ދިވެހި ލަވައެއްގެ ކުޑަތަންކޮޅެއްވެސް ނުފެންނާނެކުދިންނެވެ. އަޅުގަނޑު ފޯނާއި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން އެކުދިންގެ ސަމާލުކަން އެ ޓީވީއާއި ފޭކުރެވޭތޯ ނާކާމިޔާބު މަސައްކަތްތަކެއް ކުރަމުން ދިޔައީމެވެ. އެތަނުގައި ބައިވަރުމީހުން ތިއްބެވެ. އިތުރު ހުސްގޮނޑިއެއްނެތުމުން އެހެން ދިމާލަކަށް ޖެހިލެވޭކަށްވެސް ނެތެވެ. ދެންތިބިމީހުންނަށް އެ ޓީވީއިން މިހާރު އެދައްކާ މަންޒަރުތައް ދެއްކުމެކޭ މަދަޙައެއް ދެއްކުމެކޭތަފާތެއް ވާހެނެއް އެމީހުންގެ ޙަރަކާތްތަކަކުން ހިޔެއްނުވެއެވެ. އެންމެފަހުން އަޅުގަނޑަށް ކެތްނުވެގެން ރިސެޕްޝަންގައި އިން ކުއްޖާގާތަށް ޖެހިލައި ޓީވީގެ ޗެނަލް ބަދަލުކޮށްދީފާނަންތޯ މަޑުމައިތިރިކަމާއެކު އެދުނީމެވެ. ނަޞީބަކުން އޭނާ އެކަމަށް ދެކޮޅެއް ނެހެދިއެވެ. ރިމޯޓްނަގާފައި ޓީވީއެމް އަށް ބަދަލުކޮށްލިއެވެ. މެންދުރުވަގުތުކަމުން ޓީވީއެމް އިން އެވަގުތު ދައްކަމުން ދިޔައީ މަދަޙައެވެ. އަޅުގަނޑަށް ހަމަޖެހިލައިގެން ގޮނޑީގައި އިށީނދެވުނީ ދެނެވެ.


ކޮންމެއަކަސް މީ މިހާރު އަޅުގަނޑުމެންގެ ޙާލަތު ހުރިގޮތެވެ. ބަދުއަޚުލާޤީ ޢަމަލުތައް އަޅުގަނޑުމެންގެ ތެރޭގައި ޢާއްމުވެފައިވާލެއް ބޮޑުކަމުން ކަންބޮޑުވެގެން ނޫޅޭ މީހަކު ނެތެވެ. އެކަމަކުވެސް މިކަންކަމުގެ އަސްލުސަބަބުތަކަށް ރިޔާޢަތްކޮށް މައްސަލަ ޙައްލުވޭތޯ މަސައްކަތްކުރަނީ ކޮންބައެއްތޯއެވެ. ބަދުއަޚުލާޤީ ޢަމަލެއް ފެންމަތިވެ މީހަކު ނުވަތަ ބަޔަކު ހައްޔަރުކުރާއިރަށް  ހަރުކަށި އަދަބުދޭށޭ ކިޔައިގެން އެތައްބަޔަކު ވާހަކަދައްކަންފަށައެވެ. ރޭޑިޔޯއާއި ޓީވީ ޗެނަލްތަކުންވެސް މާ "ދީނީވެގެން" ދީނާއި ބީރައްޓެހި ފިކުރުގެންގުޅޭ ކަމުގެ ތުހުމަތުގައި ތަފާތު މީސްމީހުންނަށް އަމާޒުކޮށް ފަށުއި ރިޕޯޓްތައް ފޮނުވާހަދަތެވެ. އެއާ ވިއްދާ ދެން ފޮނުވާނީ ބަލަން ނުވަތަ އަޑުއަހަން ހެޔޮނުވާ ވަރުގެ ތަކެއްޗެވެ. ނޫސްމަޖައްލާތަކުންވެސް އެފަދަ ޢަމަލުތަކާއި ދެކޮޅަށް ފާޑުފާޑުގެ ލިޔުންތައް ލިޔެ ނެރެއެވެ. އެކަމަކު ހަމަ އެ ނޫސްމަޖައްލާތަކުގައި ޖަހާފައި ހުންނަ ބައެއް ފޮޓޯތައް ފެނިފައި އަހަރުމެންގެ ލަދުޙަޔާތް ހަމަރަނގަޅަށްވެސް އަރުއްވައިގެންފިއޭ ހީވާހާވެއެވެ. 

No comments:

Post a Comment