މީހަކު ހުކުރު ޚުޠުބާއަޑުއަހާ ހިތުން ހުކުރު
ދުވަހަށް އިންތިޒާރުކޮށްފާނެހެއްޔެވެ؟ ނުވަތަ ޚުޠުބާއަޑުއަހަމުން ދާއިރު އެޚުޠުބާއަވަހަށް
ނިންމާނުލާ ކުރިޔަށް ގެންދާނެނަމަ ކިހާ ރަނގަޅުހޭ ހިތާފާނުހެއްޔެވެ؟
މިސުވާލުތަކުގެ ޖަވާބުގައި އަޅުގަނޑު
ދަންނަވާނީ ރާއްޖޭގައި ނަމަ ހަމަ ޔަޤީނުންވެސް ނޫނެކޭއެވެ. ރާއްޖެއިން ބޭރުގައި
ނަމަ ނޫނެކޭ ދަންނަވާކަށް ނުކެރޭނެއެވެ.
ހުކުރު ޚުޠުބާ އަކީ އޭގެ ސަބަބުން އިސްލާމީ
މުޖުތަމަޢަށް ވަރަށް އެކަށޭނަ އަސަރެއް ކުރުވިދާނެ އެއްޗެކެވެ. އެހެންނަމަވެސް
ދިވެހިރާއްޖޭގައި އެކަން އެގޮތަށް ވާހެނެއް ހިޔެއްނުވެއެވެ.
އަޅުގަނޑު އެންމެ ކުޑައިރުއްސުރެ ހުކުރު ޚުޠުބާކިޔާވަގުތު
މިސްކިތުންފެންނަނީ ގިނަބަޔަކު ތާއްޔާޖެހިޖެހި ތިބޭ މަންޒަރެވެ. އޭރު ހީކުރެވެނީ
އެމީހުން ނިންޖަށް ބަލިވެފަ ތިބޭތީ ވާގޮތެއްކަމުގައެވެ. އެކަމަކު އެމީހުންނަށް
އެނިދެނީ އިވޭ "ނާނާ" އެއްގެސަބަބުންކަން އެނގުނީ ތަންކޮޅެއްފަހުންނެވެ.
އަޅުގަނޑު ހަނދާން ހުންނަންފެށީންސުރެ ދާދި ފަކަހާޖެހެންދެން އެއް ޚުޠުބާތަކެއް
ތަކުރާރުކޮށް ކިޔެމުންދިޔައެވެ. ތަކުރާރުކޮށް ކިޔަމުންދިޔަލެއް ގިނަކަމުން ޚުޠުބާއަޑުއަހާމީހުންނަށް
ޚުޠުބާތައް ހިތުދަސްވެ ޚަޠީބުމީހާ ޚުޠުބާއިން ތަންކޮޅެއް ގޯސްކޮށްކިޔައިފިނަމަ
ރަނގަޅުކޮށްދެވޭހާ ވަރުވިއެވެ. ކުރިން،ތަކުރާރުވީހާގިނައިން ނުވިކަމުގައިވިޔަސް މިހާރުވެސް ޚުޠުބާތައް
ތަކުރާރުވަމުން އެބަދޭމެއެވެ.
ޕޯޑިއަމްތައް ދޮށަށް ހުއްޓި ބައެއް
ވާހަކަދެއްކުންތެރިންގެ ހުށައަޅާ ތަޤުރީރުތަކަކީ އޭގެ ސަބަބުން އަޑުއަހާ މީހުންގެ
ހިތްތަކުގައި އާދަޔާ ޚިލާފުޖޯޝަކާއި ޝައުޤުވެރިކަމެއް އުފައްދާ ތަޤުރީރުތަކެކެވެ.
އޭގެ ސަބަބުން ހަމަ ކުޑަހިނދުކޮޅެއްގެ ތެރޭގައި މީހާގެ ވިސްނުން ބަދަލުވެ، ރަނގަޅު
ގޯހަށްވެ އަދި ގޯސްރަނގަޅަށް ވެދެއެވެ. ޕޯޑިއަމްދޮށަށް ހުއްޓި ލިޔެފައިވާ ލިޔުމެއް
ކިޔާލުމަކުން އެފަދަ އިޙުސާސްތަކެއް އުފެދިގެން ދިޔުމަކީ ވަރަށް ނާދިރުކަމެކެވެ. ޚުޠުބާ އަކީ ދޭންޖެހޭއެއްޗެކެވެ.
ތަޤުރީރުދޭހެންނެވެ. އެއީ ޙަޤީޤަތުގައި، ކިޔާ ނުވަތަ ކިޔަންޖެހޭ އެއްޗެއްނޫނެވެ.
އެހެންނަމަވެސް ދިވެހިރާއްޖޭގައި ޚުޠުބާ އަބަދުވެސް ކިޔާނީއެވެ.
ލިޔުމެއްބަލައިގެންވެސް ޚުޠުބާ ކިޔާނީއެވެ. ލިޔުމެއް ނުބަލާވެސް ޚުޠުބާ
ކިޔާނީއެވެ. ރަދީފު ބައްލަވާށެވެ. ޚުޠުބާދިނުން އެއަކު ނޯންނާނެއެވެ. މޮޅު
ވާހަކަދެއްކުންތެރިން ތަޤުރީރުތައް ދޭފަދައިން އަޑުއަހާ މީހުންގެ ހިތްތަށް
އިސާހިތަކު ބަދަލުކޮށްލާފަދަ ޚުޠުބާތައް ދެވިދާނެއެވެ. އަސަރުގަދަޚުޠުބާގެ
އެހީގައި މީހުންގެ ހިތްތަށް މަޑުމޮޅިކުރުވައެވެ. ލޯތައް ތެއްމާލައެވެ. ވިސްނުން
ބަދަލުކުރުވައެވެ. ޢަމަލަތައް ބަދަލުކުރުވައެވެ. މީހާ ހަމަމަގަށް ގެނުވައެވެ.
ދެން އޮތީ ޚުޠުބާގެ މައުޟޫޢެވެ. ސުރުޚީއެވެ.
އޭގައި ހިމެނޭ ވާހަކަތަކެވެ. މިވެސް އޮންނަނީ ވަކި ތައްގަނޑަކަށް ފެތި
ނިމިފައެވެ. ކުރީގަވެސް އެގޮތަށެވެ.
މިހާރުވެސް އެކަހަލަ ގޮތަކަށެވެ. ކުރީގައި ނަމަ މުޙައްރަމްފަސް ފެށުނީއްސުރެ
ނިމެންދެން އޮންނާނީ ހިޖުރައިގެ ވާހަކައެވެ. ދެން ދުވަސްކޮޅަކުން އޮންނާނީ
ރަސޫލު(ޞ) ގެ ޢީދުމީލާދު ވާހަކައެވެ. ދެން އޮންނާނީ އިސްރާއާއި މިޢުރާޖުގެ
ވާހަކަތަކެވެ. ދެން ޤިބުލަބަދަލުކުރެވުނު ގޮތުގެ ވާހަކަތަކެވެ. ދެން އެއަށްފަހު
ރޯދައެވެ. އޭގަފަހުގައި ހަރޯދައެވެ. ދެން އެންމެ ފަހުން ޙައްޖުގެ ވާހަކަތަކެވެ.
އަނެއްކާ ބުރު އަލުން ފަށަންވީއެވެ. ކޮންމެއަކަސް މިސުރުޚީތައް ކަނޑައެޅިފައި
މިވަނީ ހިޖުރީ މަސްތަކާއި ގުޅުވައިގެންނެވެ. ތަފާތު އެހެން ސުރުޚީއެއްގެ
ޚުތުބާއެއް އަޑުއިވޭނީ މިސުރުޚީތަކާގުޅޭ މައްސަރުތައް ފިޔަވައި ދެން އޮންނަ މަސްތަކުގައެވެ.
ދެންއޮތީ މިހާރަށް ބަލައިލުމެވެ. އެގޮތުން
މިހާރު އަދި ކުރިއަށްވުރެވެސް ވަކުސުރުޚީއެއް ކަނޑައެޅިފައިވާ ހުކުރުދުވަސްތައް
މާގިނަހެން ހީވެއެވެ. މިހާރު މުޙައްރަމު މަހު އެއްކޮށް ހިޖުރައިގެވާހަކައެއް
އަޑެއް ނީވެއެވެ. ޤިބުލައިގެ ވާހަކައިގެ ސަބަބުން ޝަޢުބާން މަސް އަދި ނުނިމިގެން
އުޅޭކަން އިނގޭކަށް ނުޖެހެއެވެ.
މިހާރު "މުޞީބާތެއްހެން"
ލައިގެނަގެން މިއުޅެނީ ރާއްޖޭގައި ނުވަތަ މުޅިދުނިޔޭގައި ފާހަގަކުރާ
އެކިދުވަސްތަކެވެ. އެދުވަސްތައް ފާހަގަކުރާން އަހަރެއްގެ ތެރޭގައި މިއޮންނަ
365ދުވަސް އެބަ މަދުވާހެންވެސް ހީވެއެވެ. ހަފުތާގެތެރޭގައި އަންހެނުންގެ ދުވަސް
ފާހަގަކޮށްފިނަމަ ހުކުރު ޚުޠުބާގެ ސުރުޚީއަކީ އަންހެނުންނެވެ.
ކުޑަކުދިންދުވަސްފާހަގަކޮށްފިނަމަ ސުރުޚީއަކީ ކުޑަކުދިންނެވެ. ހަފުތާގެ ތެރޭގައި 5
ޖޫން އަތުވެއްޖެނަމަ ސުރުޚީ އަކީ ޕްލާސްޓިކް ކޮތަޅާއި ތިމާވެށްޓެވެ. ފެނުގެ ދުވަސް
އަތުވެއްޖެނަމަ ފެނެއެވެ. މޫސުމާއި ބެހޭދުވަސް އަތުވެއްޖެނަމަ.... މިހެންގޮސް
ލިޔާނެކަމެއްނެތެވެ. މިދާވަރުންދަންޏާ "ވޯލްޑް ޕިލޯވްފައިޓް ޑޭ- ދުނިޔޭގެ
ބާލީހުން ތެޅުމުގެ ދުވަސް" ވެސް ޚުޠުބާތަކުގައި ފާހަގަކޮށްފާނެހެން
އެބަހީވެއެވެ. މިބުނީ ހަމަ ޙަޤީޤަތުގައިވެސް ފާހަގަކުރާ ދުވަހެއްގެ ވާހަކައެވެ.
މިކަމަކާހުރެ މަރެއް، ކަށްވަޅެއް، ޤިޔާމަތެއް،
އާޚިރަތްދުވަހެއް، ހިސާބު ބެއްލެވުމެއް، ޞިރާޠުމަގެއް، ނަރަކައެއް، ސުވަރުގެއެއްގެ
ވާހަކައެއް ދައްކާނެ ވަގުތެއް ނުވެއެވެ. އަހަރުގެ ކޮންމެ ދުވަހަކީވެސް
"ދުވަހެކެވެ" އެ"ދުވަސް"
އައުމުން ދައްކަން މިޖެހެނީ އެ"ދުވަހު"ގެ ވާހަކައެވެ.
އެހެންކަމުން ޤިޔާމަތްދުވަހުގެ ވާހަކަދެއްކެން މިއޮތީ އެދުވަސް އައުމުން ނޫންހެއްޔެވެ؟
ޚުޠުބާއަކީ "ރޫޓިންގ" އެއްޗެކެވެ. ގިނަބަޔަކު
މިސްކިތައްދަނީވެސް ޚުޠުބާ ނިމުނީއެވެ. އަދި ކުރިންދިޔަނަމަވެސް އަޑުއަހަނީ
މަދުބަޔެކެވެ. ތިބެނީ މިސްކިތުން ބޭރުގަ އެމީހުންގެ "އަމިއްލަޚުޠުބާ"
އެއްގައެވެ. މިއީ ވަރަށްބޮޑަށް މަނާކުރެވިފައިވާ ކަމަކަށް ވާއިރުވެސް މެއެވެ.
މިސްކިތުގައި ތިބޭ ގިނަމީހުން ތިބެނީ ނިދާފައެވެ. ނުވަތަ ޣާފިލްކަންމަތީގައެވެ.
މިކަންތައްތައް ބަދަލުކުރެވެނީ ޚުޠުބާތައް ބަދަލުކޮށްގެންނެވެ. ޚުޠުބާ ކިޔުން ޚުޠުބާ
ދިނުމަށް ބަދަލުކޮށްގެންނެވެ. އިސްލާމީ ތާރީޚުގެ އަސަރުގަދަ ފަތްފުށްތައް އެޚުޠުބާތަކުގައި
ހިމެނިގެންނެވެ. ރަސޫލު(ޞ) އާއި އެކަލޭފާނުންގެ އާލު އަޞްޙާބުންގެ ވާހަކަތަކަކީ
އަސަރުން ފުރިފައިވާ ރިވެތި ވާހަކަތަކެކެވެ. ކޮންމެ ޞަހާބީ ބޭކަލަކާއި
ބޭކަނބަލެއްގެ ވާހަކައަކީވެސް އަސަރުގަދަ އަދި "ޔުނީކް" ވާހަކައެކެވެ.
މިފަދަ ވާހަކަތަކުގެ އެހީގައި އަޅުގަނޑުމެން އިހަށްވީ އަޅުގަނޑުމެންގެ އީމާންކަން
ހަރުދަނާކުރާށެވެ. ދީނުގެ ޙުކުމްތައް އުނގެނި ދަސްކުރާށެވެ. އޭރުން އިސާހިތަކު
އަޅުގަނޑުމެންގެ މެދުގައި އިސްލާމީރޫޙު އާލަވެ މުޖުތަމަޢު އަމާން
ހިއްފަސޭހަތަނަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. އެއަށްފަހު އަޅުގަނޑުމެންނަށް
އަންހެނުންގެ ވާހަކައާއި، ކުޑަކުދިންގެ ވާހަކަ އާއި އަދި ތިމާވެށީގެ ވާހަކަވެސް ޚުޠުބާތަކުގައި
ގެނެވިދާނެއެވެ. އެހެންނޫންނަމަ މިކުރެވެނީ ފޫނެއްފަޔަކަށް ފެންފުރުންކަހަލަ
ކަމެކެވެ.