Tuesday, March 4, 2014

ބިސްމި ނުކިޔާ ގުރޫޕުގެ ބޮޑުމީހާ

"މިހިރަ އަންނަނީ ބިސްމި ނުކިޔާ ގުރޫޕުގެ ބޮޑުމީހާ"
މޫސަ އާއި އަލީ މަގުކަނުން ލަނބާލުމާއެކު އެތާ ބަހައްޓާފައި ހުރި ޖޯލިފައްޗެއްގައި ތިބިބައެއްގެ ތެރެއިން އެކަކު ބުނިއަޑުއިވުނެވެ. އެވަގުތު އަލީ ކުޑަކޮށް ހުއްޓި ހުރުމަށްފަހު ޖޯލިފައްޗާއި ކައިރިއަށް ޖެހިލިއެވެ.
"އަޅާނުލާ ހިނގާދާން" މޫސަ އަވަސްއަވަހަށް އެތަނުން ދިޔުމަށް ވިސްނިއެވެ.
"ނޫން. މިއަދު މީނާޔާއި ވާހަކަދައްކަން އެބަޖެހޭ" އަލީ ހަރުގޮތަކަށް ޖަވާބުދިނެވެ.
"އިބުރާހިމްބެ ތިޔަހެން ތިބުނީ އަހަރެންނާއި ދިމާލައްތަ؟" އަލީ އެހެންބުނިމީހާއަށް މުޚާތަބު ކުރިއެވެ.
"އާން!" ހީވާގޮތުން އިބުރާހިމްބެވެސް އެއިނީ ރަނގަޅަށް ތައްޔާރުވެގެންނެވެ.
"އެއީ ކީއްވެ؟" އަލީ އެހިއެވެ.
"އެއީ އަލީ އިމާމުވެ ނަމާދުކުރާއިރު އަލްޙަމްދުގެ ކުރިން ބިސްމި ނުކިޔާތީ" ޖޯލިފަތީގަ ދެންތިބިމީހުންވެސް މިޒުވާބަށް ވަރަށް ސަމާލުވިއެވެ. މީގެކުރިންވެސް އިބުރާހިމްބެ އެގޮތަށް އަލީއާއި ދިމާކުރެއެވެ. އެކަމަކު އަލީ އެއްވެސް ރައްދެއް ނުދެއެވެ. އެހެންނަމަވެސް މިއަދު މުޅިން ތަފާތެވެ.
"ކިހިނެއް އެނގެނީ އަހަރެން ބިސްމި ނުކިޔާކަމެއް؟"
"އެއީ ކިޔާ އަޑު ނީވޭތީ. އެހެންމީހުންއިމާމުވެ ނަމާދުކުރާއިރު ކިޔާއަޑުއިވޭވިއްޔަ"
"އިބުރާހިމްބެ މެންދުރުނަމާދުކުރާއިރު އަލްޙަމްދުކިޔަންތަ؟ ނޫނީ އިމާމު މީހާ ކިޔާތަ؟" ރަނގަޅު ޒުވާބެއް އަޑު އެހުމުގެ އުއްމީދުގައި ތަންކޮޅެއްދުރުދުރުގައި ތިބިމީހުންވެސް މިހާރު ޖޯލިފައްޗާއި ކައިރިއަށް ޖެހެންފެށިއެވެ.
"އާނ ކިޔަން އަދި އިމާމާވެސް ކިޔާ"
"އުނހު ނުކިޔާ" އަލީ ގެބަސްމަގުހުރިގޮތުން މޫސަވެސް މިހާރު ވަރަށް ކަންބޮޑުވެއްޖެއެވެ.
"އައްޔަށް ކިހިނެއް އެނގެނީ؟" އިބުރާހިމްބެ އެހިއެވެ.
" އެއީ އަހަރެން ބިސްމިނުކިޔާކަން އިބުރާހިމްބެއަށްވެސް އެނގުނުގޮތަށް.  އަޑުނީވޭތީ"
"ތިދެން ހާދަހެއްވާ ވާހަކައެކޭދޯ. ސިއްރުން ކިޔަންޖެހޭ ތަކެތި ކިޔާ އަޑެއްނީވޭނެއެއްނު"
"ދެން ބިސްމި؟" ކޮންމެވެސް މީހަކު އެތަނަށް ގެނެސްދިން ގޮނޑިއެއްގައި ރަނގަޅަށް ހަމަޖެހިލަމުން އަލީ އެހިއެވެ.
"ބިސްމިކިޔަންޖެހޭނީ ބާރަށް. އަލްޙަމްދު ބާރަށް ކިޔާނަމަ" އިބުރާހިމްބެ ވަރަށް ހަރުދަނާ އަޑަކުން ބުނެލިއެވެ.
"ކިހިނެއް އެނގުނީ އެކަން؟ "
"ކޮންކަމެއް؟"
"ބިސްމި ބާރަށް ކިޔަންޖެހޭކަން"
"ބަލަ މިއޮއްހުރިހާ ޒަމާންވަންދެންވެސް ބިސްމި ކީ ބާރަކަށްނު"
"އެހެންވީމާ؟"
"އެހެންވީމާ މިހާރުވެސް އެކަން އޮންނާނީ ހަމައެގޮތަކަށްނު؟" އެތަނުގަ މިހާރު ވިއްސަކަށް މީހުން ތިބޭނެއެވެ. އެދެމީހުންފިޔަވައި އެހެން މީހެއްގެއަޑެއް ނީވެއެވެ.
"އެތައް ޒަމާނެއް ވަންދެން ކަމެއް ވަކިގޮތަކަށް ކުރަމުން އައިތީ އެކަން އެއީ އެންމެރަނގަޅުގޮތަށް ވާންޖެހޭތަ؟"
"ރަނގަޅުގޮތަށް ވާތީއެއްނު އެކަން ކުރާނީ؟" އިބުރާހިމްބެ ހެކިދެއްކިއެވެ.
"އެހެންވިއްޔާ ޒިޔާރަތްތަކަށް މިހާރު މީހުން ނަދުރުބުނެ ނަހަދަނީ ކީއްވެ؟"
"އެއީ ޝިރުކެއްނު؟"
"ބަލަ މިއޮއްހުރިހާ ޒަމާންވަންދެންވެސް ނަދުރު ބުނެ ހެދިއެއްނު. ރަނގަޅުކަމަކަށްވާތީއެއްނު އެކަންކުރީ؟ ކީއްވެ އެކަން ހުއްޓާލީ؟"
"އެކަމަކާ މިކަމާ އޮތީ ކޮން ގުޅުމެއް؟"
"އެކަމަކާއި މިކަމާއި ގުޅުމެއްނެތް. އެކަމަކި ތިބުނީތާ ރަނގަޅުކަމަކަށް ވާތީއެއްނޫންހޭ ކުރާނީ. ކަމަކީ ރަނގަޅުކަމެއްކަން ސާބިތުކޮށްދޭން އެކަންކުރި މުއްދަތު އެއީ ޙުއްޖަތަކަށްވާނެތަ؟ ޙުއްޖަތަކަށްވަންޏާ ގޯސް އެއްވެސް ކަމެއްއޮންނާނެތަ؟"
"އެކަމަކު ރާއްޖޭގެބޮޑެތި ދަންނަބޭކަލުންވެސް ބިސްމި ކިޔައެއްނު ބާރަށް؟"
"ހަމައެގޮތަށް އިބުރާހިމްބެއަށް އެނގޭނެ ބާރަށް ބިސްމިނުކިޔުއްވާ ބައިވަރުދަންނަބޭކަލުންވެސް އުޅުއްވާކަން. އެހެންނު؟"
"އެހެންވިޔަސް ބިސްމި ބާރަށްކިޔުމަކީ މައްސަލައެއްނޫނެއްނު؟"
"ބިސްމި ބާރަށް ކިޔައިގެންނެއް އަހަރެންނެއް މައްސަލައެއް ނުޖައްސަން. ފާޑުފާޑުގެ ނަންނަމަކުންވެސް ނުގޮވަން އަދި އެފަދަ އިމާމުންގެ ފަހަތުގައި ނަމާދުނުކުރާކަށްވެސް ނޫޅެން. ބިސްމި ބާރަށް ނުކިޔައިގެން އަހަރެންނަށް ފާޑުފާޑުގެ ލަޤަބުތިދެނީވެސް އިބުރާހިމްބެ ތާ؟ ދެން އިބުރާހިމްބެ ބިސްމި ނުކިޔާގުރޫޕުގެ ބޮޑުމީހާގެ ނަން އަހަންނަށް ދިނީތީ  ދެތިން ސުވާލެއް ކޮށްލާނަން. ގެއިން ނުކުމެ ތީނީ ގެއިން ނިކުންނަމުން  ކިޔާ ދުޢާ ކީމުތަ؟" އިބުރާހިމްބެ ޖަވާބެއް ނުދިނެވެ.
"ގެއަށް ވަންނަމުން ކިޔާ ދުޢާ ކިޔަމުތަ؟"
"މިސްކިތަށް ވަންނަމުން ކިޔާ ދުޢާ ކިޔަމުތަ؟ މިސްކިތުން ނިކުންނަމުން ކިޔާދުޢާޔޯ" ފުލުފުލުގައި ޢަލީ ސުވާލުކުރިއެވެ.
"ކާންފެށުމުގެ ކުރިން ކިޔަން ޖެހޭ ދުޢާ ކިޔަމުތަ؟ ވުޟޫކުރަންފެށުމުގެ....."
ތި ސުވާލުތައް ކުރުމުގެ ބޭނުމަކީ ކޮބާ؟ އެންމެފަހުން އިބުރާހިމްބެ ޢަލީގެ ވާހަކަ މެދުކަނޑާލިއެވެ.
"އެނގޭތަ އެހުރިހާ ދުޢާއެއްގައިވެސް 'ބިސްމިﷲ' މިލަފުޒު ހިމެނޭކަން؟ އަދި ކޮންމެ ރަނގަޅު، ރިވެތިކަމެއްކުރަން ފަށަންޖެހެނީ ބިސްމިﷲ ކިޔުމަށްފަހުކަން؟ އަހަރެންނަކީ އެކަން އެގޮތަށް ކުރެވޭތޯ ގަދައަޅާ މަސައްކަތްކުރާމީހެއް. އިބުރާހިމްބެ އެގޮތަށް އެކަންކުރަންތަ؟
އިބުރާހިމްބެ އިސްޖަހާލިއެވެ.
"ރެއަކާދުވާލެއްގެތެރޭގައި ކިތައްފަހަރު ގެއަށް ވަދެނިކުމެވާނެ؟ ކިތައްފަހަރު މިސްކިތަށްއަރާފައިބާނެ؟ ކިތައްފަހަރު ކައިބޮއެ ހަދާނެ؟ އަދި އެނޫނަސް ކިތައްކަންތައް ބިސްމީގެ ބަރަކާތުން ފަށާނެ؟ އެހެންވިއްޔާ ބިސްމި ނުކިޔާގުރޫޕުގެ ބޮޑުމީހަކި އަހަރެންތަ؟ ނޫނީ އިބުރާހިމްބެތަ؟"
އިބުރާހިމްބެ އިސްއުފުލާވެސް ނުލައެވެ.
"އިބުރާހިމްބެ ގާތުކުރިންވެސް އަހަރެން އެދުނިން ތިފަދަ ޢިބާރާތް ބޭނުން ނުކުރުމަށް އެހެންނަމަވެސް ހަމައެއްގޮތަކަށްވެސް ހުއްޓާނުލީމާ މިއަދު މި އެންމެންގެ ތެރޭގައި މިވާހަކަ ދައްކަން މިޖެހުނީ އުއްމީދުކުރަން މިހިސާބުން މި ނިމުނީކަމަށް" އަލީ އިތުރުބަހެއް ނުބުނެ ތެދުވެގެން ހިނގައިގަތެވެ. މޫސަވެސް ފާޑަކަށް ގަބުވެފަހުރެ ޢަލީގެ ފަހަތުން ނައްޓާލިއެވެ.

No comments:

Post a Comment